އަންނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ރޯދަމަހަށްފަހު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޓީއަށް ހުށަހަޅައިފައިވަނީ ރޯދަ މަހުގެ ކުރިން މަޖިލިސް އިންތިޚާބު ބާއްވާށެވެ.
އީސީން އެގޮތަށް ހުށަހެޅީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބު ރޯދަމަހުގެ ފަހު ދިހައާ ދިމާވާތީއެވެ. އެހެންކަމުން ރޯދައިގެ ކުރިން އިންތިޚާބު ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން އީސީއިން މަޖިލީހުގައިވަނީ އެދިފައެވެ.
މިއަދު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށްފައިވަނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބާ ގުޅޭގޮތުންނެވެ. އަދި އެ ކަމުގައި އެ ކޮމިޓީގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ވަނީ ސާފުކޮށްފައެވެ.
އެގޮތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވީ ރޯދަ މަހުގެ ފަހުން މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބާއްވައި، އެޕްރީލް 28ގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަން އިލެކްޝަނަށް ހުށަހަޅަން ނިންމުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އެއާއެކު ކޮމިޓީގެ މެމްބަރުންގެ މެެދުގައި ނެގުނު ވޯޓުން އެ ހުށަހެޅުންވަނީ ފާސް ވެސް ކޮށްފައެވެ.
"އެހެންވީމާ ރަމަޟާން މަސް ނިންމައިފައި ބޭއްވެން އޮތް އެންމެ އަވަސް ތާރީޚެއްގައި އިންތިޚާބު ބާއްވަން މި ކޮމިޓީން ރިކޮމެންޑްކުރާކަމަށް މި ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާނަން ކޮމިޓީގެ ފަރާތުން މިއަދު،" ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.
މީގެ ކުރިން އޮތް ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގާނޫނު ބުނާ ގޮތުން ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭކަމަށެވެ.
ގާނޫނުގައި ބުނާ ތާރީޚުތައް ތަރުތީބުކުރުމުން އިންތިޚާބު ބޭއްވެނީ މާޗު 19ގައި ކަމަށް ހަބީބް ވިދާޅުވިއެވެ. އެއީ ރޯދަ މަހުގެ ތެރެއެވެ.