މައުމޫން ލިވަޕޫލާއެކު ބައިގަރުނު، ޓީމުން ރާއްޖެ އިސްތިހާރު ކުރާތީ އުފަލުން ފޮޅިފައި

ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ސޮއިކުރައްވާފައިވާ ޖޯޒީއެއް މައުމޫނާ ހަވާލުކުރައްވަނީ --

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކްލަބު، ލިވަޕޫލުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން ފަށާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފާފާޅުކުރައްވާ، ޖަޒުބާތީ މެސެޖެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވައިފިއެވެ.

ލިވަޕޫލަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ލީގު ކަމަށްވާ ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޓީމެވެ. މި ޓީމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފަށަން ހަމަޖެހިފައި ވަނީ މިރޭ ލިވަޕޫލާއި އެވަޓަން ބައްދަލުކުރާ މެޗު ފެށުމުގެ ކުރިން ލިވަޕޫލުގެ ރަސްމީ ދަނޑު އެންފިލްޑްގައެވެ.

ލިވަޕޫލުގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން މިކަމާ ގުޅިގެން މައުމޫން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި ވަނީ އެމަނިކުފާނަކީ 1970ވަނަ އަހަރުން ފެށިގެން އެ ޓީމުގެ ސަޕޯޓަރެއްކަން ފާހަގަކުރައްވާފައެވެ.

އަދި މި ކެމްޕެއިންގެ ސަބަބުން އުފާވެރިކަމުގެ ޖަޒުބާތީ އިހުސާސެއް ކުރެއްވޭ ކަމަށް އެމަނިކުފާނު ވަނީ ލިޔުއްވާފައެވެ.

މި ކެމްޕެއިން ފައްޓަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ފުރައިވަޑައިގެންފައެވެ. އެހެންކަމުން މައުމޫން ވަނީ ރައީސަށް މިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

https://sun.mv/204305

މައުމޫނަކީ ލިވަޕޫލަށް ވަރަށް ތާއީދު ކުރައްވާ، އެ ޓީމުގެ މެޗުތައް ގަވާއިދުން ބައްލަވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި އޮންނަ ލިވަޕޫލް ސަޕޯޓަރުންގެ އެންޖީއޯގައި ވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.

އެ ޓީމުގެ ދިވެހި ސަޕޯޓަރުންނާއެކު ތަންތަނަށް ވަޑައިގެން މެޗުތައް ބެއްލެވުމަކީ ވެސް އެމަނިކުފާނު ލޯބިކުރައްވާ ކަމެކެވެ.

ކުރީގެ ރައީސް މައުމޫން ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންނާއެކު އެ ޓީމުގެ މެޗެއް ބައްލަވަނީ --

ލިވަޕޫލުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް އެމްއެމްޕީއާރުސީ ހަމަޖައްސައި އެކަން ފުރަތަމަ އިއުލާނު ކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

އެ ޓީމާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަށް ރަސްމީކޮށް ފަށަނީ މިރެއެވެ. މި ރަސްމިއްޔާތު މިރޭ ރާއްޖެ ގަޑިން 11:30ގައި ފަށާއިރު ލިވަޕޫލުގެ މެޗު ފަށާނީ ރާއްޖެ ގަޑިން 12:00ގައެވެ. ޕީއެސްއެމް ނިއުސް އަދި އައިސް ޓީވީން ރަސްމިއްޔާތު ލައިވްކޮށް ދައްކަން ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީން ބުނީ، ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

މީގެ އިތުރުން މި ކެމްޕޭންގައި ޖުމްލަ 2.5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާއިރު، އަހަރަކު އިނީޝިއަލް އިންވެސްޓްމަންޓަށް ވުރެ 20 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ރިޓާން އޮން އިންވަސްޓްމަންޓް (އާރްއޯއައި) ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، މި ކެމްޕެއިންގައި ތަފާތު ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިމެނޭކަމަށާއި އޭގެ ތެރޭގައި ލިވަޕޫލް އެފްސީގެ ލެޖެންޑުން ބައިވެރިވާ ޚާއްސަ ހަރަކާތްތަކާއި އިންޓަރެކްޓިވް ފޭން ޒޯން ގްލޯބަލް ޓްރޭޑް ޝޯތަކުގައި ޖޮއިންޓް އިވެންޓްތައް ހިމެނޭނެ ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް