ޖަމީލު މި ގުޅުވައިލަނީ ބޮޑު ޚިޔާނާތާއި ޕީއެންސީ؟

ދިވެހި ތާރީޚު ބާއްވައިށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ހަފޮޅުން ބޭރުވެ، ދުނިޔޭގެ ފެންވަރުގެ ބޮޑު ފޭރުމެކެވެ. އެ ހިޔާނާތުގެ ފެށުމަކީ އެ ހިޔާނާތުގެ މުގުލުގައި ހުންނެވިކަމަށް ޝަރީއަތުގައި އިއުތިރާފުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިޔާސީ އެރުމޭ ބުނެވިދާނެއެވެ.

ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ދުރު ކުރުމަކީ އެ އެރުމުގެ ބައެކެވެ. އިއްތިފާގުން އަދީބު ވަޑައިގެންނެވި މަގުގައި ހުންނެވީ ޖަމީލެވެ.

އިތުބާރު ނެތިގެން ޖަމީލު ވަކިކުރީ އަދީބު އެ މަގާމަށް ފަރިކޮށްފައެވެ. އެކަން ހިނގީ އެހެނެވެ.

ދެން ޖަމީލު ވަކިކުރުމުން އިދިކޮޅުގައި ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ގަދަފަދަ ވެރިކަން ހަމަބިމަށް ތިރިވުމެވެ. އޭރު 2018ގެ އިންތިޚާބުގައި ޔާމީނަށް ކުރިމަތިވީ ނާކާމިޔާބީގައި ޖަމީލުގެ ދައުރު ބޮޑެވެ.

އިދިކޮޅުގައި ހުންނަވައިގެން ޖަމީލު ދައްކަވަމުން ގެންދެވި ހިޔާނާތުގެ ވާހަކައަކީ ރައްޔިތުން އެންމެ ބޮޑަށް ޔާމީނާ ނުރުހުންވީ ސަބަބެވެ. އެ މަނިކުފާނު ވެސް ހަގީގަތުގައި އެ ދުވަހު ތުހުމަތު ކުރެއްވީ ސީދާ ޔާމީނަށެވެ.

ރައީސް ޔާމީން(ކ) އަދި އަދީބު --- ފޮޓޯ: ރައީސް އޮފީސް

މިއަދު ޖަމީލަކީ އެންމެން ދޫކޮށްލިއިރު ވެސް ވަފާތެރިކަމާ އެކު ޔާމީން އަރިހުގައި ސާބިތުވެ ހުންނެވި ހަމައެކަނި ބޭފުޅާއެވެ. އެހެންވީމާ އެ މަނިކުފާނުގެ އިހްލާސްތެރިކަމާ މެދަކު ސުވާލެއް އުފެއްދޭކަށެއް ހަގީގަތުގައި ނެތެވެ. އެކަމަކު، މިއަދުގެ ސަރުކާރު ހިންގާ ޕީއެންސީ މުޅި ދިފާއަކީ ޖަމީލެވެ. ވިދާޅުވަނީ ޖަމީލް ޔާމީން 'ހާލުކޮށްލަނީ' ކަމަށެވެ. ޖަމީލެއް ޔާމީނަށް ހެވެއް ނޭދޭނެ ކަމަށެވެ.

އެކަމަކު، ޖަމީލު ކުރައްވަނީ އެހެން ތުހުމަތެކެވެ. އޭރު ވެސް ޔާމީނަށް އޮޅުވައިލެއްވީ ކަމަށެވެ. އަދީބާ އެކު އެ ހުރިހާ ސަކަރާތެއް ޖެއްސެވި ބޭބޭފުޅުން މިހާރު އެ ތިއްބެވީ ޕީއެންސީގައި ކަމަށް ޖަމީލު ތުހުމަތު ކުރައްވައެވެ.

ބޭވަފާގެ ވާހަކަ ދައްކަނީ އިތުރު ވާހަކައެއް ނެތީމާ

ޖަމީލު މަގާމުން ވަކިކުރުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެން އެންމެ ބޮޑު އަނިޔާއެވެ. އެއީ، އަދީބު ބާރުވެރިކަމަށް ގެނައުމަށް ޖެއްސެވި ސަކަރާތެއްކަން ސާފެވެ.

