ހެނދުނުގެ ނާސްތާ ނުވަތަ ބްރޭކްފާސްޓުގެ މުހިއްމު ކަމަކީ މިހާރު ކިޔައިދޭން ޖެހޭ ވަރުގެ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހެއް ފަށައި ދުވަހަށް ބޭނުންވާ ހަކަތައަށް އެންމެ މުހިއްމު ވަނީ ހެދުނުގެ ސައި ނުވަތަ ނާސްތާއެވެ. އެހެންވީ އިރު ދުވަހުގެ އެންމެ މުހިއްމު ކެއުން ފުރިހަމަ ކުރަނީ ކޮން ގޮތަކަށް ހެއްޔެވެ؟
ހެނދުނުގެ ނާސްތާއަކީ މީހާގެ ހަކަތަ އިތުރުކޮށްދިނުމުގެ އިތުރުން ކަންކަމަށް ސަމާލުކަން ދިނުމަށް ފަސޭހަވުމާއި ބަރުދަން ވަކި ވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ އާދައެކެވެ.
މިގޮތަށް ވިސްނާއިރު ދިވެހިން ހެނދުނުގެ ނާސްތާގައި ހިމަނާ ބައިވަރު އެއްޗެހި ހުރެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް ހާއްސަ އެއްޗެއްސާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހާއްސަ އެއްޗެހި ހުރެއެވެ.
އެންމެ ފުރަތަމަ މި ކަންތައްތަކަށް ދާއިރު އަލި އަޅުވާލަން ޖެހޭނީ އޮފީސްތަކުގެ މަސައްކަތް ކުރާ މީހުންނަށެވެ. ގިނަ ބަޔަކީ ހެނދުނު ރަނގަޅަށް ހޭލެވުމުގެ ކުރީން އޮފީހުގައި ތިބޭ ބައެކެވެ. އެއާ އެކު ހެނދުނުގެ ނާސްތާގެ އާދަތަކަކީ އެންމެ އެއްގޮތް ނުވަތަ ރަނގަޅު އާދަތަކަކަށް ނުވެދާނެއެވެ.
"އާންމުކޮށް އޮފީހުގައި ސައި ނުބޮވެ ހެނދުނު. ގެއިން އެއްޗެއް ނުގެނެވިއްޖެޔާ ހަމަ ހެދިކާއެއް ނުވަތަ ސޭންޑްވިޗެއް ގަނެލައިގެން ކަނީ،" ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޒުވާނަކު ކިޔައިދިނެވެ.
ގިނަ ފަހަރަށް އެހާ ހެނދުނު އޮފީހަށް އަންނަން ޖެހޭތީ ނާސްތާއެއް ތައްޔާރު ކުރަން ހިތްވަރު ނުވަތަ ވަގުތު ވެސް ނުލިބެނީއެވެ. އެއާއެކު ގިނަ ފަހަރަށް ގެންްގުޅެވެނީ އެންމެ އެދެވޭ އާދަތަކެއް ނޫނެވެ.
ނަމަވެސް ނާސްތާ ތައްޔާރު ކުރެވޭ ނަމަ ގިނަ ފަހަރަށް ގެއިން ތައްޔާރު ކޮށްގެން ގެންދާ ތަކެތީގެ ތެރޭގައި ފާހަގަ ކުރެވޭ އެއްޗެހި އެބަހުއްޓެވެ. ހާއްސަގޮތެއްގައި ވަރުގަދަ ބިސްގަނޑެއް ނުވަތަ އޯޓްސް ތަށްޓެއް ފަދަ އެއްޗެހި ހިމެނެއެވެ. ބައެއް ފަހަރު ސެލެޑެއް ވެސް ހަދާލައެވެ.
މިި ތަކެތި ހުރި ނަމަވެސް ސައިބޯން ދިވެހީންނަށް ކަމުދަނީ މި ތަކެއްޗެއް ނޫނެވެ. ރަނގަޅަށް ނާސްތާ ފުރިހަމަ ކޮށްލާ ނަމަ ދިވެހީންނަށް މަސްހުނި ގަނޑެއް ނުވަތަ ކުޅިމަސް ފަދަ އެއްޗަކާ ނުލައި ނުލައެއް ނުވާނެއެވެ. އަދި ހާއްސަ ހާލަތެއް ނަމަ ފްރެންޗް ޓޯސްޓު އަދި ސޮސެޖާއި ޕާން ފަދަ ތަކެތި ވެސް ކަމުދެއެވެ.
އެހެންވީމާ ހެނދުނުގެ ނާސްތާއަށް އާންމުކޮށް ބޭނުން ކުރަނީ ކޯއްޗެއް ހެއްޔެވެ؟