ރައީސް އާއި މޯދީ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރަން ކޯ ގްރޫޕެއް އުފައްދަން ނިންމައިފި

ރައީސް މުއިއްޒު، މޯދީއާ ބައްދަލުކުރެއްވުން--

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ކުރައްވައިފިއެވެ.

އެ މަނިކުފާނު ބޮޑުވަޒީރު މޯދީއާ ބައްދލުކުރެއްވީ ކޮޕް28 ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިންނެވެ.

ބައްދަލުވުމާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން އަރިންދަމް ބަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގެންފައިވާތީ އެ ކަމަށް މޯދީ މަރުހަބާ ވިދާޅުވި ކަމަށެވެ.

ފުރަތަމަ ފަހަރަށް ދެ ބޭފުޅުން އެކުގައި ކުރެއްވި މަޝްވަރާގައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެގޮތުން ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.

އަދި އެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކޯ ގްރޫޕެއް އުފައްދަން ވަނީ ނިންމަވައިފައެވެ.

އިންޑިއާއާއެކު މި ފަދައިން މަޝްވަރާ ކުރައްވައިފައިވާއިރު ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރަން އޮތް މަސައްކަތެއްގެ ގޮތުގައި ވެސް ނިންމައިފައިވަނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ.

މީގެ ކުރީގެ ވެރިންނާ ޚިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުކުރެއްވީ މިފަހަރު އިންޑިއާއަކަށް ނޫނެވެ. ކޮޕް ސަމިޓުން ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވިއިރު، ސަމިޓަށް ޔޫއޭއީއަށް ވަޑައިގަތީ ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް ކުރެއްވުމަށްފަހުގައެވެ.

comment ކޮމެންޓް