ރުހުން ނުދޭންވީ ހައުސިން މިނިސްޓަރަކަށް ނޫން، އެއީ ހައްލު ހޯއްދަވާދޭނެ ބޭފުޅެއް: ނަޝީދު

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް މަޖިލީހުން ރުހުން ދޭން ޖެހޭ ކަމަށާއި، އެ ބޭފުޅާއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ބޭފުޅެއް ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން 'ފޭރިގަތުމަށް' އުޅޭ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް މަޖިލީހުން ރުހުން ހޯދިޔަ ނުދޭނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މީކާއިލް އެގޮތަށް ވިދާޅުވީ ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމައިފައިހުރި، އަދި މިހާރު ދީފައިހުރި ބައެއް ގޯތިތައް އެހެން ސަަރަހައްދަކަށް ބަދަލުކުރަން ޖެހިދާނެކަމަށް އިއްޔެ މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ.

https://sun.mv/184997

މަޖިލީހުގައި ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ، އާ ހައުސިން މިނިސްޓަރަށް އިންތިހާއަށް އިތުބާރު އެބައޮތް ކަމަށާއި ޑރ. ހައިދަރަކީ ޕްލޭނިން މިނިސްްރީ އުފެދުނީންސުރެ އެ މިނިސްޓްރީގައި މަސައްކަތްކުރެއްވި ފަންނީ ބޭފުޅެއް ކަމަށެވެ.

ފްލެޓު ލިސްޓަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ މިނިސްޓަރު އެކަން ބެއްލެވުމަށް ފަހު އެ ލިސްޓު އެ އޮތީ ގޯސްކޮށް ކަމަށް ވިދާޅުވުމުން އެކަން ރަނގަޅަށް ބަލަންޖެހޭނެ ކަމަށެވެ. އެގޮތުން ފްލެޓު ލިބޭ ހައްގު މީހުންނަކީ ކޮން ބައެއްތޯ ބަލައި އެ މީހުންނަށް އެ މީހުންގެ ހައްގު ލިބެންޖެހޭނެކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"މިދިޔަ ސަރުކާރުން ރައީސް ޞާލިޙު އެ އޮތީ މާލެއިން ބޭނުން ބަޔަކަށް އެ ބަހާފަ. ޝަކުވާ ނޫފުލާ ރައްޔިތުން މާލޭގަ ވެސް ވަރަށް މަދު، ހައިދަރު އެ ވިދާޅުވީ ރަނގަޅަށް،" ނަޝީދު ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، އާ ކެބިނެޓުގެ ރުހުން ނުދީ އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. އެއީ އަޅުގަނޑުމެން ވަޒީރުންގެ މައްޗަށް އަހުލާގީ ގޮތުން ވެސް ލާޒިމުކުރާނެ ކަމެއް،"

ނަޝީދު ވިދާޅުވީ އޮޑިޓާ ޖެނެރަލް ވެސް ލަފާ ދެއްވާފައި ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ އެއްގޮތަކަށް ވެސް އަމަލުކުރުން ބުއްދިވެރި ބަޖެޓެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ރުހުން ނުދޭންވީ މިއަދުގެ ހައުސިން މިނިސްޓަރަކަށް ނޫން، އެއީ މިކަން ކުރަން އެނގޭނެ ބޭފުޅެއް، އެ ބޭފުޅާ ދައްކާ ވާހަކަ އަޑު އައްސަވާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ ފަސް އަހަރު ރަނގަޅަށް އަންދާޒާކޮށްފައި އެއްވެސް ކަމެއް ނެތް ކަމަށާއި ހަމައެކަނި ކޮށްފައިވާ ކަމަކީ އޮޅުވަލުން ކަމަށެވެ.

"ފަސް އަހަރުވެއްޖޭ އަޅުގަނޑު މި ރަތް ބޮކީގެ ވާހަކަ ދައްކާތާ، މި ރާއްޖެ މިދަނީ ބަނގުރޫޓުވަމުން. ދެންވެސް ދިވެހި ސަރުކާރަށް ނުހުރައްޕާން ކުރާކަށް ނޫން ވީކީ މިތަނުގައި،" ނަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި އިއްޔެ މިނިސްޓަރު ހައިދަރު ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން މި ސަރުކާރުން އަމަލުކުރާނެ ގޮތް ހިއްސާކުރައްވައިފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެ ތަންތަނުން ބިން ދޫކުރަން ނިންމައިފައިހުރީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.

އެއީ މި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެ ފަދަ ޕްލޭނެއް ނެތް ތަނެއްގައި މީހުން ދިރިއުޅެން ފެށުމަކީ މި ސަރުކާރަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް