ބަލާނެ ބަޔަކު ނެތް، ހަމައެއްލަމައެއް ނެތް!

ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތު ސައިޓެއްގައި މަސައްކަތްތެރިންތަކެއް -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ އާއިޝް އަޝްރަފް

ހެނދުނު ހޭލެވެނީ ބުރުމާ ތޮރުފާ އަޑަށެވެ. ނުވަތަ ޖެހިގެން ހުންނަ އިމާރާތުގައި ދަގަނޑު ކަފާ އަޑަށެވެ. ނުވަަތަ ދެން ހުރި ގޭގެ ފާރު ތަޅައިލާ އަޑަށެވެ. މިއީ ތޮއްޖެހި ފުރި ބާރުވެފައިވާ މާލޭ ސިޓީގެ ވާހަކައެވެ. ކޮންސްޓްރަކްޝަން ސައިޓެއް ނެތް މަގެެއް، ނުވަތަ ގޯޅިއެއް މި ކުޑަކުޑަ މާލޭގައި މަދުވާނެއެވެ. އެ މަސަައްކަތް ކުރާ ތަނާ އިންވެގެން ހުންނަނީ އެތައް ބަޔަކު ދިރިއުޅޭ އިމާރާތެކެވެ.

އަސްލު މައްސަލައަކީ މިއެއް ނޫނެވެ. ބޮޑުވެފައިވާ މައްސަލައަކީ މި ތަންތަނުގައި މަސައްކަތްކުރަން ތިބޭ މީހުންނާއި، އެ ތަންތަން ބަލަހައްޓަން ގަވައިދުތަކެއް ހުރިއިރު އެއަށް އަމަލު ނުކުރާތީއެވެ.

އެތައް ނުރައްކަލަކަށް ދޯޅަ ވެއްްޓެއްގައި މި މަސައްކަތް ކުރުމަށް އިދާރާތަކުން ވެސް ދޫކޮށްލައިފައިވާތީއެވެ. ކޮންސްޓްރަކްޝަން މާހައުލުގައި ރަައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކިހައި މަސައްކަތެއް ކުރެވޭތޯ މިއީ އުފައްދަންޖެހޭ ސީރިއަސް ސުވާލެކެވެ.

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރު މުއްދަތެއް، ނުރައްކާތެރި ހާދިސާތަކެއް

ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ލޭބާ ފޯސްއަށް ބަލާއިރު އެކަމުގައި އުޅެނީ ބިދޭސީންނެވެ. ގިނަ ފަހަރު މި މަސައްކަތުގައި އުޅޭ ބިދޭސީންނަކީ އެ މަސައްކަތުގެ ފަންނީ ތައުލީމު މާ ރަނގަޅަށް އެނގި ތިބެގެން އެ ކަން ކުރާ ބައެއް ނޫނެވެ. އެއީ ސުޕަވައިޒަރު އެންގުމުން، އެ ގޮތަކަށް ނުވަތަ އެ ކަން ކޮށްކޮށް، ގިނަ ދުވަސްވެގެން މަސައްކަތް ދަސްވެފައި ތިބި މީހުންނެވެ.

އެކަމަކު މިއީ ކޮންސްޓްރަކްޝަން ފަދަ ބޮޑު މަސައްކަތެއްގައި އުޅުމަށް އެ މީހަކު ޝަރުތު ހަމަވާ އުސޫލެއްތޯ ސުވާލު އުފެދެއެވެ. ކަމުގެ ޓެކްނިކަލް މައުލޫމާތާއި، އެ ކަމަކާ ގުޅޭ ބެކްގްރައުންޑް މުހިންމު މައުލޫމާތުތައް ނޭނގި، ކޮށްލެވޭ ކިތަންމެ ކުޑަ ކަމަކީ ވެސް ނިކުންނަ ނަތީޖާ ބޮޑުވެދާނެ ކަމެކެވެ.

އެ ކަން ހާމަވާ އެއް ހާދިސާއަކީ މީގެ މަސްދުވަހެއް ކުރިން މަކުނުދޫގައި ގޭސްފުޅިއެއް ގޮވަައި، ބިދޭސީ ދެ މީހަކު މަރުވި ހާދިސާއެވެ. މިއީ މި ފަހުން ކޮންސްޓްރަކްޝަން މަސައްކަތެއްގެ ތެރެއިން ހިނގި އެންމެ ބޮޑު ހާދިސާއެވެ. ކޮންޓްރެކްޓެއްގެ ދަށުން އެ ރަށުގައި ނަރުދަމާގެ މަސައްކަތް ކުރަން ތިބި ބިދޭސީން އަމަލުކުރަމުން އައި ގޮތުން އެ ރަށުގެ ބައެއް ރައްޔިތުން ވެސް އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަަބަކީ ރަށުގެ ބައެއް މީހުން ކިޔައިދިން ގޮތުގައި ގޮވި، ގޭސް ފުޅިއަކީ އެތައް ދުވަހަކު އަވީގައި ބަހައްޓައިފައި ހުރި އެއްޗަކަށްވުމެވެ.

https://sun.mv/183461

އެއާ ކުޅެންވީ ގޮތް އެންމެ ރަނގަޅަށް ނޭނގި ކުޅެން އުޅުމުގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވައި، ދެ މީހަކު މަރުވީއެވެ. މި ފަދަ ހާދިސާތަކުން ސަމާލުކަމަށް ގެނުވާ ކަންކަމަކީ ދޫކޮށްލެވޭ ވަރަށްވުރެ މާ ބޮޑެތި ކަންކަމެވެ.

"އެހެންވީމާ މި ބާވަތުގެ އެކި ކަންކަމުގައި އެބަޖެހޭ ނޫންތޯ ބަލަން. ކާކުތޯ އެ ކަމުގައި ރައްކާތެރިކަން ކަށަވަރުކުރާނީ. ބަލާނީ ކާކުތޯ،" އެ ރަށުން "ސަން"އާ ވާހަކަދެއްކި އާންމު ރައްޔިތަކު ކިޔައިދިނެވެ.

ހިތުހުރި ގޮތަކަށް މަސައްކަތްކުރަން ދޫކޮށްލެވިފައި އޮންނަ އޮތުން ކޮންމެހެން ވެސް ނިމުމަކަށް ގެންނަންޖެހެއެވެ.

މަސައްކަތުގެ ސަލާމަތް ކަށަވަރުކުރުމުގައި އިހުމާލު

މަސައްކަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި އެންމެ ފަރާތެއްގެ މައްޗަށް ދޫކޮށްލެވޭވަރުގެ ޒިންމާއެއް ނޫނެވެ. މި ކަމުގައި ޖުމްލަ ތިން ބައެއްގެ ޒިންމާ އެބައޮތެވެ. އެއީ ގާނޫނުތައް ތަންފީޒުކޮށް ބެލެހެއްޓުމުގައި ސަރުކާރުން އުފުލަންޖެހޭ ޒިންމާއާއި، މަސައްކަތް ކުރުވާ ފަރާތުގެ ޒިންމާތަކަކާއި، މަސައްކަތްކުރާ ފަރާތުގެ ޒިންމާތަކެކެވެ.

މި ތިން ފަރާތުގެ ޒިންމާ ސާފުކޮށް ބަޔާންކުރެވިފައި ނެތްކަމަށް މި ދާއިރާގައި މަސައްކަތް ކުރާ ކަމުގެ މާހިރުން ވިދާޅުވެއެވެ. މިއީ މަސައްކަތުގައި ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައްކަމަށް ވެސް ފާހަގަކުރެއެވެ.

"އެހެެންވީމާ ރާއްޖޭގައި މިހާތަނަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހިނގައިފައި ހުރި ގިނަ ހާދިސާތަކަކީ މިފަދަ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކަކީ މި ގޮތަށް ބެލެހެއްޓުންތެރިކަން ނެތުމުގެ ސަބަބުން ބޮޑަށް މި ކަންކަން މި ދަނީ،" މި ކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ތަޖުރިބާކާރު ހެލްތު އެންޑް ސޭފްޓީ ކޮންސަލްޓެންޓު މުޙައްމަދު އަބްދުﷲ ވިދާޅުވިއެވެ.

މާލޭ ގެއެއްގެ ބެލްކަނި ވެެއްޓިފައި -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ސަލާމަތް ކަށަވަރުކުރުމުގައި އެންމެ ބޮޑަށް އިހުމާލުވާ އެއް ސަބަބަކީ، އެ ކަމަށް ކުރާ ހޭދައަކީ އެޑިޝަނަލް ކޯސްޓު ނުވަތަ އިތުރަށް ހިނގާ ކޮންމެހެން ކުރުން މުހިންމު ނޫން ޚަރަދެެއްގެ ގޮތުގައި ކުންފުނިތަކަށް ބެލެވުމެވެ. އޭގެ ސަބަބުން މަސައްކަތްކުރާ މީހުންނާ ދޭތެރޭ އޮންނަ އިތުބާރު ދެމެހެއްޓިފައި އޮތުމާއި، މަސައްކަތުގެ ޕްރޮޑަކްޓިވިޓީ އިތުރުވުން ފަދަ ފައިދާތަކަށް މާ ބޮޑަކަށް އެ ފަދަ ކުންފުނިތަކަކަށް ނުވިސްނެއެވެ.

"އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ އެއީ ކުރަންޖެހޭ އިތުރު ޚަރަދެއްގެ ގޮތުގައި،" އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން މަސީގެ ޖެނެރަލް މެނޭޖަރު އަދުނާން ހަލީމް ވެސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތު މާހައުލުގެ ރައްކާތެރިކަން ޔަގީންކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޚަރަދު ކުޑަކޮށް، އަގުހެޔޮކޮށްލުމަށް ޓަކައި ކޮލިޓީ ދަށްކުރުމާއެކު ރައްކާތެރިކަމަށް ކުރަންޖެހޭ ޚަރަދުތައް ނުކުރުމެވެ.

"އެ ޕްރޮޖެކްޓު މީހަކަށް މި ލިބެނީ އެންމެ ހެޔޮ އަގެއް ލައިގެން. އެންމެ ދަށް އަގެއް ލައިގެން. އެހެންވީމާ އަގު ދަށްކުރަންވެގެން ކުރާ ވަރަށް ގިނަ ކަންތައްތަކެއް ހުރޭ. އެއީ ބާ ތަކެތި ބޭނުންނުކުރުމާއި، ކިރިޔާ ވާވަރެއް ޚަރަދުކޮށްގެން އެ އިމާރާތް ކޮޅަށް ހުންނާނެ ގޮތް،" އަދުނާން "ސަން"އަށް ވިދާޅުވިއެވެ.

އަދުނާން ވިދާޅުވި ގޮތުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިނގާ ޚަރަދަކީ ވެސް މަަސައްކަތަށް ހޭދަވާ އަގުގައި ހިމަނަންޖެހޭ ޚަރަދެކެވެ. އެއީ ގެއްލުމެއްވާނެ ކަމެއް ނޫންކަމަށް އަދުނާން ވިދާޅުވިއެވެ.

އެގޮތުން ކޮންމެ މަސައްކަތެއްގެ ކުރިން ރިސްކް އެެސެސްމަންޓް ހެދުމާއި، އެއާ ގުޅުވައި ހަދަންޖެހޭ ވޯކް މެތަޑް ސްޓޭޓްމަންޓަކީ އެންމެ ފުރަތަމަ މަސައްކަތެއް ފަށައިގަތުމުގެ ކުރިން ކުރަންޖެހޭ ކަންކަމެވެ.

މިއީ މަސައްކަތުގައި ހުރި ރިސްކުތަކާއި، އެ ކަން ކުރާނެ ގޮތް މަސައްކަތްތެރިންނަށާއި އަދި ސަލާމަތް ކަށަވަރުކުރުމުގައި ދެން މަސައްކަތްކުރާ ފަރާތްތަކަށް ވެސް މުހިންމު މައުލޫމާތުތަކެކެވެ.

ސައިޓުތައް ދޫކޮށްލެވިފައި، ބަލާނެ ބަޔަކު ނެތް!

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކަކީ މަސައްކަތް ހިނގަމުން އަންނަ ވަގުތާއި، މަސައްކަތް ނުކުރާ ވަގުތުތަކުގައި ވެސް ބަލަހައްޓައި، ސުޕަވައިޒްކުރަން ޖެހޭ ތަންތަނެވެ. ހަމައެކަނި ވެރިރަށް މާލޭގައި ވެސް އެތައް މަސައްކަތު ސައިޓެއް ހުންނައިރު އެއިން ކޮންމެ ތަނެއްގައި ވެސް ސުޕަވައިޒްކުރަން މީހަކު ހުރޭތޯ ސުވާލު އުފެދެއެވެ.

ހަމައެއާއެކު ހަރުދަނާ މިންގަނޑެއް އެކުލަވައިލައި، ސުޕަވައިޒަރެއްގެ ކިބައިގައި އެކަށީގެންވާ ޝަރުތުތަކެއް ކަނޑައެޅިފައިވޭތޯ ވެސް ސުވާލު އުފެދެއެވެ. ހެލްތު ކޮންސަލްޓެންޓް އަބްދުﷲ ވިދާޅުވި ގޮތުގައި އަދި އެ ކަން ވެސް އޮތީ ދޯދިޔާ ގޮތަކަށެވެ.

މާލޭގައި ހަދަމުންދާ އިމަރާތެއްގެ މަސައްކަތް ހުއްޓިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސައިޓް ސޭފްޓީ ސުޕަވައިޒަރުންގެ ގޮތުގައި ގަވައިދެއްގައި ކަނޑައެޅިފައި މި އޮންނަނީ ސައިޓެއްގައި ފަސް އަހަރު މަސައްކަތްކޮށްފައި އޮންނަ ކަމުގައި ވަންޏާ ސޭފްޓީ އެއްވެސް ތަމްރީނެއް ނުހެދިކަމުގައިވީ ނަމަވެސް އޭނާ ސައިޓް ސޭފްޓީ ސުޕަވައިޒަރުންނަށްވޭ،" އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެންކަމަށްވާނަމަ މާލޭގެ އިމާރާތްތަކުގައި ދިރިއުޅޭ ކޮންމެ މީހަކީ ވެސް ސައިޓް ސޭފްޓީ ސުޕަވައިޒަރެއްކަމަށެވެ. ސަބަބަކީ މާލޭ އިމާރާތެއްގައި ދިރިއުޅޭ ގިނަ މީހުންނަކީ އެ ގޭގެ ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުން އަންނަނިކޮށް ދިރިއުޅެން ފެށި މީހުންނަށްވުމެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ގަވައިދުތައް ހަދަންވާނީ ރާއްޖޭގެ ހާލަތަށް ވިސްނުމަށްފަހުއެވެ. ހަމައެއާއެކު އެ ކަމުގެ ތަމްރީނު ހަދާ ބަޔަކަށް އެ ފަދަ ފުރުސަތު ދިނުމަކީ އަދުނާން ވެސް ދެކެވަޑައިގަންނަވާ ގޮތެވެ.

ރާއްޖޭގައި ބޭރުގެ ކުންފުންޏަކުން ހިންގާ މަޝްރޫތައް ވެސް ބެލެެހެއްޓުމުގައި ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުގެ އިންސްޕެކްޓަރުންނަށް ހަރަކާތްތެރިވުމުގެ ބާރު އޮންނަންޖެހެއެވެ.

ސުޕަވައިޒަރަކު ބަހައްޓައިގެން ރައްކާތެރިކަން ޔަގީންކުރަންވާނީ ނުރައްކާތެރި ހާދިސާއެއް ހިނގައި މީހަކު މަރުވީމައެއް ނޫނެވެ.

10 އަހަރުވީއިރު ވެސް އަދިވެސް އޮކިއުޕޭޝަނަލް ސޭފްޓީ ބިލު ތާށިވެފައި

މަސައްކަތުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފާސްކުރަން މަސައްކަތްކުރާ އޮކިއުޕޭޝަނަލް ސޭފްޓީ ބިލުގެ ބަހުސަކީ އިހަކަށް ދުވަހު މަޖިލީހުގައި ކުރެވެން ފެށި ބަހުސެއް ނޫނެވެ. އެއީ ފުރަތަމަ 2013 ޑްރާފްޓުކުރެވި އެކި ގޮތްގޮތަށް ދައްކަމުން އަންނަ ވާހަކައެކެވެ. މިހާތަނަށް ވެސް ނުކުރެވި އޮތް ކަަމަކީ އެ ފާސްކޮށް ގާނޫނަކަށް ހެދުމުގެ މަސައްކަތެވެ.

https://sun.mv/183546

ކޮންމެ ފަހަރަކު ވެސް ހާދިސާއެއް ހިނގާއިރަށް މި ބިލުގެ ވާހަކަ އަލުން ދައްކަން ފަށައެވެ. އެކަމަކު އަމަލު ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މަޖިލީހުގެ ތެރެއިން އަވަސް މަސައްކަތެއް ކުރަން ޖެހެއެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާ އަދި އޮތީ ވަރަށް ޅަފަތުގައެވެ. ދެ ތިން ބުރީގެ ގެތަކުން ވީއްލި، ބޮޑެތި އުސް އިމާރާތްތަކާއި، މެގަ ސްޓްރަކްޗާތައް ބިނާކުރުމުގެ މަސައްކަތް ރާއްޖެއަށް ތައާރަފްވީ ވަރަށް ފަހުންނެވެ. އެހެންކަމުން މަސައްކަތު މާހައުލުގައި ރައްކާތެރިކަމާއި ސިއްހަތު ކަށަަވަރުކުރުމަކީ މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.

ބަރާބަރަށް ރެގިއުލޭޓްކޮށް ބަލަހައްޓާ ގައުމުތަކުގައި ވެސް ހާދިސާތައް ހިނގައެވެ. ނަމަވެސް އުސޫލުތަކުގައި ހިފައި، ސަލާމަތީ ކަންކަން ކަށަވަރުކުރުމުގައި ހަރުކަށި އުސޫލުތައް ގެންގުޅުމަކީ އެ ފަދަ ހާދިސާތަކަށް އޮންނަ ޖާގަ ކުޑަވާނެ ކަމެކެވެ.

ނުރައްކާތެރި ހާދިސާތައް މުސްތަގުބަލުގައި ހިނގުން ހުއްޓުވުމަށް ޓަކައި މިހާރުން ފެށިގެން އަމަލީ ސިފަ ގެންނަންޖެހެއެވެ.

comment ކޮމެންޓް