ޕީއެސްއެމްގެ އެމްޑީއަކަށް ޒީނާ، އެސްޓީއޯއަށް ޝިމާދު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އަދި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް---

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ޒީނާ ޒާހިރު އަދި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރަކަށް ޝިމާދު އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.

ޕީއެސްއެމްގެ އެމްޑީއަކަށް ޒީނާ އައްޔަނު ކުރައްވާފައިވާއިރު މިއީ އެ ކުންފުނީގެ ތާރީޚުގައި ވެސް އަންހެން ބޭފުޅަކު އެމްޑީއަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖައްސަވަން ނިންމަވައިފައިވާކަމަށް އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޒީނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ތައުލީމް ހާސިލްކުރައްވައިފައެވެ.

ޒީނާއަކީ 2006ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. މި ދާއިރާގައި 17 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައް ވަނީ އަދައިކުރައްވައިފައެވެ. ޒީނާ ގެންދަވަނީ އޭނާގެ އަމިއްލަ މެގަޒިނެއްކަމަށްވާ 'ޒީ ޓައިމްސް' ހިންގަވަމުންނެވެ.

އެސްޓީއޯގެ އެމްޑީއަކަށް އައްޔަނުކުރެއްވި ޝިމާދަކީ އެ ކުންފުނީގައި އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޝިމާދު ވަނީ އެ ކުންފުނީގައި ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތް ކުރައްވައިފައެވެ.

އެސްޓީއޯގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ ސައީދެވެ. އޭނާ އެ މަގާމާ ހަވާލުވީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު އެ މަގާމުން ވަކިކުރި ފަހުންނެވެ.

އެކި ކުންފުނިތަކުގެ ވެރިން މިހާރު ސަރުކާރުން އައްޔަންކުރަމުން ގެންދާއިރު އެ ބޭފުޅުންގެ ނަންތައް ވަނީ ޕްރައިވެޓައިޒޭޝަން އެންޓް ކޯޕުރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ފޮނުވައިފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކަށް ވެސް މިހާރު ގެންދަވަނީ ބޭފުޅުން އައްޔަންކުރަމުންނެވެ. އެގޮތުން މިއަދު ވެސް ވުޒާރާތަކުގެ ނައިބުންގެ ގޮތުގައި 26 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.

comment ކޮމެންޓް