މި ސަކަރާތަށް ވަގުތު އެބައޮތްތަ؟

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނާއެކު އާ ސިޔާސީ ޕާޓީ އުފައްދަވަން އުޅުއްވާ މުޙައްމަދު ޖަމީލް އަޙްމަދާއި މަލީހް ޖަމާލް--

އަބަދު ވެސް ދެބަސްވުމެއްގައި ނުވަތަ ކަންތައްގަނޑެއްގެ ތެރޭގައި އުޅުމަކީ ބައެއް މީހުން މާ ކުރާ ހިތްވާ ކަމެކެވެ. އާއްމުކޮށް މިހެން ވަނީ ދިރިއުޅުމުގެ ކަންކަން ފަސޭހަ ގޮތަކަށް ހަމަޖެހިފައިވާ މީހުންނަށެވެ. ހަރަދު ބަރަދާ ދޭތެރޭ މާ ބޮޑަށް ފިކުރު ކުރަން ނުޖެހުމުން ދެން ގިނަ ވަގުތު ކޮންމެހެން ހާސްކަމެއްގެ ތެރޭގައި އުޅެން ބޭނުންވަނީއެވެ. މި ސިފަ ވަރަށް ބޮޑަށް ހުރި ބޭފުޅުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުޅުއްވައެވެ. ސުވާލަކީ މިއީ ގައުމަށް ރަނގަޅު ގޮތެއްތޯއެވެ؟

ރައީސް މައުމޫން އަބްދުއްގައްޔޫމް ކުރައްވަމުން ގެންދެވި ހަރުކަށި، ދިގު ވެރިކަމުން ރައްޔިތުންނަށް ހަމަނޭވާއެއް ލާން ލިބުނީ އާ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށި ހިސާބުންނެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ލިބި، ބަސް ބުނުމުގެ މިނިވަންކަން ލިބުނުތާ މިވީ 18 ވަރަކަށް އަހަރު ތެރޭގައި ގައުމަށް ހަގީގަތުގައި އޭގެ ކުރިއާ އަޅާބަލާއިރު ހެޔޮ ބަދަލުތަކެއް އަތުވެއްޖެއެވެ. ފިނިހަކަ ދުވެލީގައި އޭރު ކުރިއަށް ގެންދިޔަ ގައުމީ ތަރައްގީގެ މަސައްކަތްތައް އެއަށް ވުރެން ދުވެލި ހަލުވި ކުރެވިއްޖެއެވެ. ކުރިން ދިވެހިންނަށް ތަސައްވަރު ވެސް ނުކުރެވިވާފަދަ މަޝްރޫއުތައް ހިންގައި އޭގެ ފޮނި ރަހަ ލިބެމުން އެބަދެއެވެ. ނަމަވެސް އަދިވެސް ތަރައްގީގެ ކަންކަން ކުރިއަށް ދަނީ އެންމެ ބޭނުންވާ ދުވެލީގައެއް ނޫނެވެ.

https://sun.mv/185135

މިވީ 18 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ގައުމު ގިނައިން ދެކެން ޖެހިފައިވަނީ ސިޔާސީ ހަލަބޮލި ކަމެވެ. އަބަދު ވެސް ވެރިއަކު މަގާމަށް ގެނައުމާ އެކު އުޅެނީ ބޭލުމުގެ މަސައްކަތުގައެވެ. އެތައް ބަގާވާތެއް ކުރަން އުޅެފިއެވެ. ސިފައިންނާއި ފުލުހުންގެ ނާތަހުޒީބީ އަމަލުތަކެއްގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހުމާއި އޭގެ ފަހުން ގައުމަށް ދިމާވި ހަލަބޮލިކަމަށް ބައްލަވާށެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ޝަރުއީ ދާއިރާގެ ތެރެއިން ބަގާވާތެއް ގެންނަން އުޅުމާއި ރަސްމީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުން ފަދަ އެތައް ކަމެއް ހިނގިއެވެ. އެންމެ ފަހުން ޔާމީނާ ދެކޮޅަށް ސިޔާސީ ގޮތުން ނުކުންނެވީ ބޭބޭފުޅު މައުމޫނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ވެސް ސިޔާސީ ގޮތުން އެތައް ކަމެއް ކުރިމަތިވިއެވެ. އެކަންކަމުގެ އަޑީގައި ހުންނެވީ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ޞާލިޙްގެ އެންމެ ގާތް ރަހުމަތްތެރިޔާ ރައީސް ނަޝީދެވެ. މިހެން ގޮސް އެތައް ކަމެކެވެ.

