މޭޔަރު ކަމަށް ޕީޕީއެމް/ޕިއެންސީން ބާއްވާ ޕްރައިމަރީއަށް އާޒިމާ ފޯމު ހުށަހަޅުއްވައިފި

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން އެ ކޯލިޝަންގެ ޕްރައިމެރީއަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިރޭ ފޯމު ހުށަހެޅުއްވުމުގެ ތެރެއިން-- ސަން ފޮޓޯ

ޕީޕީއެމް ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން އެ ކޯލިޝަންގެ ޕްރައިމަރީއަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިރޭ ފޯމު ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި މިރޭ އާޒިމާގެ ފޯމު ހަވާލުކުރެއްވީ ޕީއެންސީފެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ)އާއެވެ.

އެއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، އޭނާ މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކުރިއަށް ގެންދެވުން ކަމަށެވެ. އެގޮތުން މިވަގުތަކީ ސަރުކާރާއެކު މަސައްކަތް ކުރާނެ މޭޔަރެއް ގެންނަންވީ ވަގުތު ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ރައީސް [ޑރ. މުޙައްމަދު] މުއިއްޒު އެބައޮތް ވަރަށް ރަނގަޅު ކޮމިޓްމަންޓްތަކެއް މާލޭ ރައްޔިތުންނަށް ދެއްވާފައި. އެހެންވީމަ މިގަޑީގައި ސަރުކާރާ އެކުގައި މަސައްކަތް ކުރެވޭނެ، ހީވާގި މުރާލި ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު ކަންތައް،" އާޒިމާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން އެ ކޯލިޝަންގެ ޕްރައިމެރީއަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިރޭ ފޯމު ހުށަހެޅުއްވުމުގެ ތެރެއިން-- ސަން ފޮޓޯ

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ސިޓީ ކައުންސިލާއެކު ބޭއްވި އެންމެ ފަހު ބައްދަލުވުމުގައި ވިދާޅުވީ، އެމަނިކުފާނު މޭޔަރުކަމުގައި ވޭތުކުރި ދެ އަހަރާއި ބައިގައި މާލެ ސިޓީ ތަރައްގީ ކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ގޮންޖެހުންތަކަކީ ސަރުކާރުން މާލޭގެ ބައެއް ކަންކަން ކުރުމަށް ސިޓީ ކައުންސިލަށް ހުއްދަ ނުދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ގޮންޖެހުންތަކާ ކުރިމަތިނުވި ނަމަ މިއަށްވުރެ މާ ފުރިހަމަކޮށް މާލެ ތަރައްގީ ކުރެވި، ނުނިމި ހުރި ކިތަންމެ ކަމެއް ހުންނާނީ ނިމިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަންކަން ހައްލުކޮށް، އެމަނިކުފާނުގެ ސަރުކާރުގައި ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ އަރުވައިފައެވެ.

މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ނިންމަވައި މިދިޔަ ހުކުރު ދުވަހު އާޒިމާ ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ މިވަގުތު މާލޭގެ މޭޔަރުކަމަށް އަންނަން ޖެހޭނީ މާލެ ހަގީގީ މާނައިގައި ތަރައްގީކުރެވޭނެ ގާބިލްކަން ހުރި، ތެދުވެރި މީހެއް ކަމަށެވެ. އެކަން ކުރުމަށް ރައީސް މުއިއްޒު އެކުލަވާލައްވާފައިވާ މާލޭގެ ސްޓްރެޓެޖިކް އެކަޝަން ޕްލޭން ތަންފީޒު ކުރަން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ ޕީޕީއެމްގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރުކަން ކުރައްވާފައެވެ.

އާޒިމާ ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމާއެކު މަސައްކަތް ކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި އެ ޕާޓީން ރައީސް މުއިއްޒަށް ތާއިދުކޮށް ކޯލިޝަން ހެދިއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު މި މަހުގެ 17ވަނަ ދުވަހު ރައީސްކަމުގެ ހުވައި ކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނުކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫޕާއި މާލޭ ސިޓީގެ ކައުންސިލް މެމްބަރު ސައިފް ފާތިހުގެ އިތުރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދާއި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ހިމެނެއެވެ.

މީގެ ތެރެއިން އާޒިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވާފައެވެ.

comment ކޮމެންޓް