އައްޑޫ ސިޓީ ހުޅުމީދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ މަރަދޫފޭދޫއަށް ނިސްބަތްވާ 18 އަހަރުގެ, މުޙައްމަދު އިލްމަށެވެ.
އެކަމާ ގުޅިގެން މަރަދޫފޭދޫ ދާއިރާގެ ކައުންސިލް މެމްބަރު ޚާލިދާ މުޙައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، އެކްސިޑެންޓުވީ ރޭސީން މުބާރަތަކަށް ފަރިތަ ކުރަން ހުޅުމީދޫގައި އުޅެނިކޮށް، ސައިކަލު ކޮންޓްރޯލް ނުވެ ތަނބެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އިލްމަށް އެންމެ ފުރަތަމަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އިލްމަށް މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
އޭގެއިތުރުން، ފުލުހުން ވެސް ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް، އިލްމަށް ލިބުނު ގެއްލުމުގެ ތަފުސީލު މިހާތަނަށް އެނގިފައެއް ނުވެއެވެ.