އެ ދުވަހު މަގާމުން ދުރުކުރުމާ އެކު ޖަމީލު ދެން ހުންނެވީ އިދިކޮޅުގައެވެ. އެންމެ ފާޅުގައި ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވާން ހުންނެވި އެއް ބޭފުޅަކީ ޖަމީލެވެ. އެކަމަކު، އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މިއަދު އެ ވާހަކަ ނަންގަވައިގެން އެ ވިދާޅުވާ ބޭފުޅުންނަކީ "އިންސާނިއްޔަތުކަމެއް އަޚުލާގެއް،" ނެތް ބޭފުޅުންނެވެ.

"ފާޑު ކިޔުމަކަށް އަޅުގަނޑު ކަންބޮޑެއް ނުވޭ އިނގޭތޯ. އެހެންނަމަވެސް ގިޔާމަތަށް ދާންދެން ވެސް އެނގެން އޮންނާނެ ހަގީގަތަކީ އެއްވެސް އިންސާނަކަށް ހައްގު ނޫން ފިޔަވަޅެއް، އަމަލެއް ހިންގައިފި ބަޔަކު އެއަށް ޒިންމާ ނަގަން ޖެހޭނެ ވަގުތެއް އަންނާނެ،" ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ އިސް ގާނޫނީ ވަކީލު ޖަމީލު "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. ޖަމީލު -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

އެ މަނިކުފާނަކީ ކުރީގެ ނައިބު ރައީސެކެވެ. އޭގެ ކުރިން ވެސް ޖަސްޓިސް މިނިސްޓަރުކަމުން ފެށިގެން ދައުލަތުގެ އެތައް މަގާމެއް ފުރުއްވި ބޭފުޅެކެވެ. އެކަމަކު، ދުވަހަކު ވެސް އޭނާ ކުރެއްވި ވައްކަމެއް ޚިޔާނާތެއްގެ ތުހުމަތު ވެސް ކޮށްނުލެވޭނެ ކަމަށް ޖަމީލު ވިދާޅުވިއެވެ. އެއީ، ޖަމީލުގެ ފަހުރެވެ. ކާމިޔާބީއެވެ.

"އަޅުގަނޑު ދައުލަތުގެ އެތަކެއް ވަޒީފާއެއް އަދާކޮށްފައި މިއަދާހަމައަށް އައިއިރުގައި އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންގެ ބައިތުލްމާލުން ނެގި އެއްޗެއް ކުރި ވައްކަމެއް، ވި ހިޔާނާތެއް، އުފުލި ކަޅު ދަބަހެއް، ގަތް ރެހެންދި ފުލެޓެއް، ހުޅުމާލެއިން ގަތް ބިމެއް، ދަރުމަވަންތަ ހޮސްޕިޓަލް ނުވަތަ އެހެން ބުރިޖަށް އަޅައިގެން ނެގި ކަޓެއް، ނުވަތަ މާލޭގެ އެތައް މިތާގައި ބިން ވިއްކާފައި ހޯދި އެއްޗެއްގެ ވާހަކަ ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެނގޭ މި ނޫން އެއްޗެއް ކިޔެން ނެތްކަން،"

މިއަދު ބޭވަފާވީ ވެސް އެ ދުވަހު އަދީބުގެ ބައިވެރިން

ޖަމީލަށް ފެނިވަޑައިގަންނަވާ ގޮތުގައި އެ ދުވަހު، ޔާމީންގެ ސަރުކާރާ ދެކޮޅަށް ޖަމީލު ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް އޮތީ ސާފުވެފައެވެ. ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ އިއުތިރާފުން ސާފުވީ ޖަމީލު ދެއްކެވި ވާހަކައިގެ ތެދުކަމެވެ.

ދެން ކުރެއްވީ ބޮޑު ތުހުމަތެކެވެ. ވިދާޅުވީ، ދައުވާއެއް އުފުލި، ކުށެއް ސާބިތުވެފައިނުވީ ނަމަވެސް އެ ދުވަހު އަދީބާ އެކު ބައިވެރިވީ ވެސް ހަމަ މިއަދު ޕީއެންސީގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެއީ، ޖަމީލް އިދިކޮޅުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅެއްގެ ރިކޯޑިން ދެއިރު ދެ ދަޅައަށް އަޅުވައިގެން ފަސް އަޅައި ފޮރުވައިލެވިދާނެ ހަގީގަތެއް ނޫނެވެ.

