ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ޓޫގައި އިޓަލީވިލާތާއި ފަރަންސޭސިވިލާތް ބައްދަލުކުރި މެޗު އިޓަލީވިލާތުން ކާމިޔާބު ކޮށްފިއެވެ.
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކުޅުނު މިމެޗު އިޓަލީވިލާތުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސީންނެވެ. މިމެޗު ފަރަންސޭސީން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ކުޅުން ފެށިތާ 12 ވަނަ ސިކުންތުގައި ފަރަންސޭސީންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ.
އެ ލަނޑު ޖެހިތާ ފަސް މިނެޓުފަހުން އިޓަލީވިލާތަށްވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޑޭވީޑް ފްރެޓޭސީ ފޮނުވާލި ހަމަލާ އަމާޒުވީ ފަރަންސޭސި ގޯލުގެ ހުރަސް ދަނޑިއަށެވެ. މިމެޗުގައި އިޓަލީވިލާތުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފެޑެރީކޯ ޑިމާކޯއެވެ.
އިޓަލީވިލާތުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 50 ވަނަ މިނެޓުގައި ފްރެޓޭސީ ކާމިޔާބު ކުރި ލަނޑުންނެވެ. އަދި އެޓީމުގެ ފަހު ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ.
މިމެޗު އިޓަލީވިލާތުން ކާމިޔާބު ކުރި ނަމަވެސް މެޗު ނިމެން ގާތްވެފައިވަނިކޮށް އެޓީމުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޑިފެންޑާ ކަމުގައިވާ ރިކާޑޯ ކަލަފިއޯރީއަށް އަނިޔާވެގެން ވަނީ ބާލަން ޖެހިފައެވެ. ކަލަފިއޯރީއަށް އަނިޔާވެފައިވަނީ ފަރަންސޭސިވިލާތުގެ އުސްމާން ޑެންބެލޭ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ.
ޔުއޭފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ފޯގައި އައިސްލަންޑް އާއި މޮންޓެނޭގްރޯ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އައިސްލަންޑްއެވެ. މިމެޗުގައި އައިސްލަންޑް އިން ކާމިޔާބު ކުރި ދެ ލަނޑު އެޓީމަށް ޖަހާދީފައިވަނީ އޯރީ އޮސްކާސަން އާއި ޔޯން ޑަގޫ ޕޯސްޓެއިންސަންއެވެ.