އަންދާޒާ ކުރާ މިންވަރަށް ބޭރު ފައިސާ ނުލިބޭ ނަމަ، ތަކެތީގެ އަގުތައް އުފުލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ބުނެފިއެވެ.
ދައުލަތުގެ ބަޖެޓުގައި އަންދާޒާ ކުރާ މިންވަރަށް ބޭރުގެ ހިލޭ އެހީ ފާއިތުވި އަހަރުތަކުގައި ލިބިފައެއް ނުވެއެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ލިބޭނެ ކަމަށް އަންދާޒާކުރި ބޭރު ފައިސާގެ 80 އިންސައްތަ ލިބިފައެއް ނުވެއެވެ.
އެހެން އޮއްވައި، އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އެމްއެމްއޭއިން ދިން ލަފާގައި ބުނެފައިވަނީ ބޭރު ފައިސާ މިހާރު ކޮންމެހެން ހޯދަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާކުރި 200 މިލިއަން ޑޮލަރު ވީހާ ވެސް އަވަހަށް ހޯދައި، އަންނަ އަހަރަށް އަންދާޒާ ކުރި 550 މިލިއަން ޑޮލަރު އެ އަހަރުގެ ވީހާ ވެސް ކުރީކޮޅު ހޯދުން މުހިއްމު ކަމަށް ވަނީ ބުނެފައެވެ.
އެ ފައިސާ ނުލިބިއްޖެ ނަމަ، އެ ކަމުގެ ސަބަބުން އެކްސްޗޭންޖު ރޭޓަށް ކުރާ އަސަރު ބޮޑުވެ، ތަކެތީގެ އަގުތައް އުފުލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަން މަރުކަޒީ ބޭންކުން ފާހަގަކުރެއްވިއެވެ.
އެމްއެމްއޭއިން ދިން ބަޖެޓު ލަފާގައިވާ ގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ވަކި ވަރެއްގައި ހިފެހެއްޓުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭރުގެ ފައިނޭންސިން ވަނީ ކޮންމެހެން ހޯދަން ޖެހިފައެވެ.
އެކަމަކު، ފައިސާ ނުލިބުމުގެ ފުރުސަތު ބޮޑުކަމުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވީހާ ވެސް އަވަހަށް އަޅަން އެމްއެމްއޭއިން ވަނީ ލަފާ ދީފައެވެ.
އަންނަ އަހަރު ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ އެންމެނަށް ލިބޭ ކަރަންޓާއި ތެލާއި ކާޑު އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި، އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި، ޓާގެޓަޑް ސަބްސިޑީއަކަށް ބަދަލުކުރުމެވެ. އަދި، އާސަންދައިގެ ނިޒާމުން ކުރާ ހޭދަ ވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުމެވެ.