ބޭބެ ކައިރިއަށް ފިހާރައަށް ގޮސްގޮސް ހުއްޓައި، މަރުގެ އެތިފަހަރެއް!

އުވައިޝް ކުރިން ސަން އަށް އިންޓަވިއޫއެއް ދެނީ-- ސަން ފައިލް ފޮޓޯ

ޒުވާން ވިޔަފާރިވެރިޔާ އަލީ އުވައިޝް، 23، އޭނާގެ ދެބެންގެދެދަރި ބޭބެ އަޙްމަދު އާދަމަށް ރޭ 11:12 ގައި ގުޅައި އެދުނީ ފިހާރައިގައި މަޑުކޮށްލުމަށެވެ. އުވައިޝް އާއި އަޙްމަދާ ގުޅިގެން ހިންގާ "ކިއުޓެކް" ކުންފުނީގެ ވިޔަފާރީގެ ބައެއް ކަންކަމާ މަޝްވަރާ ކޮށްލުމަށްޓަކައެވެ. އުވައިޝްގެ އިންތިޒާރުގައި އަޙްމަދު އިންދައި ރޭ 11:30 ކަންހާއިރު މީހަކު އޭނާއަށް ގުޅައި ދިނީ ބިރުން ފިއްކެނޑޭފަދަ ޚަބަރެކެވެ. ވަރަށް ނުރައްކާތެރި އެކްސިޑެންޓެއްގައި އުވައިޝްއަށް އަނިޔާވި ވާހަކައެވެ.

ވިލާ ކޮލެޖް ކައިރިން ރޭ 11:26 ގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އުވައިޝްއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ކައިވެންޏެއް ވެސް ކޮށްގެން އުޅޭ އުމުރުން 23 އަހަރުގެ އުވެއިޝް އަކީ ގިނަ ވިޔަފާރިތަކެއް ކުރާ ޒުވާނެކެވެ. ހދ. ކުރިނބީއަށް އުފަން އުވައިޝްގެ އެންމެ މަޝްހޫރު އެއް ވިޔަފާރިއަކީ 'ފަސޭހަ ރިޗާޖް' އެވެ. އޭގެ އިތުރުން ވެސް ޓެކްނޮލޮޖީގެ ސާމާނު ވިއްކާ ތަނަކާއި ސައިކަލް ކުއްޔަށް ދޫކުރާ ވިޔަފާރިއެއްވެސް އުވައިޝް ކުރެއެވެ. އާދައިގެ އާއިލާއަކަށް ނިސްބަތްވާ އުވައިޝްއަކީ އޭނާގެ އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދައިފައިވާ ޒުވާނެކެވެ. ވަރަށް ވެސް ކާމިޔާބު ވިޔަފާރިވެރިއެކެވެ.

https://sun.mv/165517

އުވައިޝްއާއެކު "ކިއުޓެކް" ވިޔަފާރި ހިންގާ އޭނާގެ ބޭބެ އަޙްމަދު، "ސަން"އަށް ބުނިގޮތުގައި އުވައިޝް ރޭ އެކްސިޑެންޓް ވެފައިވަނީ ހުޅުމާލެއިން މާލެއައިސް ވިލާ ކޮލެޖާ ދިމާލުން އަޙްމަދިއްޔާ ސްކޫލު ހުންނަ މަގަށް އަޅަން އުޅެނިކޮށް، މާފަންނުން ހެންވެއިރާ ދިމާލަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި މާފަންނުކޮޅުން އައި ސައިކަލްގައި ތިބީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެ މީހުން ދުއްވާފައި އައީ ބާރަށް ކަމަށް އަޙްމަދު ބުންޏެވެ.

އެކްސިޑެންޓް ހިނގި ވަގުތު އުވައިޝް އިނީ ހެލްމެޓް އަޅައިގެން ކަމަށާއި އެވަރުން ވެސް އޭނާގެ ބޮލާއި މޫނަށް ގެއްލުން ވެފައިވާ ކަމަށް އަޙްމަދު ބުންޏެވެ. އެގޮތުން ބޯފަޅައިގެން ދިއުމުގެ އިތުރުން މޫނުމައްޗަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އުވައިޝްގެ ވައަތު ފައި ފަލަމަސްގަނޑާ ހިސާބުން ވަނީ ބިންދައިގެންގޮސްފައި ކަމަށް އަޙްމަދު ބުންޏެވެ.

"އާއްމުކޮށް ވެސް ހުޅުމާލެއިން އަންނައިރު އުވައިޝް ހެލްމެޓް ނަގާނީ އެ ދާ ހިސާބަކަށް ދެވުނީމަ. އަހަރެމެން ވަރަށް ދިމާވެސް ކުރަން އެކަމާ. އެކަމަކު އުވެއިޝް ބުނާނެ ކީއްކުރަންހޭ ހެލްމެޓް ނަގަނީ އެ ދާތާކަށް ނުގޮސް،" އަޙްމަދު، އަސަރާއެކު ކިޔައިދިނެވެ.

އަންނަ ހޮނިހިރު ދުވަހު 24 އަހަރު ފުރޭ އުވެއިޝް މިހާރު ވެންޓިލޭޓަރުގައި އޮތްއިރު ޑޮކްޓަރުން ބުނާގޮތުން އޭނާއަށް ފަރުވާ ދިނުމާމެދު ގޮތެއް ނިންމަން އަދި 24 ގަޑިއިރު ވަރު ނަގާނެއެވެ. އައިޖީއެމްއެޗްއިން އޭޑީކޭއަށް ބަދަލު ކުރަން ނުވަތަ ރާއްޖެއިން ބޭރަށް ގެންދަން އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެނގިފައިވާގޮތުގައި މި އެކްސިޑެންޓްގައި ދެން އަނިޔާވި ދެ މީހުންގެ ހާލު ވެސް ސީރިއަސްއެވެ. އެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މާލޭގައި މި ފަހަކުން އެކްސިޑެންޓްތައް ވަރަށް އާއްމެވެ. މިފަދަ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލުން ވެސް މިވަނީ އިތުރުވެފައެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި މިފަހަރު ހާލު ސީރިއަސް ވެފައި މިވަނީ ވަރަށް ހީވާގި، މީހުންނާ ގުޅޭ، ވިޔަފާރީގެ ވިސްނުންތޫނު، އުވައިޝްއެވެ.

comment ކޮމެންޓް