ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދީފިއެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެއްކޮށް ނިންމައިލާ، އޮޕަރޭޝަނަށް ގެނައުމެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، މި ފަހުން މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ހަވާސާފައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް އެ ގައުމުގެ ސަރުކާރުގައި މުއިއްޒު އެދިވެޑައިގެންނެވި ކަމަށެވެ.
އަދި، އެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ދިވެހި ރުފިޔާ ހަމަޖައްސައިދޭން ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ޖަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް --- ފޮޓޯ/ އެލީޒް
"އެ ފައިސާ ހަމަޖައްސައިދެއްވުމަށް ޔޫއޭއީ ސަރުކާރުގެ އަބޫދާބީ ފަންޑުގައި އެދިވަޑައިގެންފައިވޭ. އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި، އަބޫދާބީ ފަންޑު ފޯ ޑެވިލޮޕްމަންޓް (އޭޑީއެފްޑީ)ން 80 މިލިއަން ޑޮލަރު، އެހެން ގޮތަކަށް ދަންނަވާނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ،" ފިރުޒުލް ވިދާޅުވިއެވެ.
"މި ފައިސާ ހަމަޖެހިގެން ދިއުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ،"
އޭނާ ވިދާޅުވީ، މި އެހީއާ އެކު އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ. އަދި، މި ފައިސާގެ އިތުރުން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ވެސް އެ ގައުމުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް މަޝްރޫއެއްގެ ގޮތުގައި ވިދާޅުވީ ވީހާ ވެސް އަވަހަށް ވީއައިއޭ މަޝްރޫއު ނިންމައިލުމެވެ. އަދި، އެ މަސައްކަތް އަވަސް ކުރަން ސީދާ މުއިއްޒު ޗެއާ ކުރައްވާ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލާނެކަން އެ މަނިކުފާނު މީގެ ކުރިން ވަނީ ހާމަ ކުރައްވައިފައެވެ.
ޓާމިނަލް ހެދުމަށް ސައުދީ ފަންޑުން 185 މިލިއަން ރުފިޔާ، ކެވައިތު ފަންޑުން 149 މިލިއަން ރުފިޔާއާއި، އޮޕެކް ފަންޑުން 37 މިލިއަން ރުފިޔާ އަދި, އަބޫދާބީން ވެސް ވަނީ 18 މިލިއަން ރުފިޔާ އަންނަ އަހަރަށް ކަނޑައަޅައިފައެވެ.
ދެހާސް ސޯޅަވަނަ އަހަރު އާ ޓާމިނަލުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ނިންމާ ގޮތަށެވެ. ނަމަވެސް ކޮވިޑާއި އެހެނިހެން ސަބަބުތަކާ ހުރެ އާ ޓާމިނަލުގެ މަސައްކަތް އަދިވެސް ނުނިމެއެވެ.
އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ޔާމީން ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.