ނޭޝަންސް ލީގު: ބެލްޖިއަމްއިން އިސްރާއީލް ބަލިކޮށްފި

ކެވިން ޑި ބްރުއިނާ: ބެލްޖިއަމްއިން އިސްރާއީލް ބަލިކުރީ ތިން ލަނޑު އެއް ލަނޑުން --

ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ޓޫގައި ބެލްޖިއަމް އާއި އިސްރާއީލް ބައްދަލުކުރި މެޗު ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ހަންގޭރީގައި ކުޅިބެލުންތެރިން ނުވައްދާ ކުޅުނު މިމެޗު ބެލްޖިއަމްއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެލްޖިއަމްއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ބެލްޖިއަމްއިންނެވެ. މިލަނޑު ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ޕާހަކުން ކާމިޔާބު ކޮށްފައިވަނީ ކެޕްޓަން ކެވިން ޑި ބްރުއިނާއެވެ.

މިމެޗުގައި އިސްރާއީލުން ޖެހި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 36 ވަނަ މިނެޓުގައި ބެޖްލިއަމްގެ ޓިމިތީ ކަސްޓަގްނާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔައެވެ.

މިމެޗުގައި ބެލްޖިއަމްއިން ދެވަނަ ފަހަރަށް ލީޑު ނެގީ މިމެޗުގެ 48 ވަނަ މިނެޓުގައި ޔޫރީ ޓިއެލަމަން ކާމިޔާބު ކުރި ލަނޑަކުންނެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ ހަތަރު މިނެޓު ފަހުން އެޓީމަށް ލިބުނު ޕެނަލްޓީއަކުންވަނީ އެޓީމުން ލީޑު އިތުރަށް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޑި ބްރުއިނާއެވެ.

މިމެޗުގައި ބެލްޖިއަމްއަށްވަނީ އިތުރު ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ލޮއިސް އޮޕެންޑާ ޖެހި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ.

ބެލްޖިއަމްގައި ކުޅެން އޮތް މިމެޗު ހަންގޭރީގައި ކުޅެފައިވަނީ އިސްރާއީލްއިން ޣައްޒާގައި ހިންގަމުންދާ އުދުވާންތަކުގެ ސަބަބުން ސަލާމަތީ ސަބަބު ތަކަށްޓަކައި ބެލްޖިއަމްގެ ގިނަ ސިޓީތަކުން އެމެޗު ބޭއްވުމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ޔުއޭފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ފޯގައި ވޭލްސް އާއި ތުރުކީޔޭ ބައްދަލުކުރި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. ވޭލްސްގައި ކުޅުނު މިމެޗަކީ ކްރެއިގް ބެލެމީގެ ކޯޗު ކަމުގެ ދަށުން ވޭލްސް ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ތުރުކިޔޭގެ ބަރިސް އަލްޕާ ޔިލްމާޒްއަށްވަނީ މެޗުގެ 62 ވަނަ މިނެޓުގައި ރަތް ކާޑެއް ދައްކާފައެވެ.

comment ކޮމެންޓް