އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ޝިބާ އައްޔަންކޮށްފި

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް އައްޔަންކުރި ޝިބާއު -- ފޮޓޯ/ އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް އަބްދުﷲ ޝިބާއު (ޝިބާ) އައްޔަންކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ޝިބާ އައްޔަންކުރެއްވީ ހިންގާ ކޮމިޓީގެ މެންބަރުންގެ ތާއީދާއެކު ކަމަށެވެ.

އެންމެ ފަހުން ޝިބާ ހުންނެވީ ގައުމީ ޓީމުގެ މެނޭޖަރުކަމުގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ކްލަބު ވެލެންސިއާގެ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ޝިބާ އައްޔަންކޮށްފައިވަނީ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށެވެ. ހިންގާ ކޮމިޓީގެ މަގާމުތަކެއް ހުސްވެފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) އާއި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ތެރެއިން ކޮއްކީ ހުންނެވީ އެފްއޭއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައެވެ.

ދާދި ފަހުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. ބައްސާމް ރައީސްކަމަށް އިންތިޚާބުވުމާއެކު 2016ވަނަ އަހަރުން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި ޖަވާގެ ބަދަލުގައި ވަގުތީ ގޮތުން އެ މަގާމަށް އައްޔަންކުރައްވައިފައިވަނީ އެފްއޭއެމްގެ ލީގަލް ހެޑް ޖައުޝަން ޝަރީފް (ޖައު)އެވެ.

comment ކޮމެންޓް