އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަނަށް އިތުރުކުރުން: ސައީދު

'ވިޒިޓާ އިކޮނޮމިކް ކައުންސިލް'ގެ ކޯ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީން މިހާރު ލިބޭ 4.5 ބިލިއަން އެމެރިކާ ޑޮލަރު، ހަ ބިލިއަނަށް އިތުރުކުރުން ކަމަށް، 'ވިޒިޓާ އިކޮނޮމިކް ކައުންސިލް'ގެ ކޯ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަން ސިންދަފާތުކުރުމަށް މި ސަރުކާރުން އަލަށް އުފެއްދި 'ވިޒިޓާ އިކޮނޮމިކް ކައުންސިލުން' މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލަކީ ދުރުރާސްތާއާއި، މެދުރާސްތާއާއި އަދި ކުރުރާސްތާއަށް ވެސް ޓާގެޓްކުރެވިގެން މަސައްކަތް ކުރާނެ ކައުންސިލެއް ކަމަށެވެ.

އެ މަސައްކަތްތަކުން އުފަންކުރާ ޓާގެޓުތައް ވުޒާރާތަކަށާއި މުއައްސަސާތަކަށް ފޮނުވައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވަން މަސައްކަތްކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ޖީޑީޕީއަކީ ހަ ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އޭގެތެރެއިން ގާތްގަނޑަކަށް 4.5 ބިލިއަން އެމެރިކާ ޑޮލަރު އެއީ ޓުއަރިޒަމް ދާއިރާއިން އުފަންކުރާ ވަރު ކަމަށް ވިދާޅުވިއެވެ.

"ދެން މީގަ ވަރަށް ކުރު ރާސްތާ ޓާގެޓެއް އެބައޮތް ރައީސްގެ ވެސް، އެއީ މި ދެންނެވި 4.5 ބިލިއަން ކުރިއަރުވައި ހަ ބިލިއަން އެމެރިކާ ޑޮލަރަށް ޓޫރިޒަމް ރެވެނިއު ޖެއްސުން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

"މިއީ މިހާރުގެ ޓޯޓަލް ޖީޑީޕީ ސީލިން ހަމައެކަނި ޓޫރިޒަމް ސެކްޓާއަށް ޓާގެޓްކޮށްފައި ޕުޝްކޮށްލުން. އެހެންވީމަ އެހެން ސެކްޓާތަކާ އެކުގައި ވަރަށް ބޮޑު ތަން އިތުރުވެގެން ދާނެ،"

'ވިޒިޓާ އިކޮނޮމިކް ކައުންސިލް'ގެ ކޯ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސައީދު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ މައި ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަން އޮތް ކަމުގައި ވިޔަސް، އެކަމާ ގުޅުން ހުރި އިތުރު ސިނާއަތްތައް ތައާރަފްކޮށް ގެނައުމަކީ ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ. އަދި، ފަތުރުވެރިކަމުގެ ތެރެއިން އެ ސިނާއަތް ޑައިވާސިފައި ކުރުމަށާއި އިގްތިސާދު ހަމައެކަނި އެއް ކަމަކަށް އަމާޒު ނުކުރުމަށް އެކިއެކި މިނިސްޓްރީތަކުން ސިޔާސަތުތައް ގެންގުޅުއްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވިދާޅުވީ ބައެއް ގައުމުތަކުގައި މިހާރު ވެސް ވިޒިޓާ އިކޮނޮމީ ކައުންސިލް އުފައްދައިގެން ކާމިޔާބުކަމާ އެކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ދެ ކަމެއް ހާސިލުވެއެވެ. އެއީ، ފަތުރުވެރިންނަށް ވޯލްޑް ސްޓޭންޑަޑްގައި ކަންތައްތަކެއް ކުރެވޭ އިރު، ރާއްޖޭގައި ތިބި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ލިބިގެން ދިޔުމެވެ. ހަމައެއާ އެކު އެންމެ ބޮޑު ބޭނުމަކީ ދެކޮޅު ޖެހޭ އާމްދަނީއެއް ހޯދައި ދެމެހެއްޓެނިވި ކޭޝްފްލޯއެއް ގެންގުޅޭ، ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުން ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަން ސިންދަފާތު ކުރަން އަލަށް އުފެއްދި ކައުންސިލް ޗެއާކުރައްވަނީ ރައީސް މުއިއްޒެވެ. އެ ކައުންސިލްގެ އަމާޒަކީ ފަތުރުވެރިކަން ކުރިއަރުވައި ސިންދަފާތު ކުރުމެވެ.

comment ކޮމެންޓް