ފިނޭންސް މިނިސްޓްރީން މި އަހަރަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު ކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާއާ އެކު މި އަހަރު ދައުލަތުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، އިސްލާހަކާ އެކު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ބުރާސްފަތި ދުވަހު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ ނިންމައިފައެވެ.
މިއަދު މަޖިލީހުގައި ވަނީ އެ ބަޖެޓު ފާސްކޮށްފައެވެ. އެގޮތުން:
- ބަޖެޓު ފާސްކުރަން 57 މެންބަރުން ވޯޓު ދެއްވި
- ބަޖެޓު ފާސްކުރަން 10 މެންބަރުން ދެކޮޅު ހެއްދެވި
ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ވޯޓު ނުދިނީ ޑިމޮކްރެޓްސްގެ މެންބަރުންނެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅީ ޖުމުލަ ރިކަރަންޓު ޚަރަދަށް 3.1 ބިލިއަން ރުފިޔާ އަދި، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފިނޭންސް މިނިސްޓްރީން ރިކަރަންޓް ޚަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރާނެއެވެ. އަދި، އާސަންދައަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފައެވެ. އާސަންދައަށް އިތުރު ކުރި 1.2 ބިލިއަން ރުފިޔާއާ އެކު އާސަންދައަށް ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.
ކެޕިޓަލް ޚަރަދު އިތުރު ކޮށްފައިވަނީ ޕީއެސްއައިޕީއަށް ކުރާ ހޭދަ އިތުރުވުމުންނެވެ. އަލަށް ބަޖެޓަށް އިތުރުކުރި ފައިސާގެ ތެރެއިން ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ބަޖެޓަށް އިތުރުކުރި 6.5 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ރިކަރަންޓް ޚަރަދު 31.7 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.