"އަބްދުއްރަހީމް [އަބްދުﷲ] މެން ވެސް ދެއްކި ވާހަކަ އެބަހުރި. ކޮން ކަހަލަ ވާހަކައެއްތޯ ދައްކާފައި އެހުރީ. އެއީ އެ ދުވަހުގެ އެ ހާލަތުގައި ދެއްކި ވާހަކަ،" ޖަމީލު ތުހުމަތު ކުރެއްވިއެވެ.

"އެ ދުވަހު އެ ބޭފުޅުން އެ ވާހަކަ ދެއްކެވީ އަދީބުގެ ފަރާތުން ލިބުނު މަންފާއަކަށް. އަދީބަށް ކުރެވުނު ތުހުމަތުތައް ނޫންތޯ އެއޮތީ ޕްރޮސެކިއުޓާ ޖެނެރަލް އެ ވިދާޅުވަނީ 800 އަހަރުގެ ހުކުމް އަންނަންޖެހޭ ބޭފުޅެކޭ،"

ޖޫން 25، 2020: ޑރ. ޖަމީލާއި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދީބު ނައިބު ރައީސްކަމަށް ގެންނަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެއްވި ބޭބޭފުޅުން މަސައްކަތް ކުރެއްވީ ލިބެން އޮތް މަންފާއެއްގެ ބޮޑު ކަމުންނެވެ. އެ މަންފާ ހޯދޭނެ މަގުންނެވެ. ޖަމީލު ބޭރުކުރުމަކީ އޭގެ ތެރެއިން ހިނގައި ދިޔަ ކަމެކެވެ.

"މަޖިލީހުގެ ތެރޭގައި އެ ދުވަހު އެ ބޭފުޅުން އެ ވާހަކަތައް ދެއްކެވި އަދީބާ ބައިވެރިވެގެން ނޫންތޯ؟ އެ ހަގީގަތާ ދުރަށް ނުދެވޭނެ. އެއީ ފެންނަން އޮތް ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ފަޅާއަރައިގެން މި ދަނީ އެ ދުވަހު ވެސް އިޚްލާސްތެރިކަން ނެތް ފަދައިން މިއަދަކު ވެސް ނެތޭ އިހުލާސްތެރިކަމެއް،"

މިއަދު އެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ހުކުމެއްގައި ހުންނެވި ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ޖަމީލު ގަބޫލުކުރެއްވިޔަސް ހަގީގަތުގައި އެ ދުވަހު އެ މަނިކުފާނު ވެސް ހުރިހާ ތުހުމަތެއް ކުރެއްވީ ޔާމީނަށެވެ. ވިދާޅުވީ، ޔާމީންގެ ސަރުކާރުން ގެނައީ ބާރު ސްޕީޑުގައި ވައްކަން ކަމަށެވެ. ޚިޔާނާތާއި ފަސާދައާއި ކޮރަޕްޝަން ކަމަށެވެ.

ސީދާ ސީދަލަށް އެ ސުވާލު ކޮށްލީމާ ޖަމީލު ވިދާޅުވީ، އޭރު ދެއްކެވި ވާހަކަފުޅުގައި ވެސް ގޯހެއް ނެތް ކަމަށެވެ.

އަދީބާއި ޒިޔަތު --

"އަދީބާއި ޒިޔަތު [އެމްއެމްޕީއާރުސީގެ އޭރުގެ ވެރިޔާ އަބްދުﷲ ޒިޔަތު] ނޫންތޯ ސަރުކާރު ހިންގީ. އަޅުގަނޑު އެއްފަރާތްކޮށްފައި ގެނައި މީހުންނަކީ އަދީބާއި ޒިޔަތު. އަދީބުގެ ޓީމު، އަދީބާ އެކީގައި ޕީޕީއެމްގެ މުޅި ލީޑާޝިޕް ކޭކު ފަޅަފަޅައި ތިބީ. އެ ފޮޓޯތައް އެބަހުރި ނޫންތޯ ދެއްތޯ؟ އަދީބާ އެކީގައި ކަޅު ދަބަސްތައް އުފުލަން އުޅުނު ކުދިންގެ ހެކިބަސްތައް ނޫންތޯ އެހުރީ؟ އޭގައި ދޮގަކީ ކޮބައިތޯ؟" ޖަމީލު ވިދާޅުވިއެވެ.

