ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހެއްގެ ހާލު ސީރިއަސް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ރޭ 23:26 އެހާކަންހާއިރު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިންނެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ޖުމުލަ ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. ތިން މީހުންނަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އަނިޔާވި ތިން މީހުންގެ ހާލު ވެސް ސީރިއަސްއެވެ.

ރޭގެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ފިރިހެނުންނާއި އަންހެނަކަށެވެ. އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. މި ފަހުން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންދަނިކޮށް މީހަކު ނިޔާވެފައި ވެސް ވެއެވެ.

comment ކޮމެންޓް