ހދ. ކުރިނބީއަށް އުފަން އަލީ އުވައިޝް، 22، އަކީ 'ފަސޭހަ ރިޗާޖް'ގެ ވެރިޔާކަން އެނގުމާއެކު އިންޓަވިއުއެއް ހަމަޖެއްސިއިރު، އޭނާއަކީ ކިހާ ހިތްވަރުގަދަ މީހެއްކަން އަންދާޒާވެސް ކޮށް ނުލެވެއެވެ. އާއިލާއަށް އޭނާގެ މުހިންމުކަން ކުޑަކޮށްވެސް ރޭކާނުލައެވެ.
ޅަ އުމުރުގައި ފުދުންތެރި ދިރިއުޅުމެއް އަމިއްލައަށް ހޯދައި، އާއިލާއާވެސް އެކަމުގެ އުފާ ހިއްސާކޮށްދޭ އުވައިޝްގެ ކާމިޔާބީގެ ވާހަކަ ފެށުނީ ޖީސީ އޯލެވެލް ނިންމި ހިސާބުންނެވެ. އޯލެވެލްގެ ތިން ފާހާއެކު ކިޔެވުން ނިންމާލި އުވައިޝް އިތުރަށް ކިޔެވުމުގެ އެއްވެސް ޚިޔާލެއް ނުކުރެއެވެ. ކިޔެވުމަށް އެހާ މޮޅު ނުވުމުންނާއި އިލެކްޓްރިކް ކަންކަމަށް ޝައުގުވެރިކަން ހުންނާތީ އުވައިޝް ނިންމީ އެ ދާއިރާއިން ކުރިއަށް ދާށެވެ.
ކުރިނބީ ދިލްބަހާރުގެއަށް އުފަން އުވައިޝް ކިޔައިދިން ގޮތުގައި އޭނާ ނިސްބަތްވަނީ ފަގީރު އާއިލާއަކަށެވެ. އުވައިޝްގެ ވިޔަފާރި ފެށުމުގެ ކުރިން، ދިލްބަހާރުގޭ އާއިލާއަކީ މުޅި ރަށުގެ ވެސް އެންމެ "ދަށް ފަންތީ"ގެ އެއް އާއިލާ ކަމަށް އޭނާ ބުނެއެވެ.
"ރަށުގަ އަޅުގަނޑުމެން ގޭގަ [އޭރު] އިންނާނީ އީޓުފުރާޅެއް. ގޭގަ އިންނާނީ ދެ ކޮޓަރި، ހަމަ އެއްކޮޓަރީގަ ހުރިހާ ބެއިން އުޅުނީ،" ކުރީގެ ދިރިއުޅުން އުވައިޝް ސިފަކޮށްދިނެވެ.
އެއްބަނޑު އެއްބަފާ ފަސް ބެއިންގެ ތެރެއިން އުވައިޝްގެ ދޮއްޓަށް ތިބެނީ ބޭބެއަކާއި ދައްތައެކެވެ. ހަގަށް ދެ ކޮއްކޮ ތިބެއެވެ.
އާއިލާގެ ހާޖަތްތައް ފުއްދުމަށްޓަކައި އުވައިޝްގެ ބައްޕަ ކުރި މަސައްކަތަކީ ދަނޑުވެރިކަމެވެ. އުވައިޝް ބުނިގޮތުގައި، އޭރު މަންމަގެ މަސައްކަތަކީ، ބައްޕަގެ ދަނޑުވެރިކަމުގައި އެހީވުމެވެ.
އޯލެވެލް ނިންމުމަށްފަހު އުވައިޝް އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރީ ފޯނު މަރާމާތު ކުރާ 'އައިފިކްސް'ގައެވެ. އެތަނުގައި އުޅެފައި، ފޯނު ހެދުމުގެ މަސައްކަތް ގޭގައިވެސް އޭނާ ކުރިއެވެ.
އޭގެފަހުން، އީބޭއިން ތަކެތި ގެނެސްގެން ވިއްކުމާއި ރާސްޓަސް ކޮށްދިނުމުގެ މަސައްކަށް އޭނާ ކުރަންފެށިއެވެ. އަދި އެ ވިޔަފާރި ފުޅާކޮށް، ފޭސްބުކް ޕޭޖެއް ހެދިއެވެ.