"ހަގީގަތަކުން ނުއެއް ރެކެވޭނެ. ހަގީގަތަކީ އަދީބާ އެކީގައި އެކަންކަމުގައި އުޅުނު ބަޔަނު އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ. ދައުވާ ކުރެވުމާއި ނުކުރެވުމަކީ ވަކި ކަމެއް،"

ބޮޑު ޚިޔާނާތުގެ ޒިންމާ ނަންގަވަން ޖެހޭނީ އަދީބާއި އެ މަނިކުފާނުގެ ބައިވެރިން ކަމަށް ޖަމީލު ތުހުމަތު ކުރައްވައެވެ. އެކަމަކު، އޭރު ވެރިކަމުގައި ހުންނެވި ޔާމީނަކީ އެ ޚިޔާނާތުގެ ކިލަނބުކަމުން ސާފު ބޭފުޅެއް ކަމަށް ޖަމީލު ގަބޫލުކުރައްވައެވެ.

"ރައީސް ޔާމީނަކީ މިއިން އެއްވެސް ކަމެއްގައި އެއްވެސް ތުހުމަތެއް ނިސްބަތްވާ ބޭފުޅެއް ނޫން. އެކަމަކު، ނިމިގެންދިޔަ ސަރުކާރުގައި އެންމެ ބޮޑު އަނިޔާއެއް ލިބިގެން މިދިޔައީ ރައީސް ޔާމީނަށް. ދެން ތިބި އެންމެން މި ތިބީ އުފާވެރިކަމުގެ ދާންމަތީގައި،" ޖަމީލު ވިދާޅުވިއެވެ.

ޕީޕީއެމުން ޖެހީ ޔާމީންގެ މޫނުފުޅުގައި

ޕީޕީއެމް ހިންގަން ޔާމީން ނެންގެވި ކޮމިޓީގައި އިސްކޮށް ހުންނެވީ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އެކަމަކު، ކަނޑައެޅިގެން ޔާމީންގެ އިރުޝާދުފުޅުން ކުރިއަށްދިޔަ ކަމެއްކަން އެނގެން އޮއްވައި ޕީޕީއެމުން މަލީހު ބޭރުކޮށްލީއެވެ.

ޖަމީލަށް އެއީ ޕީޕީއެމުން ޔާމީންގެ މޫނުފުޅުގައި ޖެހި ތަފާއްޔެކެވެ. އިސްކޮށް ހުންނެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

"އެ ދެ ބޭފުޅުން ރައީސް ޔާމީނަށް ގޮން ޖައްސަަވާފައި ރައީސް ޔާމީންގެ ނިންމެވުމަށް އެ ސިޓީއަކުން ރައީސް ޔާމީން އެކުލަވައިލެއްވި ކޮމިޓީއަށް ފިޔަވަޅު އަޅައި އެ ބޭފުޅުން ޕާޓީން ވަކި ކުރެއްވީ. އެ ދެންނެވީ ތިމަންނަމެން ބަލައެއް ނުގަންނަމޭ ރައީސް ޔާމީނެއް. ހަމަ އެ ވަރު ކަމެއް މިހާތަނަށް އެއްވެސް ބަޔަކު ނުކުރޭ،" ޖަމީލު ވިދާޅުވިއެވެ.

"ދެން ފެނުނީ ޕީޕީއެމްގެ މެމްބާޝިޕް ދިޔަގޮތަށް ގޮސް ޕީއެންސީއަށް ނަގާ ތަނޭ،"

ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. ޖަމީލު -- ސަން ފޮޓޯ/ އިންފިނިޓް މޫވަމަންޓްސް/ މުހައްމަދު މާވީ

އޭގެން ޖަމީލަށް ދުވަނީ ރޭވުމެއްގެ ވަހެވެ. މާ ދުރާލާ ރާވައިގެން ޔާމީން ބާކީކޮށްލަން ކުރި ސިޔާސީ ކަމެއްކަމަށް ޖަމީލު ތުހުމަތު ކުރެއްވިއެވެ.

