މެންބަރުން މަދުވެ، މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލު ކުރައްވަމުން ގެންދެވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީއަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

އުޝާމް އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ބަންޑާރަ ނައިބުކަމުގެ މަގާމު ލިބިވަޑައިގަތުމުންނެވެ.

މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާ ދެން ތިއްބަވާނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި, މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާއާ ހަވާލާދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ޕާޓީއެއް ތަމްސީލުކުރަން ތިބި މެންބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށް ވުރެ ދަށް ވެއްޖެނަމަ ޕާޓީ ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.

އެހެންކަމުން އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ރިޔާޒާއި ނާޒިމް މިހާރު މަޖިލީހުގެ ދަފުތަރުގައި ހިމެނިވަޑައިގަންނަވާނީ މިނިވަން މެންބަރުންގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ދަފުތަރު މިހާރު އެކުލެވިގެންވާ ގޮތުން ދެން ތިއްބަވާނީ:

  • އެމްޑީޕީގެ 56 މެންބަރުން
  • ޑިމޮކްރެޓްސްގެ 13 މެންބަރުން
  • ޕީޕީއެމްގެ 2 މެންބަރުން
  • ޕީއެންސީގެ 2 މެންބަރުން
  • އެމްޑީއޭގެ 2 މެންބަރުން،
  • ޖުމްހޫރީ ޕާޓީގެ 2 މެންބަރުން
  • އަމިއްލަ 4 މެންބަރުން

އެމްއެންޕީ އުފައްދައި މަޖިލީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ތަމްސީލް ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ތިން މެންބަރުން ތިއްބެވުމުންނެވެ.

ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް އެމްއެންޕީން، އެ ޕާޓީގެ ރައީސް ނާޒިމް ވާދަކުރެއްވިއެވެ. އެކަމަކު، ފުރަތަމަ ބުރުގައި ނާޒިމަށް ލިބުނީ 1,907 ވޯޓެވެ.

އެހެންވެ، ދެވަނަ ބުރުގައި އެމްއެންޕީން ވަނީ އެއްވެސް ޝަރުތަކައިނުލާ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދައިފައެވެ.

comment ކޮމެންޓް