ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކުން ހޯލްސްޓެއިން ކިއެލް ބަލިކޮށް، އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-3 އިންނެވެ.
މެޗުގެ ފުރަތަމަ 60 މިނެޓު ބަޔާނުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭގެ ފަހު ހޯލްސްޓެއިނުން ވަނީ ކުޅުން ރަނގަޅުކޮށް ބަޔާން ހާސްކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ބަޔާނުން ލީޑު ނެގީ 19 ވަނަ މިނެޓުގައި ޖަމާލް މުސިއެލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ހެރީ ކޭންއެވެ.
ދެވަނަ ހާފު ކޭން ފަށާފައިވަނީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ އެއް މިނެޓްގެ ތެރޭގައި ކޭން ވަނީ އިތުރު ލަނޑެއް ޖަހައި ބަޔާނަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މެޗުގައި ބަޔާންގެ ފަހު ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ސާޖީ ގިނެބްރީއެވެ.
މެޗުގެ އޮއިވަރު ހޯލްސްޓެއިން ކޮޅަށް ބަދަލުވީ 62 ވަނަ މިނެޓުގައި ފިން ޕޯރަތު ކާމިޔާބުކޮށްދިން ލަނޑާ އެކެވެ. ހޯލްސްޓެއިންގެ ހިތްވަރު އާވެ، ބަޔާނަށް އިތުރަށް ނުރައްކާ ކުރަން ފެށިއެވެ. މެޗުގައި ހޯލްސްޓެއިންގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަަމަ މިނެޓްގައި ޖަހައިދިނީ ސްޓެވެން ސްކިރީބްސްކީއެވެ. މި ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ސްކިރީބްސްކީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނިމުން އިތުރަށް ފޯރިގަދަކޮށްފައެވެ. ނަމަވެސް، މިއާއެކު ވެސް ހޯލްސްޓެއިންއަށް ބަޔާނާ އަރާ ހަމަކުރެވޭގޮތެއްނުވިއެވެ.
މި ކާމިޔާބީއާ އެކު ބަޔާން މިހާރުވަނީ 20 މެޗުން 51 ޕޮއިންޓް ހޯދައި، އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ހޯލްސްޓެއިން އޮތީ 12 ޕޮއިންޓާ އެކު 17 ވަނައިގައެވެ.
މުބާރާތުގައި ބޮރޫޝިއާ ޑޯޓްމުންޑާއި ހެއިޑެންހައިމް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ޑޯޓްމުންޑުންނެވެ. މެޗުގައި ޑޯޓްމުންޑުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ސާހޫ ގުރާސީއާއި މެކްސިމިލިއަން ބެއިއާއެވެ. ހެއިޑެންހެއިމްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެތިއެސް ހޯންސެކެވެ.
މި ކާމިޔާބީއާ އެކު ޑޯޓްމުންޑް އޮތީ 29 ޕޮއިންޓާ އެކު 10 ވަނައިގައެވެ. އަދި، 14 ޕޮއިންޓާ އެކު ހެއިޑެންހެއިމް އޮތީ 16 ވަނައިގައެވެ.