ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އެ ޕާޓީން އިސްތިއުފާ ދެއްވައި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އާ މިއަދު ގުޅިއްޖެއެވެ.
ޕީއެންސީގެ ރައީސްކަން ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝިފާގު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕާޓީން ވަކިވީ ވަކި މެންބަރަކު ދައްކަވާ ވާހަކައަކީ އެ ޕާޓީގެ އުސޫލަށް ވެފައިވާތީ ކަމަށެވެ.
"މަނިކުފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ، ހިނގާ މަގާމަކީ 'ހައްދުންމަތިން' އަންނަ މީހަކު ޕާޓީ އޮފީހަތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި އެ ޕާޓީގެ މެންބަރުންގެ މޫނަށް 'ހައްޕުނޑު' ބުރުވުމުގެ ނޭއްގާނީ އުސޫލުކަމަށް ވަނީ ވެފައި،'' އެ ސިޓިގައި ޝިފާގު ވިދާޅުވެފައިވެއެވެ.
ޕީއެންސީން އިސްތިއުފާ ދެއްވުމަށް ފަހު، ޝިފާގު މިހާރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އާ ގުޅިވަޑައިގެންފައެވެ. އެ ޕާޓީން ވަނީ އޭނާ ގުޅުނުކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ޔާމީން ސަރުކާރުގައި ޝިފާގު ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭގެ ފަހުން އޭނާ ހުންނެވީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމުގައެވެ.
ރައީސް މުއިއްޒާއި ޔާމީނާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވަނީ އެ މަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން އިސްތިއުފާ ދެއްވައިފައެވެ. އަދި، އެންމެ އިސްކަމެއް ދެއްވައިގެން އެ މަނިކުފާނު މިހާރު ކުރައްވަނީ އާ ޕާޓިއެއް އުފެއްދެވުމުގެ މަސައްކަތްޕުޅެވެ.
ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި އުފައްދާ ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ހުއްދަ ދޫކޮށްފައެވެ.