ޖަލު ބަންދުން ވީއްލި ގޭބަންދަށް ބަދަލުކުރެއްވި ދުވަހުން ފެށިގެން ވެސް ލީޑާޝިޕުގެ ބޭފުޅެއް ޔާމީން އަރިހަށް ވަޑައެއްނުގަންނަވައެވެ. ޖަމީލަށް އެކަން ފެނިވަޑައިގަތީ ޔާމީން ބޭރުކޮށްލަން ކުރެއްވި މަސައްކަތެއްގެ ގޮތުގައެވެ. މާ ދުރާލައި ރާވައިގެން ކުރެއްވި ކަމެއްކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

"ވީރާނާކޮށްލަން، ހުލިކޮށްލަން، ޕީޕިއެމް ފައްތައިލަންށޭ [މަސައްކަތް ކުރެއްވީ]،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެ ޕާޓީ ހިންގެވި ލީޑަރު ރައީސް ޔާމީނަކީ. ދެން ނެތް ވަގުތެއްގައި އިތުބާރު ކުރައްވާފައި އަބްދުއްރަހީމަށް، އެތާ ހުންނެވި އެންމެ ދުވަސްވީ ބޭފުޅާއަށް ވާތީއާ ވެސް އެކީގައި ހަވާލު ކުރެއްވީ. ރައީސް ގެއަށް ވަޑައިގަތުމަށް ފަހުގައި ނުވެސް ވަޑައިގެން ދެއްތޯ،"

އުޅުނީ ޕީޕީއެމް ހިންދައިލާ، ޔާމީން އެހެލަން

ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔާމީންގެ ނަންފުޅު ނުގަނެ އެންމެ ތަނެއްގައި ވެސް ވާހަކަފުޅު ދައްކަވައި ނިންމަވައި ނުލައްވައެވެ. އަބަދު ވެސް އެ މަނިކުފާނާއި ޖެހިގެން ޔާމީނަށް ހުސް ގޮނޑިއެއް ބެހެއްޓިއެވެ.

އެއީ، އެންމެން ދުށް ހަގީގަތެވެ. އެއަށް ދެބަސް ވާނެ މީހަކު ނުހުންނާނެއެވެ.

މަގުތަކުގައި ޕީއެންސީގެ ފޮއްޗެއް ނުދަމައެވެ. ދެމީ ޔާމީންގެ ޕީޕީއެމް ކުލައިގެ ފޮއްޗެވެ. އެންމެ ބޮޑުކޮށް ޖައްސަވާފައި ހުރީ ޔާމީންގެ ފޮޓޯފުޅެވެ. އެންމެ ބާރަށް ދެއްކެވީ ޔާމީނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަފުޅެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހަތަރު އަހަރު ޖަލުގައި ދެއްތޯ އެ އުޅުއްވީ، ގެއަށް ވަޑައިގެންފައި މިއޮއް ބޮޑު ކަންތައްތައް ދިޔައީމާ މަސައްކަތުން ވެރިކަމެއް މި ބަދަލު ކުރެވުނީ. ބޭސިކް ކާޓަސީއަކީ ކޮބައިތޯ؟ އެންމެ ފުރަތަމަ ވެސް ޝުކުރު. މިސާލަކަށް ސޯޝަލް ސެންޓަރުގައި އެ ރޭގައި ބޭއްވި އުފާފާޅު ކުރުމުގެ ހަފުލާގައި ވެސް އަޑެއް ނީވުނު ދެއްތޯ ރައީސްގެ ނަންފުޅެއް،" ޖަމީލު ވިދާޅުވިއެވެ.

"ދޭއް އޮކްޓޯބަރު ރޭގެ 9:43 މިނެޓުގައި ރައީސް ޔާމީންގެ ފޯނުން އެބައޮތް ރައީސް ޔާމީން މެސެޖެއް ކުރައްވާފައި ޑރ، މުއިއްޒަށް. މުއިއްޒު ޕްލީސް ކޯލް މީ. އެ ވާހަކަ ނުދައްކަވައި މިއަދާ ހަމައަށް ވެސް،"

އެއީ އެކުގައި ކުރައްވާ މަސައްކަތްޕުޅުތަކުގައި އެކަކު އަނެކަކަށް އަދާކުރަން ޖެހޭ އިހުތިރާމެކެވެ. އެކަމަކު، ރައީސް މުއިއްޒާއި ލީޑާޝިޕްގެ ފަރާތުން ވެސް އެ އިޚްތިރާމު ޔާމީނަށް އަދާކުރެއްވި ތަނެއް ފެނިގެނެއް ނުދިޔައެވެ.

ޖަމީލުގެ ހިތުގައި އޮތީ އެންމެ ސުވާލެކެވެ. އެއީ، ޔާމީނަށް ކުރެއްވުނު ކުށަކީ ކޮބައިތޯއެވެ.

