އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 3-0 އިންނެވެ.
މެޗުގެ ކުރީކޮޅު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ލިވަޕޫލަށް ލީޑު ނަގައިދިންހެން ހީވިނަމަވެސް އޭނާ ލަނޑު ޖެހުމުގެ ކުރިން މުޙައްމަދު ސަލާޙް އޮފްސައިޑުވުމުން އެ ގޯލު ބަލައެއް ނުގަތެވެ.
ލިވަޕޫލުން މެޗުގެ ލީޑު ނެގީ 35 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އެ ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ޑިއާޒް ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން އިތުރު ލަނޑެއް ޖަހާފާނެހެން ހީވި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައެއް ނުހިފުނެވެ.
ލިވަޕޫލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު 56 ވަނަ މިނެޓުގައި ޖަހައިދިނީ ސަލާޙެވެ. މިއީ އޭނާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 15 މެޗުން ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.
މި ހާފުގައި ޔުނައިޓެޑްގެ ޖޯޝުއާ ޒާކްޒީއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއްވަރު ލިބިގެންދިޔައެވެ. ނަމަވެސް، އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށް ލިބިފައިވާ ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އަރައި ހަމަކޮށްފައެވެ. މި ސީޒަންގައި ކުޅުނު ތިން މެޗުގައި އަދި ލިވަޕޫލް ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ.
މި ބައްޔާ އެކު ޔުނައިޓެޑް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. އެ ޓީމު އޮތީ އެންމެ ތިން ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ. މި ފަހުގެ ސީޒަންތަކުގައި ޔުނައިޓެޑުން ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ސަޕޯޓަރުން ތިބީ މާޔޫސްވެފައެވެ.