ވިޔަފާރީގެ ފެށުމަކީ ރައްޓެއްސެއް ދިއްކޮށްލި އަތެއް!
"ފޭސްބުކް ޕޭޖެއް ހަދައިގެން ހިންގަނިކޮށް ރައްޓެއްސެއް ބުނީ، ހިނގާށޭ ވެބްސައިޓެއް ހަދަން. ދެން އޭނަ އަސްލު ފުރަތަމަ ވެބްސައިޓެއް ހަދާދިނީ،" އުމުރުން 17 އަހަރުގައި އުވައިޝް ފެށި ވިޔަފާރީގެ ވާހަކަ ކިޔައިދިނެވެ.
ސަރުކާރުގެ ފަރާތުން ކުދިން ރިސޯޓްތަކަށް ފޮނުވައިގެން ދެ މަސް ދުވަހު ހެދި ތަމްރީނު ޕްރޮގްރާމެއްގައި އުވައިޝް ބައިވެރިވުމަށްފަހު ރައްޓެއްސަކު ދިން ފުރުސަތަކާއެކު އަމިއްލަ ވިޔަފާރިއެއް ގޮތަށް، ފޯނު ރިޗާޖް ކުރެވޭ އެޕްލިކޭޝަން 'ފަސޭހަ ރިޗާޖް' ފަށައިގަތީ 2017 ވަނަ އަހަރުއެވެ.
ޅަ އުމުރުގައި އަމިއްލަ ވިޔަފާރި ފެށި އިރުވެސް، މިހާ އަވަހަށް ކުރިއަރައިދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެންމެ 2000 ރުފިޔާއިން ފެށި ވިޔަފާރި މިހާވަރަށް ފުޅާ ވާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ.
ފަސޭހަ ރިޗާޖް ވެބްސައިޓަށް ފަހު އުވައިޝް ބެލީ ވިޔަފާރިއަށް އެޕްލިކޭޝަނެއް ހެދޭތޯއެވެ. އެ މަސައްކަތް ފުރަތަމަ ނާކާމިޔާބުވި ނަމަވެސް، ޑިވޮލޮޕަރު އަހުމަދު އިމްތިޝާލް (އިންތި)ގެ އެހީތެރިކަމާއެކު ފަސޭހަ ރިޗާޖް އެޕް ވުޖޫދަށް އައީއެވެ.
"އޭނަ އަސްލު އެޕްލިކޭޝަންވެސް ވެބްސައިޓްގެވެސް ޑިވޮލޮޕްމެންޓްގެ ހުރިހާ ކަމެއް ކޮށްދިނީ. އޭރު އަޅުގަނޑަކަށް ނޭނގޭ އެޕް ޑިވޮލޮޕްމަންޓްގެ އެއްވެސް މަސައްކަތެއް ކުރާކަށް،" ހުރިހާ މަސައްކަތެއްގެ ފެށުން އުވައިޝް ކިޔައިދިނެވެ.
އެ ވިޔަފާރިއަށް މީހުންގެ އިތުބާރު ލިބެން ފެށީ، އެ ވިޔަފާރީގެ ވާހަކަ ނޫހެއްގައި ޖެހުމުން ކަމަށް އުވައިޝް ފާހަގަ ކުރިއެވެ.
ވިޔަފާރި ކުރަން ފެށުމުން، އުންމީދު ކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެން ފެށިއެވެ. އެކަމުގެ ސަބަބުން ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ދިރާގުގެ ފަރާތުން ޕާޓްނާޝިޕެއް ވެސް ލިބުނެވެ.
އުވައިޝް ވިޔަފާރި ފެށީ އޭނާއަށް 18 އަހަރު ވުމުގެ ކުރިން ކަމުގައިވާތީ، ވިޔަފާރި ރަޖިސްޓްރީ ކުރަން ޖެެހުނީވެސް އުވައިޝްގެ މަންމަގެ ނަންމަތީގައެވެ.
