ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއަކަށް އަރައިފި

މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖުގެ ހައިވޭ މަތިން މިއަދު ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއަކަށް އަރައި، ކާރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

ފުލުހުން "ސަން"އަށް ބުނީ އެފަދަ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ބުނި ގޮތުގައި ކާރު އޮތީ، ބުރިޖު މަތިން ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައެވެ. އެ ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ކާރު ދުރުކުރެވެންދެން، ހައިވޭގެ އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު ވެސް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެގޮތުން ހައިވޭއިން ހުޅުމާލެއަށް އަރާ ހިސާބުގައި ހިނގި އެ އެކްސިޑެންޓެއް ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ހަމަ އެ ދުވަހު ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް ހިނގައި، އަންހެނަކާއި ފިރިހެނަކަށް އަނިޔާވިއެވެ.

https://sun.mv/185349

މީގެ އިތުރުން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާރަށް ދުއްވާފައިދިޔަ ކާރަކުން ތިން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެކަކު، މި ހަފުތާގެ ހޯމަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ.

comment ކޮމެންޓް