"އަމިއްލައަށޭ އެ ބޭފުޅުން ދުރުވެގަތީ، އެއީ ދަންނަވަން މިއުޅޭ ވާހަކައަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިއަދު ރައީސް ޔާމީން އަތުގައި ނެތް އެ ބޭފުޅުންނަށް ދެވޭނެ އެއްޗެއް. ރައީސް ޔާމީނަށް ހަމަ ބޮޑުބޭބޭ ކިޔާ ބޭބޭފުޅުންގެ ވެސް ވިސްނުން ހުރީ އެގޮތަށް ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ،"

ވެރިކަން ލިބިވަޑައިގަތީމާ ޔާމީންގެ ނަންފުޅު ހަނދާން ނެތުނީ ކަމަށް ޖަމީލު ގަބޫލުކުރައްވައެވެ. އެކަމަކު، މާ ކުރިން އޮތީ ޔާމީން ބޭރުކޮށްލައި ޕީޕީއެމް ހިންދައިލަން ރާވާފައި ކަމަށް ވިދާޅުވެ، ދެން ކުރެއްވީ މާ ބޮޑު ތުހުމަތެކެވެ.

"އަޅުގަނޑަށް ގަބޫލުކުރެއްވޭ ގޮތުގައި މުޅި އެއްޗަކީ ޕްލޭން ކުރެވިފައި އޮތް އެއްޗެކޭ، އެ ޕްލޭނާ އެއްގޮތަށޭ އެ ބޭފުޅުން އެ ވަޑައިގަތީ. އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ މީގެ ތެރޭގައި އެންމެ އިސްކޮށް ޕީޕީއެމްގެ ލީޑާޝިޕާ އެކީގައި އަބްދުއްރަހީމް،" ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

މި ވެރިކަން އައި ފަހުން އެންމެ ފުރަތަމަ ސަޕޯޓަރުންނާ ބައްދަލުކުރެއްވި ދުވަހު ވެސް ޔާމީން އެދިވަޑައިގަތީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ނުދިއުމަށެވެ.

އެކަމަކު، ފެނިގެން ދިޔައީ ޕީޕީއެމްގައި ތިއްބެވި ކައުންސިލަރުން ވެސް ޕީއެންސީއަށް ސޮއިކުރަމުން ދިޔަ ތަނެވެ. ޕީޕީއެމް އޮތީ ހުއްޓިފައެވެ. ބާރަށް ހިނގަމުން ދިޔައީ ޕީއެންސީއެވެ. އެކަން ބަދަލުކުރަން ޔާމީން ނެންގެވި ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހް ބޭރުކޮށްލި ހިސާބަކީ ޔާމީނަށް މެސެޖު ސާފުވީ ހިސާބު ކަމަށް ޖަމީލު ގަބޫލުރައްވައެވެ.

"ރައީސް ޔާމީންގެ ނިންމެވުމަށް ގޮންޖައްސަވައި، ފިޔަވަޅު އެޅުއްވީމާ ރައީސް ޔާމީން އެ ރޭ ނިންމެވީ ތިމަންނައަށް މެސެޖު ދެން ސާފުވެއްޖޭ އެހެންވީމާ ދެން ފިކުރު ދިރުވުމަށްޓަކައި ޕާޓީއެއް އުފައްދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ޔާމީންގެ ސިޔާސީ އިރު އަރައިގެން އައި ދުވަހު ވެސް އެ މަނިކުފާނާ އެންމެ އަރިހުގައި ހުންނެވީ ޖަމީލެވެ. ދަތުރުގެ މެދުން އިދިކޮޅުގައި ހޭދަކުރައްވަން ޖެހިވަޑައިގެން ދުވަސްތަކަކީ އެއީ ނުހައްގުން ލިބުނު އަނިޔާއެއްގެ ނަތީޖާއެވެ. އެ ދުވަހު ވެސް ހަގީގީ ބޭވަފާވީ މިއަދު ޕީއެންސީގައި އެ ތިއްބެވި ބޭފުޅުން ކަމަށް ޖަމީލު ކުރައްވަނީ ބޮޑު ތުހުމަތެކެވެ.

ދެބަސް ނުވެވޭނެ ހަގީގަތަކީ އިރެއްގައި އިދިކޮޅުގައި ހުންނެވި ނަމަވެސް މިއަދު ޔާމީންގެ އެންމެ އިތުބާރު ކުރެވޭ ބައިވެރިއަކީ ޖަމީލެވެ.

comment ކޮމެންޓް