ފެށިއިރު ރެޖިސްޓާޑް 1000އާއި 2000 އާ ދެމެދުގެ ކަސްޓަމަރުން ތިބި އިރު، އެ އަދަދު މިހާރު ވަނީ 50،000 އަށްވުރެ މައްޗަށް އަރާފައެވެ.
"އަޅުގަނޑުމެންގެ ފަސް މުވައްޒަފުން ތިބޭނެ 24 ގަޑިއިރު އެޓެންޑްވާން. ސްޓާފުންނަށް އެޓެންޑް ނުވެވޭ ކުއަރީސްތަކުގައި އެކަނި އަޅުގަނޑު އެޓެންޑް ވާނީ،" ފެށިއިރު 24 ގަޑިއިރު ކަސްޓަމަރުންގެ ކޯލުތަކަށް އަމިއްލައަށް ޖަވާބުދާރީވި އުވައިޝް ކިޔައިދިނެވެ.
އެ ވިޔަފާރި ފަށައިގަތީ އޮންލައިންކޮށް ކަމުގައިވީ ނަމަވެސް، ވިޔަފާރިއަށް އަހަރެއްވި އިރު، އުފަން ރަށުގައި އުވައިޝް ވަނީ 'ފަސޭހަ ރިޗާޖް' އޮފީހެއް ގާއިމު ކޮށްފައެވެ. މިހާރުވެސް އޮފީސް ހުންނަނީ ކުރިނބީގައެވެ.
ވިޔަފާރީގެ އެކި ކަންކަމަށް މީހުންލާފައި ތިބޭއިރު، އުވައިޝްގެ މަސައްކަތަކީ މިހާރު ފައިސާއާ ބެހޭ ކަންކަމެވެ. އޭގެ ތެރޭގައި ސްޓޮކް ނެގުމާއި ސްޓޮކް ބެލެހެއްޓުން ހިމެނެއެވެ.
ފަސޭހަ ރިޗާޖްގެ އިތުރުން އުވައިޝް ވަނީ 2020ވަނަ އަހަރު އިލެކްޓްރިކް ސާމާނު ވިއްކުމުގެ ވިޔަފާރިއެއްވެސް ފަށާފައެވެ. އޭނާ ޒަވާޖީ ހަޔާތެއް ފެށީވެސް އެ އަހަރެވެ.
"ޒުވާނުން ބޭކާރު ޚަރަދު ނުކުރާ ނަމަ ތަނަވަސްކަން ލިބޭނެ"
އަމިއްލަ މަސައްކަތެއް ކުރަން ބޭނުންވާ ޒުވާނުންނަށް އުވައިޝް ދޭން ބޭނުންވާ މެސެޖަކީ، ބޭކާރު ގޮތުގައި ފައިސާ ޚަރަދު ނުކޮށް، ކުރިމަގަށް ފައިދާ ހުރި ކަމެއް ކުރުމެވެ. އުވައިޝްގެ ކާމިޔާބީގެ ސިއްރަކީ ވެސް، އެންމެ ކުޑައިރުން ފެށިގެންވެސް ލިބޭ އެއްޗެއް ރައްކާ ކުރުން ކަމަށް އޭނާ ބުނެއެވެ.
އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ރިސޯޓަކަށް ނުވަތަ އެފަދަ ވަޒީފާއަކަށް ގޮސްގެން ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއް ރައްކާ ކުރުމަށްފަހު އަމިއްލަ މަސައްކަތެއް ފެށޭނެކަމަށް އުވައިޝް ދެކެއެވެ.
އެކަމަށް ބޭނުންވާނީ ފައިސާ ރައްކާކުރަން އެނގުން ކަމަށް އުވައިޝް ބުންޏެވެ.
އެއްވެސް ކޯހެއް ހެދުމަކާ ނުލައި ވިޔަފާރީގެ މިހާ ހިސާބަށް އާދެވުނު އުވައިޝް ބުނީ، ކާމިޔާބު ވުމުގެ އެއް އަސްލަކީ ބޭކާރު ޚަރަދު ނުކުރުން ކަމަށެވެ.