މިއަދުގެ ހާލަތަށް ބަލަމާތޯއެވެ. ގިނަ ވައުދުތަކަކާ އެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަމަ އެންމެ ހަފުތާއެއް ނުވަނީސް ރައީސް ޔާމީނާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެއްޖެއެވެ. ރައީސް މުއިއްޒު ވެރިކަން ކުރައްވާތަން ބައްލަވަން ޔާމީނަކަށް ކެތެއް ނުވިއެވެ. ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ އެ މަނިކުފާނުގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ލައްވައި އެތައް ފާޑެއް ކިޔުއްވައި އެންމެ ފަހުން ޔާމީން ޕީޕީއެމް ދޫކޮށްލެއްވީއެވެ. އަމިއްލަ ފުޅަށް އާ ޕާޓީއެއް އުފައްދަވާށެވެ. މި ކަންކަން މި ހިނގީ އާ ސަރުކާރަށް އެންމެ ހަފުތާއެއް ވެސް ނުވަނީހެވެ. ފޯނަށް ޖަވާބު ނުދެއްވުމަކީ ވެރިކަމެއް ބަދަލު ކުރަން ޖެހޭ ސަބަބެއް ކަމަކަށް ނުވިސްނެއެވެ. ނަމަވެސް މިއޮތީ އެ ހަލަބޮލިކަން ފެށިފައެވެ.

ހަލަބޮލި ކަމުގައި އުޅެވޭ ވަރަށް ވުރެން ގައުމުގެ ހާލަތު ދަށް

އުސް އިމާރާތްތަކުގެ ވެރިންނާއި މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ބޭފުޅުންނަށް އިހުސާސް ނުވިޔަސް ހަގީގަތުގައި ރާއްޖޭގެ އާއްމު ހާލަތު އަދިވެސް ވަރަށް ދަށެވެ. އެންމެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ރާއްޖެއަކީ ބޭރުގެ މީހުންނަށް ސުވަރުގެއެވެ. އެތައް ހާސް ޑޮލަރެއް ރެއެއްގެ މައްޗަށް ހޭދަކޮށްގެން އެ މީހުން މި ގައުމުގައި ހިތް އުފާ ކުރަމުން އެދަނީ އެކަން ހަމަ އެކަށީގެންވާތީއެވެ. ނަމަވެސް މި ގައުމުގެ ހަގީގީ ގިނަ ރަށްވެހިންނަށް އެ އުފަލެއް ނުލިބެއެވެ. މުޅި ރާއްޖޭގައި ވެސް ގިނައީ ރަނގަޅު ބޯހިޔާވަހިކަމެއް ނެތް މީހުންނެވެ. ލިބޭ މުސާރައާއި ހަރަދުތަކާ ދެކޮޅު ނުޖެހޭ މީހުންނެވެ. ހައްގު މަސައްކަތުން ދިރިއުޅެން ވެއްޖެނަމަ ގިނަ މީހުންނަށް އޮތީ ދަރަނިވެރިވުމުގެ ހާސްކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރަށްރަށަށް އޮތީ އަޅައިނުލެވިއެވެ. އެކަށީގެންވާ ސިއްހީ ފަރުވާއެއް އަދިވެސް ވެރިރަށް މާލޭގައެއް ވެސް ނެތެވެ. ދެން ރަށްރަށުގެ ހާލަތު ވިސްނަވާށެވެ. ސިއްހީ ބޮޑު މައްސަލައެއް ދިމާވެއްޖެނަމަ ރަށުން ޖެހެނީ މާލެ ގެންނާށެވެ. މާލެއިން ޖެހެނީ ބޭރަށް ފޮނުވާށެވެ. ފަރުވާއަކާ ހަމައަށް ދެވޭއިރު މި އޮންނަނީ މާ ލަސްވެފައެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ވަރި ގިނަ އެއް ގައުމެވެ. އާއިލީ މައްސަލަތަކުގެ އެތައް ކުދިންނެއް ބިކަވެއްޖެއެވެ. މާދަމާ ގައުމާ ހަވާލުވާން ތިބި އެތައް ކުދިންނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާތައް އެދަނީ ލިބެމުންނެވެ. އޭގެ ތެރެއިން ގިނަ ގޯނާތައް އެ ކުދިންނަށް ލިބެނީ އެންމެ ރައްކާތެރިކަން ލިބެން ޖެހޭ ގޭ ތެރެއިންނެވެ. ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުން ގައުމުގެ މުހިންމު އިދާރާތަކުގެ މައްޗަށް ބާރުފޯރުވޭ ހިސާބަށް ކަންކަން މިއޮށް ދަނީއެވެ. އިންތިހާއަށް މާޔޫސްވުންފަދަ ނަފުސާނީ ބަލިތަކުގެ ވޭނުގައި އުޅެމުން އަންނަ މީހުން އެތައް ހާހެއް ހުރަސް ކޮށްފިއެވެ. އެކަކު އަނެކަކަށް އިހުތިރާމު ކުރުމާއި އަޅާލުމާއި ލޯބި ދިނުންފަދަ ސިފަތައް ނެތިދަނީއެވެ. ކޮރަޕްޝަނާއި ފަސާދައިން އެއްބަޔަކު ނުހައްގު މުއްސަނދިކަން ހޯދާއިރު ހައްގުގެ ގޮތުގައި އާމްދަނީ ހޯދަން އުޅޭ މީހުންނަށް ހުރަސްތައް މާ ގިނައީއެވެ.

އެއީ، އަޅުގަނޑުމެންގެ ހާލަތެވެ. ސުވާލަކީ މި ހާލަތުގައި އޮތް ގައުމެއް އަދިވެސް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އަހަރުތައް ނަގާލަންވީތޯއެވެ؟ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މި ހިނގާ ކަންތައްތަކަށް ބެލިޔަސް ގައުމާ މެދު މާޔޫސްވުން ނޫން އިތުރު ކަމެއް ނުވެއެވެ.

ހަމަޖެހުން ބޭނުންވަނީ ކީއްވެ؟

ގައުމެއްގެ ކުރިއެރުމަށް އެންމެ މުހިންމު ކަމަކީ ހަމަޖެހުން އޮތުމެވެ. ދުނިޔޭގެ ގައުމުތަކުން މި މިސާލު ފެންނާނެއެވެ. ސިންގަޕޫރަކީ މީގެ މިސާލެކެވެ. އެ ގައުމަކީ އިގްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. އެ ގައުމަށް ބޭރުގެ އިންވެސްޓްމަންޓްތަކުން ޝައުޤުވެރިވެ، ދިގު މުއްދަތުގެ އިޤުތިޞާދީ ރޭވުންތައް ހިންގުމަށް މަގުފަހިވެ، ވިޔަފާރީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައީ، އެ ގައުމުގައި އޮތް ހަމަޖެހޭ ސިޔާސީ މާހައުލުގެ ސަބަބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސިންގަޕޫރަކީ ދުނިޔޭގެ އިޤުތިޞާދީ ހަބަކަށް ވަނީ ވެފައެވެ.

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު--

ވިހިވަނަ ގަރުނުގެ ފަހުކޮޅުގައި ޗައިނާއަށް ގެނައި އިޤުތިޞާދީ އިޞްލާޙުތަކަށް ފަހު، އެ ގައުމުގެ އިޤުތިޞާދީ ދުވެލި ހަލުވިކަމާ އެކު ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ އެ ގައުމުގައި ސިޔާސީ ގޮތުން އޮތް ހަމަޖެހުމެވެ. ޗައިނާގައި އޮތް ހަމަޖެހުމުގެ ސަބަބުން އިޤުތިޞާދީ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ބައްޓަންކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށާއި، އިނޮވޭޝަނަށް މަގުފަހިކޮށްދީ، އެތައް ސަތޭކަ މިލިއަން ބަޔަކު ފަގީރުކަމުން އަރައިގަތުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ސިޔާސީ ގޮތުން ހަމަޖެހުން ނެތް ގައުމުތަކަށް ޖެހިފައިވާ ހާލަކީ ވެސް މިސާލެކެވެ. ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ވެނެޒުއޭލާއަށް ވަނީ އިޤުތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ސަރުކާރުގެ ލީޑާޝިޕަށް އައި ހަލުވި ބަދަލުތަކާއި، އިޤުތިޞާދީ ގޯސް ނިންމުންތަކުގެ ސަބަބުން، ހައިޕާއިންފްލޭޝަންއަށް ދިއުން ފަދަ އިންސާނީ ކާރިސާއެއް އެ ގައުމަށް ވަނީ ކުރިމަތިވެފައެވެ. ރާއްޖެއާ އެއް ކޮންޓިނެންޓެއްގައި އޮތް އިސްލާމީ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި އަފްގާނިސްތާނަށް އެކަނި ބެލި ނަމަވެސް ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ގައުމަށް ކުރިމަތިވާ މައްސަލަތައް ވަރަށް ފަސޭހައިން ކުލަ ވާނެއެވެ.

ހަމަޖެހޭ ސިޔާސީ މާހައުލަކީ އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދީ، ހަރުދަނާ ވެރިކަމެއް ހިންގުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ސަރުކާރު އެކުލަވާލައްވަމުން އެ ގެންދަވަނީ ވައުދުތައް ފުއްދެވުމާއި ގައުމު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދިއުމުގެ އަޒުމުގައެވެ. އެ މަސައްކަތްތައް ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވަން ޖެހެއެވެ. ވަކި ބޭފުޅެއްގެ ސިޔާސީ މުސްތަގުބަލަށްޓަކައި ރާއްޖެ ހަލަބޮލި ކުރާކަށް ނުޖެހެއެވެ. މީހަކަށް ވުރެ ގައުމު ބޮޑު ވާނެއެވެ. ސިޔާސީ ހަލަބޮލި ކަމުގައި ލައްކަ ދުވަހު އުޅެވިއްޖެއެވެ. ދެން އެ ސަކަރާތް ޖަހާކަށް ހަގީގަތު ވެސް ދިވެހީންނަކަށް ވަގުތެއް ނެތެވެ.

comment ކޮމެންޓް