ޔޫއޭއީގެ ޝައިޚް ތަޙުނޫން ބިން މުޙައްމަދު އަވަހާރަވެއްޖެ

ޔޫއޭއީގެ އަލް ޢައިން ތަމްސީލުކުރައްވާ ވެރިޔާ ޝެއިޚް ތަޙުނޫން ބިން މުޙައްމަދު އަލް ނަޙްޔާން. ފޮޓޯ/ގަލްފް ނިއުސް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އަލް ޢައިން ތަމްސީލުކުރައްވާ ވެރިޔާ ޝެއިޚް ތަޙުނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަވަހާރަވެއްޖެއެވެ.

ޝެއިޚް ތަޙުނޫން އަވަހާރަވުމާ ގުޅިގެން ޔޫއޭއީން ވަނީ ހަތް ދުވަސް ވަންދެން ހިތާމަފާޅުކުރުމަށް ނިންމައިފިއެވެ.

ޝައިޚް ތަޙުނޫން އަވަހާރަވީއިރު އުމުރުފުޅުން 82 އަހަރެވެ.

ޔޫއޭއީގެ ބާނީ މަރުހޫމް ޝެއިޚް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ގާތް އެކުވެރިއެއް ކަމަށްވާ ޝެއިޚް ތަޙުނޫން އަވަހާރަވުމުގެ ހިތާމައިގައި ޔޫއޭއީގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށްވެސް ވަނީ ނިންމައިފައެވެ.

ޝެއިޚް ޒައިދު ޔޫއޭއީގެ ވެރިކަމާ ހަވާލުވެވަޑައިގެންވިތާ މަހެއްހާ ދުވަސް ފަހުން ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާގެ ޗެއާމަން އަދި އަލް ޢައިން މުނިސިޕަލްޓީގެ ޗެއާމަންގެ މަގާމަށް ޝައިޚް ތަޙުނޫން އައްޔަންކުރެއްވިއެވެ.

ޔޫއޭއީގެ ތަރައްގީގައި ޝެއިޚް ތަހުނޫން މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެބޭފުޅާއަކީ އަލް ޢައިންގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވައި ސީދާ މުއާމަލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. ނޮވެމްބަރު 2018 ގައި އަލް ޢައިން އާއި ދުބާއީއާ ދެމެދު އޮންނަ މަގަށް ވަނީ އޭނާގެ ނަމުން ނަންވެސް ދީފައެވެ.

ޝެއިޚް ތަޙުނޫން ކައިވެނި ބައްލަވައިގަތީ ޝެއިޚް ޒައިދުގެ ކޮއްކޮ ޝެއިޚާ ހެސާއާއެވެ. އެ ކައިވެންޏަށް 10 ފިރިހެން ދަރިކަލުން ލިބިވަޑައިގަތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް