ރައީސް ވިދާޅުވީ ޔާމީން ވަކިވުމުން ބޮޑު މައްސަލަތަކެއް އުފެދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް

ރައީސް މުޢިއްޒު، ތުރުކީވިލާތަށާއި ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެންބުރި ވަޑައިގަތުން-- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ ޕާޓީއެއް އުފެއްދެވުމަށް ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގަތުމަކީ، އޭގެއިން މާ ބޮޑު މައްސަލައެއް ދިމާވެދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިއަކު ރައީސް ޔާމީން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ، އެންމެން ވެސް ގައުމު އިސްކޮށްގެން ކުރިއަށްދާން ބޭނުންކަމުގައިވާ ނަމަ، އެކަމަކީ ވަރަށް ރަނގަޅު ގޮތެއް ކަމަށެވެ.

"ގައުމުގައި ތިއްބެވި ހުރިހާ ސިޔާސީ ވެރިން ވެސް ބޭނުންވާނީ ގައުމަށް ރަނގަޅު ގޮތް ވާން. ގައުމީ ވިސްނުމުގައި ކުރިއަށް ދާން ބޭނުންވާ ހުރިހާ ބޭފުޅުންނާއެކު ކުރިއަށްދާން އަޅުގަނޑު މިހުރީ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ތެރޭގައި މާބޮޑު ކަންތައްތަކެއް އުފެދިގެން ދާނެ ކަމަކަށް."

ޔާމީންގެ ވަކިވުމެކޭ އެއްފަދައިން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި ވެސް މާ ބޮޑު ގޮންޖެހުމެއް އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ މޭރުމުން އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގޮންޖެހުން ކުރިމަތިވިޔަސް އެކަމާ ކެރިގެން ކުރިމަތިލައްވާނެ ކަމަށެވެ.

"އަޅުގަނޑު ހުވާކުރުމަށް ފަހު ދެއްކި ވާހަކައިގައި ވެސް ދެންނެވިން ގައުމު އިސްކުރައްވާށޭ، ހުރިހާ ބޭފުޅުން އެކުވެރިވާށޭ، ބައިބައި ނުވާށޭ،" ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ. އެހެންވެ، ޕީޕީއެމުން ވަކިވެ، ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވިއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ދިނުމާއެކު މިހާރު އެ ޕާޓީ ރެޖިސްޓާ ކުރުމަށް ބޭނުންވާ 3،000 ފޯމު ހަމަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް