އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު އުރީދޫ ގޭމިން ފެސްޓިވަލް އަންނަ ފެބްރުއަރީ މަހު

އުރީދޫ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް، "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" ބާއްވާނީ އަންނަ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު -- ފޮޓޯ/ އުރީދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް، "އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024" އަންނަ ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަން އުރީދޫ ނޭޝަނުން އިއުލާނުކޮށްފިއެވެ.

މި ގޭމިން ފެސްޓިވަލުގައި މި އަހަރު އުރީދޫ ނޭޝަންގެ ކޮންޓެންޑާ ސީރީޒްތަކުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން ޖުމްލަ 100،000 ރުފިޔާގެ އިނާމަށް ވާދަކުރާނެއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލްގައި ކުޅުންތެރިން ވާދުކުރާ ގޭމްތަކުގެ ތެރޭގައި ހިމެނެނީ:

· ޕަބްޖީ މޮބައިލް ޗެމްޕއަންޝިޕް

· އީއޭއެފްސީ ޗެމްޕިއަންޝިޕް

· މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕް

މި މުބާރާތްތަކުގެ އިތުރުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑް 2024ގައި "އަލްޓިމޭޓް ޕްލޭޔާ އޮފް ދަ އިޔާ" އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ހޮވާނެއެވެ. މި އެވޯޑަކީ މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަންގެ މުބާރާތްތަކުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ކުޅުމަކާއި ހުނަރު ދައްކުވައިދީފައިވާ ގޭމަރުގެ އަގު ވަޒަންކޮށް ފާހަގަ ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. ޝަރުތު ހަމަވާ ކުޅުންތެރިން އިވެލުއޭޓް ކުރަނީ އުރީދޫ ނޭޝަންގެ ޖަޖުންގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ.

· ޖަޖުންގެ ސްކޯ: ފައިނަލް ސްކޯގެ 60 ޕަސެންޓް

· އާންމުންގެ އެސްއެމްއެސް ވޯޓް: ފައިނަލް ސްކޯގެ 40 ޕަސެންޓް

މި އެވޯޑަށް ހޮވޭ ފަރާތްތަކަށް ލިބޭ ޖަޖުންގެ ސްކޯ އާއި ޕަބްލިކް ސްކޯ އާއެކު އެންމެ މަތިން މާކްސް ލިބޭ ކުޅުންތެރިއަކަށް އުރީދޫ ނޭޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބޭނެއެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލް ރާވައިފައިވަނީ ގޭމް ކުޅޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ވެސް އުފާވެރި، މަޖާ އަދި ފޯރިގަދަ އިވެންޓެއްގޮތުގައެވެ. މަޖާ ހަރަކާތްތަކާއި، ގޭމިން ސެޓަޕްތަކާއެކު މި ފެސްޓިވަލަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ގޭމިން މާހައުލަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ އިވެންޓެކެވެ. މި ފެސްޓިވަލަކީ ހުނަރުވެރިކަމާއި، އިނޮވޭޝަނާއި، ގޭމިންއަށް އޮތް ލޯބި ފާހަގަކޮށް ރާއްޖޭގެ ގޭމަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެވެސް ފެސްޓިވަލެކެވެ.

މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަންއިން ވަނީ ހުރިހާ ގޭމަރުންނަށާއި ގޭމު ކުޅުމަށް ޝައުގުވެރިކަން ހުންނަ އެންމެންނަށް ވެސް ދައުވަތުދީފައެވެ.

އެ ފެސްޓިވަލާ ބެހޭ އިތުރު މައުލޫމާތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް