އެއާޕޯޓު މަޝްރޫއަށް ދިން އެހީއިން ޔޫއޭއީއަކީ ތަރައްގީގައި ބަރޯސާވެވޭނެ ގައުމެއްކަން ހާމަވެއްޖެ: ރައީސް

މިރޭ ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް މި މަހު ޔޫއޭއީން ރާއްޖެއަށް ވެދިން ބޮޑު އެހީތެރިކަމުން އެ ގައުމުން ހާމަކޮށްދިނީ، އެ ގައުމަކީ ރާއްޖެ ތަރައްގީކުރުމުގައި ބަރޯސާވެވޭނެ ގައުމެއްކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ޔޫއޭއީގެ 52ވަނަ ޔޫނިއަން ދުވަސް ފާހަގަ ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މި އަހަރަކީ ރާއްޖެއިން ޔޫއޭއީއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަަހަރު ފުރޭ އަހަރު ކަމަށެވެ.

މި ދިގު މުއްދަތުގައި ދެ ގައުމުގެ ގުޅުން އިސްލާމީވަންތަކަމާއެކު ބަދަހިވެފައި ވާކަމަށާއި މި ގުޅުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ އިންތިޚާބީ ރައީސްގެ ގޮތުގައި އެ މަނިކުފާނު ހުންނެވިއިރު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތަށް ހަމަޖައްސައިދެއްވި ފައިސާގެ އެހީ ފާހަގަކުރައްވައިފައެވެ.

https://sun.mv/184352

އެ މަނިކުފާނު ވިދާޅުވީ އެއީ ޔޫއޭއީއަކީ އަބަދުވެސް އެހީއާއި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ބަރޯސާވެވޭނެ ގައުމެއްކަން ހާމަކޮށްދިން އެހީތެރިކަމެއް ކަމަށެވެ.

"ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުމަށް މި މަހުގެ ކުރީކޮޅުގައި ޔޫއޭއީން ފޯރުކޮށްދީފައިވާ އެހީތެރިކަމަކީ، ޔޫއޭއީއަކީ އަބަދު ވެސް އެ ފަދަ ކަންކަމުގައި ބަރޯސާވެވޭ ގައުމެއްކަން ދޭހަކޮށްދޭ އެއް މިސާލު،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވިދާޅުވީ ރާއްޖެއާއި ޔޫއޭއީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ޔޫއޭއީ އަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް މަންޒިލު ކަމަށެވެ. އެ ގައުމަކީ ދިވެހީންގެ މެދުގައި ވެސް މަގުބޫލު މަންޒިލެއް ކަމަށާއި ގިނަ އަދަދެއްގެ ދިވެހީން ޔޫއޭއީގައި މިހާރު ވެސް ދިރިއުޅެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މި މަހު ފަހުކޮޅު އޮންނަ ކޮޕް28 ސަމިޓުގައި ބައިވެރިވުމަށް އެ މަނިކުފާނު ދުބައީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފަނު ވިދާޅުވީ އެއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން ލޮސް އެންޑް ޑެމޭޖް ފަންޑު އޮޕަރޭޝަނަލައިޒް ކުރެވެންޖެހޭ ކަމަށާއި އެންމެން ގުޅިގެން ދުނިޔެ ސަލާމަތް ކުރުމަށް ޓަކައި އެ ބައްދަލުވުމުގެ ހެޔޮ ނަތީޖާ ނެރެން ޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޔޫއޭއީގެ ލީޑާޝިޕްގެ ދަށުން މިކަން ފުރިހަމައަށް ކުރެވޭނެކަމާމެދު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް