މިދިޔަ ޖޫން މަހުން ފެށިގެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ދުވަސްތައް ހޭދަކުރަމުން އަންނަ ދެ ސައިންސްވެރިންގެ ތެރެއިން ސުނީތާ ވިލިއަމްސް އައިއެސްއެސްގައި މައިކްރޯގްރެވިޓީގެ ދަނޑުވެރިކަމުގެ ތަހުލީލުތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތަޖުރިބާކާރު އަލަށް ތަހުލީލުކުރަން ފެށި މި ދަނޑުވެރިކަމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހައްދަން ފަށާފައިވަނީ ރޮމެއިން ލެޓިއުސްގެ ބާވަތެވެ.
އެ ސްޓޭޝަންގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސައިންސްވެރިޔާ ތަހުލީލުކުރަން ފެށި މި މަސައްކަތުގެ ސަބަބުން ކުރިމަގުގައި ވެސް ކުރެވޭ ޖައްވީ މިޝަންތަކަށާއި ދުނިޔޭގެ ދަނޑުވެރިކަމަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމަށް ސުނީތާ ވައުދުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
"ޕްލާންޓް ހެބިޓޭޓް-07" ގެ ނަމުން ނަން ދީފައިވާ މި އެކްސްޕެރިމެންޓަކީ ޒީރޯ ގްރެވިޓީ މާހައުލެއް އޮންނަ ޖައްވުގައި ހުންނަ ގަސްގަހާގެހީގެ ކުރިއެރުމަށް ފެނުގެ މިންވަރު ތަފާތުވުމުން އަސަރުކުރާ ގޮތް ދެނެގަތުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެކްސްޕެރިމެންޓެކެވެ.
މި ފެނަކީ ގުދުރަތީ ގޮތުން ދުނިޔެއަށް އަމާޒުވާގޮތަށް ތިރިއަށް ދައުރުވާ އަދި ގަސްގަހާގެހީގެ ރޫޓްތަކަށް ނިއުޓްރިއަންޓްސް އެބްސޯބް ކުރުމަށް އެހީތެރިވެދޭ ފެނެކެވެ. އެހެންކަމުން ސުނީތާ ވިލިއަމްސްގެ ދިރާސާއަކީ މުސްތަގުބަލުގެ ގިނަ ޖައްވީ މިޝަންތަކަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވޭނެ ދިރާސާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސުނީތާގެ މި މިޝަންގެ މައިގަނޑު މަގުސަދަކީ ޑީޕް ސްޕޭސް މިޝަންތަކަށް ބޭނުންވާ ގަސްގަހާގެހީގެ ދަނޑުވެރިކަމުގެ ޓެކްނިކްތައް އޮޕްޓިމައިޒްކުރުމުގެ އިތުރުން ފެން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތައް ދެނެގަނެ، ދުނިޔޭގެ ސަރަހައްދުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމަށް ހައްލުތައް ހޯދައިދެވޭނެ ގޮތްތައް ގާއިމުކުރުމެވެ.
ސުނީތާ އަލަށް ކުރަން ފެށި މި ދިރާސާ މެދުވެރިކޮށް ޖައްވުގައި ލެޓިއުސް ހެދޭ މިންވަރު ދެނެގަނެ އޭގެ މުހިއްމު ނިއުޓްރިޝަނަލް ފައިދާތަކާ އެކު މައިކްރޯގްރެވިޓީގައި ލެޓިއުސް ހެއްދުމުން އެއިން ސިއްހަތަށް ލިބޭނެ ފައިދާތައް ހޯދުން ވެސް ހިމެނެއެވެ.
އެންޑީޓީވީއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މީގެ ސަބަބުން ޖައްވީ ތަހުލީލުތަކަށް ސެލްފް ސަސްޓެއިނަބަލް ލައިފް ސަޕޯޓު ސިސްޓަމްތައް ގާއިމުކުރުމަށް ނާސާއަށް އެހީތެރިކަން ލިބިގެންދިއުމީ ސައިންސްވެރިންގެ އެންމެ ބޮޑު އުއްމީދެވެ.
ޖައްވުގައި ތާށިވެފައި ތިބި އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ އާއި ބަޗް ވިލްމޯ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު "ސްޕޭސްއެކްސް ކްރޫ ޑްރެގަން"ގައި ބިމަށް އަނބުރާ އަންނާނެ ކަމަށް ނާސާއިން ވަނީ އިއުލާނުކޮށްފައެވެ. އެންމެ އަށް ދުވަހުގެ މިޝަނަކަށް ފަހު ދުނިޔެއަށް އެނބުރި އަންނަން ރޭވި މި ދެ އެސްޓްރޮނޯޓުންގެ ޖައްވީ ދަތުރު މިހާރު ވަނީ މަސްތަކަކަށް ބަދަލުވެފައެވެ.