ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)ގެ އިސްތިއުފާ ގަބޫލުކޮށް، ވަގުތީ ގޮތުން އެ މަގާމަށް ޖައުޝަން ޝަރީފް (ޖައު) އައްޔަންކޮށްފިއެވެ.
އެފްއޭއެމުން މިއަދު ޖަވާ އިސްތިއުފާދީފައިވަނީ އެ އިދާރަގައި 24 އަހަރާއި ތިން މަސް ދުވަހުގެ މުއްދަތަކަށް އެކި މަގާމުތަކުގައި މަސައްކަތްކުރެއްވުމަށްފަހުއެވެ.
މީޑިއާތަކަށް ޖަވާ މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމުން އޭނާ އިސްތިއުފާދެއްވާފައިވާ ކަމަށާއި ފާއިތުވެދިޔަ ދިގު މުއްދަތުގައި މަސައްކަތަށް ޚާއްޞަ ސަމާލުކަމެއް ދީގެން، އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އުނދަގޫ ނިންމުމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
މީޑިއާތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ވިދާޅުވީ ޖަވާގެ އިސްތިއުފާ ގަބޫލުކުރާ ކަމަށާއި އެފްއޭއެމްގެ އެކްސްކޯ އާއި ފުޓުބޯޅައަށް ފާއިތުވެދިޔަ އަހަރުތަކުގައި އޭނާ ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެކްސްކޯގެ ފުރިހަމަ ތާއީދާއެކު ވަގުތީގޮތުން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައު އައްޔަންކުރައްވާފައިވާ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވި ޖައު އަކީ އެފްއޭއެމްގެ ލީގަލް ހެޑްއެވެ. އޭގެ އިތުރުން އޭއެފްސީގެ ލީގަލް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރައްވައެވެ. އަދި އެފްއޭއެމްގެ އިތުރުން އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގައި ވެސް ޖައު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
މީގެ ކުރިން ޖެނެރަލް ސެކްރެޓަރީކަމުގެ މަގާމުގައި ހުންނެވި ޖަވާ، އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު ބޭއްވި އެ އިދާރާގެ އިންތިޚާބަށްފަހުއެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ވެސް ޖަވާ މަސައްކަތްކުރެއްވިއެވެ.
ޖަވާ އިސްތިއުފާދެއްވާފައިވާ އިރު، އެފްއޭއެމްގެ ވެރިންނަށް ދަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އެދުމުގެ މަތިން ފުލުހުން ގެންދަނީ ތަހުގީގެއް ވެސް ކުރަމުންނެވެ.
އެފްއޭއެެމަށް ތުހުމަތުތަކެއް ކުރަމުންދިޔަ ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމާއި އެ އިދާރާއިން ވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.