ސިނަމާލެ ބުރިޖު މަތީގައި މިއަދު ކާރަކާއި ދެ ސައިކަލު ޖެހި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖްއެއްގައި ބުނީ، އެ އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 07:59 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި، ބުރިޖުން ހުޅުމާލެއިން މާލެ އަންނަ ފަޅީގައި، ކާރެއްގެ ފަހަތުގައި ސައިކަލެއްޖެހި، އެ ސައިކަލުގެ ފަހަތުން އައި އިތުރު ސައިކަލެއް ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ދެ ސައިކަލުގައި ތިބި ތިން މީހަކަަށް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ މީހަކު ފަރުވާ ދިނުމަށް ހޮސަޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއްނުވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތައް ދުއްވާފައި ވަނީ އެ ކެޓަގަރީގެ ލައިސެންސު އޮންނަ ތިން މީހުން ކަމަށެވެ.
ސިނަމާލެ ބުރިޖާއި ހައިވޭ މަތީގައި މީގެ ކުރިން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި، މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.