ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ކުރިއަށްގެންދާ ތަހުގީގުގައި އެންމެ ބޮޑަށް ކުށުގެ ތުހުމަތު ކުރެވެނީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، އެ އޮފީހުން އަންގައިގެން ބަލަމުންދާ އެ މައްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ކުރިއަށް އޮތް ހަފުތާ ދެ ހަފުތާއެއް ހާ ދުވަސް ތެރޭ އެ މައްސަލައިގައި ވެސް ކޯޓަށް މައްސަލަ ވެއްދޭ ވަރަށް ހެކި ހޯދިދާނެ ކަމަށް،" ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި އެފްއޭއެމް ހިންގުމުގައި އިސްކޮށް ތިބި މީހުންނަށް ކުރަނީ، އެ އެސޯސިއޭޝަނަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެކި ކަންކަމަށް ބޭނުން ކުރުމުގެ ތުހުމަތު ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފީފާއިން އެފްއޭއެމަށް ފޮނުވާ ފައިސާއަކީ އެފްއޭއެމަށް ފޮނުވާ ފައިސާއެއް ނޫން. ދިވެހި ރައްޔިތުންނަށް ދޭ ފައިސާއެއް. އެހެންވީމަ ރައްޔިތުންނަށް ދޭ ފައިސާއެއް ވަކި ބަޔަކަށް އަމާނާތެއް ގޮތަށް ހަވާލުކޮށްފައި މިއޮތީ އެކަން ކުރަން. އެކަން ކުރަނީ ރާއްޖޭގައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ކަމަށްވަންޏާ އެއީ އަޅުގަނޑުމެން ބަލަމުންމިދާ މައްސަލައަކީ،" ޝަމީމް ވިދާޅުވިއެވެ.
"އޭގައި އަޅުގަނޑުމެންނަށް އެބަފެނޭ ހަމަ ގިނަ އަދަދެއްގެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައި ހުންނަތަން."
އޭނާ އިތުރަށް ވިދާޅުވީ، ފައިސާއާ ގުޅުން ހުރި މިފަދަ ތަހުގީގުތަކުގައި ބޭންކް ކާޑުތަކުން މީހުން ކުރާ މުއާމަލާތްތައް މެދުވެރިކޮށް، ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭ ކަމަށެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުން ކުރާ ދަތުރުތަކުގައި ކާޑު ބޭނުންކޮށްފައި ވުމުން، އެ މީހުން ދިޔަ ހޮޓެލްތަކާއި ޝޮޕިން މޯލްތައް އެނގެން އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ނަމަވެސް އެފްއޭމްގެ މައްސަލައިގައި ދައުވާ ކުރުމުގެ ކުރިން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެ ވާގޮތަކީ ބައެއް ކަހަލަ ލިޔުންތައް ބަލަހައްޓާފައި ހުރީކީ އާންމު ގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން، އެހެންވީމަ ބައެއް ކަހަލަ ދަތިތައް ހުންނާނެތާ އެ އެއްޗެހި ހޯދައި އެއްކޮށް ނިއުޅުވާ ހަދަން،" ޝަމީމް ވިދާޅުވިއެވެ.
އެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީޖީގެ އެދުމަށް، މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެ، ތަހުގީގަށް ބައެއް ތަކެތި ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ބައްސާމް ވިދާޅުވެފައި ވަނީ ތަހުގީގު ނިމުމުން، އެ މައްސަލައިގައި ވާހަކަދައްކަވާނެ ކަމަށެވެ.