މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް، އެއާ އެންޑް ޓްރެވަލް ސާވިސް ފޯރުކޮށްދޭ ކުންފުނި، ޓްރެވަލްބޭގް (ޑިނާޓީއޭ ޔޫކޭ) އާ ގުޅިގެން އިނގިރޭސިވިލާތުގައި ޖޮއިންޓް މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ, މިދިޔަ މަހު ފަށައި، އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ކެމްޕެއިންގެ އަމާޒަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށެވެ.
ޓްރެވަލްބޭގްއަކީ 45 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އޭޖެންސީއެއް ކަމަށްވާއިރު، ޓްރެވްލްބޭގްގެ އަމާޒަކީ ގިނަ ރަށްތަކަށް ޒިޔާރަތް ކުރެވޭ ފަދަ ޗުއްޓީތަކާއި މަތީ ފަންތީގެ ރިސޯޓްތަކުގައި އެ ބަޔަކަށް ޚާއްސަ ލަގްޒަރީ ޓްރެވަލް ތަޖުރިބާތައް ފޯރުކޮށްދިނުމެވެ.
ޓްރެވަލްބޭގުން އިނގިރޭސިވިލާތުގައި އަށް ރީޓެއިލް ފިހާރައެއް ހިންގާއިރު، 95 ޕަސެންޓް ބުކިންތައް ހޯދަނީ އޮފްލައިންކޮށް މި ފިހާރަތަކުންނާއި ކޯލް ސެންޓަރުތައް މެދުވެރިކޮށެވެ. މި ކުންފުނި ޚާއްސަވެފައިވަނީ ދިވެހިރާއްޖެ ފަދަ ލަގްޒަރީ މަންޒިލްތަކަށެވެ. އެހެންވެ، މި ކެމްޕޭންގެ މައިގަނޑު އަމާޒަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހޮވުމަށް ބާރުއެޅުމެވެ.
މި ކެމްޕޭން އަމާޒުކޮށްފައިވަނީ ކަޕްލްސް އަދި ހަނީމޫންއަށް ދަތުރުކުރާ ފަރާތްތަކާއި އާއިލާތަކާއި އެކަނި އަދި ގްރޫޕް ޓްރެވަލާސް ފަދަ ވަކި ޑިމޮގްރަފިތަކަކަށެވެ. އެގޮތުން، ޓްރެވަލްބޭގްގެ ކަސްޓަމަރުން ބޭނުންކޮށްގެން ޚަރަދު ކުޑަ، ވަކި ބަޔަކަށް ޚާއްސަ މާކެޓިން ކުރިއަށް ގެންދާނެއެވެ.
ރީޓެއިލް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ވެސް ބޭނުންކޮށްގެން، މި ކެމްޕޭނުން ގިނަ ބަޔަކަށް ވާސިލުވެވި، ގިނަ ގޮތްތަކުން ކަސްޓަމަރުންނާ ގުޅެއެވެ. އަދި، އިނގިރޭސިވިލާތުގެ މާކެޓަށް އެމްއެމްޕީއާރުސީއިން ކަނޑައަޅާފައިވާ ސްޓްރެޓެޖީތަކާ އެއްގޮތަށް މި އިސްނެގުމުގައި ބޮޑަށް އަލިއަޅުވާލަނީ ވަކިވަކި އުފެއްދުންތަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށެވެ. މިގޮތުން ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކާއި ލިވަބޯޑްތައް އަދި ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ސާފު ރީތި ތިމާވެއްޓާ ގެޅޭ ތަފާތު ތަޖުރިބާތަކާއި ތިމާވެށި ހިމާޔަތްކުރަން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލެވޭނެއެވެ.
މި ކެމްޕޭނުން 1.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވާސިލުވެވޭނެ ކަމަށް ލަފާކުރެވޭއިރު މި ކެމްޕޭންގެ މަގުސަދަކީ މި ކެމްޕޭން މުއްދަތުގައި އާމްދަނީގެ ގޮތުގައި ކޮންމެ ބުކިންއަކުން 10،680 ޕައުންޑް ލިބުމެވެ.
އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. އިއްޔެގެ ނިޔަލަށް 70,561 އިނގިރޭސި ފަތުރުވެރިން ދިވެހިރާއްޖެއަށް އައިސްފައިވަނީ 10.6 ޕަސެންޓުގެ މާކެޓް ހިއްސާއަކާއެކުގައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓްގެ ގޮތުގައި އިނގިރޭސިވިލާތްވެފައިވާއިރު، އެމްއެމްޕީއާރުސީން މި މާކެޓްގައި ތަފާތު ހަރަކާތްތައް ހިންގައެވެ. މިދިޔަ އަހަރު އެމްއެމްޕީއާރުސީން ވަނީ ''ޑިސްކަވާ މޯލްޑިވްސް'' ވެބިނާ ސީރީޒް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ޑަބްލިޔުޓީއެމް ލަންޑަން 2024 ގައި ބައިވެރިވެ، މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް މޯލްޑިވްސް މީޑިއާ މީޓެއް ވެސް ބާއްވާފައެވެ.
މި އަހަރަށް ބަލާއިރު، އެމްއެމްޕީއާރުސީއިން މި މާކެޓުގައި ދިވެހިރާއްޖޭގެ ޕްރެޒެންސް އިތުރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް ރޭވުމެއް ވަނީ އެކުލަވާލާފައިވެއެވެ. އޭގެ ތެރޭގައި ބޮޑެތި އެއާލައިންތަކާއެކު ކޯލަބަރޭޝަންސް، އޯޓީއޭތަކާއެކު ކެމްޕޭންތައް، ޓީވީ ޝޯތަކާއި ޓުއާ އޮޕަރޭޓަރުންނާ އެކު ޕާޓްނަޝިޕް ހެދުން، މީޑިއާ އަދި އިންފްލޫއެންސާ ފެމިލިއަރައިޒޭޝަން ދަތުރުތައް، ޑިޖިޓަލް ކެމްޕޭންތައް އަދި ޑަބްލިއުޓީއެމް ލަންޑަން 2025 ފަދަ ބޮޑެތި ޓްރެވަލް ޓްރޭޑް ފެއާތަކުގައި ބައިވެރިވުން ހިމެނެއެވެ.
މި މާކެޓިން ހަރަކާތްތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އެންމެ މަޤްބޫލް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު ވަރުގަދަ ކުރުވޭނެއެވެ.