ލޯބިވެރިޔާ މަރާލުމުގެ ތުހުމަތުގައި ނަރުގިސް ފަހުރީގެ ކޮއްކޮ ހައްޔަރުކޮށްފި

ބޮލީވުޑްގެ ބަތަލާ ނަރުގިސް ފަޚުރީގެ ކޮއްކޮ އާލިއާ، އޭނާގެ ލޯބިވެރިޔާއާއި ރަހުމަތްތެރިއަކު މަރާލިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އާލިއާގެ ކުރީގެ ލޯބިވެރިޔާ ޖޭކޮބް މަރުވެފައިވަނީ ޖޭކޮބް ދިރިއުޅުނު ގޭގައި އާލިއާ ރޯކޮށްލުމާ ގުޅިގެން ކަމަށެވެ. މި ހާދިސާގައި ޖޭކޮބްގެ ރަހުމަތްތެރިއެއް ކަމަށްވާ އަނަސްތާސިއާ ވެސް މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި "ރޮކް ސްޓާ"ގެ ބަތަލާގެ ކޮއްކޮ ކުރީގެ ލޯބިވެރިޔާގެ ގޭގައި ރޯކޮށްލީ ރުޅި އައިސްގެންނެވެ. އޭނާ ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދުނު އެދުން ވެސް ވަނީ ބާތިލުކޮށްފައެވެ.

ޑިސްޓްރިކްޓް އެޓާނީ މެލިންޑާ ކާޓްޒްއާ ހަވާލާދީ 'ޑެއިލީ ނިއުސް'ގައި ބުނެފައިވަނީ މި ހާދިސާގައި ޖޭކޮބާއި އޭނާގެ ރަހުމަތްތެރިޔާ އަނަސްތާސިއާ މަރުވެފައިވަނީ ދުމުގެ އަސަރު އެތެރެހައްޓަށް ވަރަށް ބޮޑަށް ކުރުމުގެ އިތުރުން އަލިފާނުގެ ހޫނުން ހަށިގަނޑަށް ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ.

އެޑްވާޑް ޖެކޮބާއި އާލިއާގެ ލޯބީގެ ގުޅުން މީގެ އަހަރެއް ކުރިން ނިމުމަކަށް އައުމަށް ފަހު ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން އަނެއްކާ ވެސް ރަނގަޅުވި ކަމަށް ނަރުގިސްގެ މަންމަ ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

ނަރުގިސް ފަހުރީ އަދި ކޮއްކޮ އާލިއާ--ފޮޓޯ/އެންޑީޓީވީ

މި ހާދިސާ ހިނގުމުގެ ކުރިން ވެސް އާލިއާ ވަނީ ޖޭކޮބް މަރާލާނެ ކަމަށާއި އޭނާގެ ގެ އެއްކޮށް އަންދާލާނެކަމުގެ އިންޒާރު ދީފައި ކަމަށް މީޑިއާއަށް މައުލޫމާތު ދިން ހެކިވެރިޔަކު ވަނީ ބުނެފައެވެ.

ދަރިފުޅުގެ ދިފާއުގައި ނަރުގިސްގެ މަންމަ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އާލިއާ މީހަކު މަރާލާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ދަރިފުޅު އާލިއާއަކީ ހުރިހާ އެންމެންނަށް ވެސް އެހީތެރިވުމަށް ލޯބިކުރާ މީހެއް ކަމަށެވެ.

ކޮއްކޮ އާލިއާއަށް ކުރެވިފައިވާ މި ތުހުމަތުތަކާ ގުޅިގެން ނަރުގިސްގެ ފަރާތުން ވަކި އެއްޗެއް ބުނެފައިނުވާއިރު ބަތަލާ އަންނަނީ ފިލްމު "ހައުސްފުލް 5"ގެ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް