މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލު އަވަސްކުރަން އެމްއެންއޭސީއައި ގޮވާލައިފި

މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވި ސަރަހައްދު: އެ ގޮވުމާއެކު ދެ މީހެއްގެ ހަށިގަނޑުގެ ބައިތައް ވަނީ ކުދިކުދި ވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލު ފާސްކުރުން އަވަސްކޮށް، އެ ގާނޫނަށް އަމަލުކުރަން ފެށުމަށް، އިމާރާތްކުރުމުގެ ސިނާއަތަށް ޚާއްޞަ އެސޯސިއޭޝަން (އެމްއެންއޭސީއައި)އިން ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން އެކަމަށް ގޮވާލީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓާއި މިދިޔަ ހޮނިހިރު ދުވަހު ހދ. މަކުނުދޫގައި ހިނގި ގޭސްފުޅި ގޮވުމުގެ ހާދިސާއާ ގުޅިގެންނެވެ.

އެ އެސޯސިއޭޝަނުންވަނީ، މަކުނުދޫގައި ހިނގި ހާދިސާގައި ދެ މީހަކު މަރުވެފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށް ވެސް ބުނެފައެވެ.

އެމްއެންއޭސީއައިން ބުނީ ދިވެއްސަކު މަސައްކަތް ކުރިނަމަވެސް އަދި ބިދޭސީއަކު މަސައްކަތް ކުރި ނަމަވެސް މަސައްކަތާއި އެ މަސައްކަތްކުރަން ބޭނުންވާ އާލަތްތަކާ ގުޅޭ ހުރިހާ ކަމެއްވެސް ހުންނަން ޖެހޭނީ ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައި އޮންނަ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި މަސައްކަތް ކުރާ މީހުންނާއި ވަށައިގެން ތިބޭ މީހުންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވި ސަރަހައްދު: އެ ގޮވުމާއެކު ދެ މީހެއްގެ ހަށިގަނޑުގެ ބައިތައް ވަނީ ކުދިކުދި ވެފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

އެގޮތުން މަސައްކަތް ކުރާ ސައިޓާއި، ގެންގުޅޭ ތަކެއްޗާއި، އާލާތްތަކާއި، އަދި ވަކިން ޚާއްސަކޮށް ނުރައްކާތެރި ކެމިކަލްތަކާއި، ގޭހާއި، މިފަދަ އެހެނިހެން ތަކެތީގެ ރައްކާތެރިކަމާއި، އެތަކެތި ގެންގުޅޭ ގޮތާއި، ބޭނުންކުރާ ގޮތާއި ރައްކާ ކޮށްފައި ބަހައްޓާގޮތް ފަދަ ކަންކަން ވެސް ހުންނަން ޖެހޭނީ މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިވާގޮތަކަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއެންއޭސީއައިން ވަނީ އެ އެސޯސިއޭޝަނުން 2010 ވަނަ އަހަރު ނެރެފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ގައިޑްލައިންއަށް އަމަލުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެ އެސޯސިއޭޝަނުން ބުނީ އެ ގައިޑްލައިން ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ރާއްޖެ މަސައްކަތް ކުރަން ބޭރު ގައުމުތަކުން އަންނަ ގިނަ މީހުންގެ ބަހުން ވެސް ތަރުޖަމާކޮށް އެމްއެންއޭސީއައިގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުންވަނީ ރާއްޖޭގައި މިފަދަ ހެވީ މަސައްކަތްކުރާ އަދި ނުރައްކާތެރި ތަކެތި ގެންގުޅޭ ފަރާތްތަކާއި، އެހެނިހެން މަސައްކަތްތަށް ކުރާ ފަރާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ. އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުންވެސް އެފަދަ މަސައްކަތްކުރާ ސައިޓުތައް ބަލާ ކަންކަން އިސްލާހުކުރަމުން ގެންދިއުމަށް ވެސް އެމްއެންއޭސިއައިން ވަނީ އިލްތިމާސްކޮށްފައެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ ބިލަކީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތާކައި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާ ގުޅޭ ބިލެކެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުالله ހުށަހަޅުއްވާފައިވާ އެ ބިލް މަޖިލީހުން ބަލައިގަތީ މިދިޔަ މާޗު މަހުގައެވެ. އެ ބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.

comment ކޮމެންޓް