"ލައްކައެއްހާ ރުފިޔާ މަހަކު ލިބޭ މީހެއްވިއްޔަ ބޭނުންވާނެ ކޮންމެ މަހަކު ފޯނު ބަދަލުކޮށްލަން. ނޫނީ ހަމަހުން ފޯނު އާކޮށްލަން،" ދިވެހިން ކުރާ ބޭކާރު ޚަރަދުތައް ސިފަކޮށްދެމުން އުވައިޝް ބުންޏެވެ.
އޭނާ ބުނީ، ދިވެހިންގެ އާދައަކީ ކިރިޔާވެސް ފައިސާ ލިބޭ މީހެއްނަމަ އަލަށް ނުކުންނަ، އެންމެ ފަހުގެ ފޯނު ގަތުން ކަމަށެވެ. ނަމަވެސް އެ ފައިސާއިން ވިޔަފާރިއެއް ފެށުން ފަދަ ކަމެއް ކުރުމުން މުސްތަގުބަލުގައި ކުރާ ފައިދާ ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.
"އެންމެ ކުރިން ފެށިގެންވެސް ބޭކާރު ޚަރަދު ވަރަށް ނުކުރަން، ފެންނަހާ އެއްޗެއް ގަނެ، އެގޮތަށް. މިވަރަށް ލިބޭއިރުވެސް އަޅުގަނޑު ނުހުންނާނެ އެގޮތަށް ގަނެފައެއް،" މިހާރު ފުދުންތެރި ދިރިއުޅުމެއް އުޅެމުން، އާއިލާއަށްވެސް އެހީވަމުން އަންނަ އުވައިޝް ބުންޏެވެ.
އުވައިޝްގެ ފުދުންތެރިކަމުގެ ހިޔާ މުޅި އާއިލާއަށް!
"މިހާރުދެން ގެ ވެސް ހަދާފަ ހުންނާނީ ރަށުގަ. އަޅުގަނޑު އަމިއްލައަށް ގެ ހެދީ. [އެއީ] ހަ ކޮޓަރީގެ،" މިހާރުގެ ގޭގެ ހާލަތު ސިފަކޮށްދެމުން އުވައިޝް ބުންޏެވެ.
ރަށުގައި އާއިލާއަށްޓަކައި ރަނގަޅު ފެންވަރަކަށް ގެ ހަދާފައި ހުރިއިރު، އުވައިޝް ދިރިއުޅެނީ ހުޅުމާލޭގައެވެ. އުފާވެރި ޒަވާޖީ ހަޔާތަކަށްފަހު، އެޕާޓްމަންޓެއް ގަނެގެން، ޒުވާން ދުވަސްވަރު ހިތްހަމަޖެހިގެންނެވެ.
މިދިޔަ އަހަރާ ހަމައަށް އުވައިޝްގެ ބައްޕަ، އެމްބިއުލާންސް ޑްރައިވަރެއްގެ ގޮތުގައި ވަޒީފާގައި އުޅުމަށްފަހު މިހާރު ހުންނަނީ ރިޓަޔާ ކޮށްފައެވެ.
"އެ ވެސް އާދޭސް ކޮށްގެން،" ހިނިގަނޑެއް ޖަހާލުމަށްފަހު، ބައްޕަ ރިޓަޔާ ކުރުމާ ގުޅޭގޮތުން އުވައިޝް ބުންޏެވެ.
"މެރީ ކުރީމަ މިހާރު އަޅުގަނޑުގެވެސް އަމިއްލަ އާއިލާއަކަށް ދޯ ވާނީ. ދެން އެއްވެސްކަހަލަ ފައިނޭންޝަލް ސްޓްރެސްއެއް ނެތި އުޅެވޭތީ، އެއީ ވަރަށް ބޮޑުހިތްހަމަ ޖެހުމަކަށްވޭ. މަންމައާއި ބައްޕައަށް ވެސް މަސައްކަތެއް ނުކޮށް މިހާރު އުޅެވޭނެ ގޮތެއް ހެދިފަ ހުރީމަ ވަރަށް ހިތްހަމަޖެހޭ،" ޒުވާން އުމުރުގައި މައިންބަފައިންނަށް އެހީ ފޯރުކޮށްދެވުމުގެ އުފާ ހިއްސާކުރަމުން އުވައިޝް ކިޔައިދިނެވެ.