ވީރާނާވަމުންދާ ޤައުމިއްޔަތަށް އުއްމީދުގެ ހުޅުކޮޅެއް

ދިވެހި ދިދައަކީ ދިވެހިން ފަޚުރުވެރިވާ އެއްޗަކަށް ހަދަންޖެހޭ

އަޅުގަނޑުމެންނަކީވެސް ޤައުމެކެވެ. ޤައުމީވަންތަ ގޮތް ހުރި ބައެކެވެ. ޤައުމިއްޔަތެއްގެ ރުކުންތައް ފުރިހަމަވާ ބައެކެވެ. ޤައުމު ކިތަންމެ ކުޑަނަމަވެސް މީސްކޮޅު ކިތަންމެ މަދުނަމަވެސް އަމިއްލަ ވަންތަކަމާއި އަމިއްލަ ދިރިއުޅުމަކަށް ބަރޯސާވާ ބައެކެވެ. އެގޮތްތައް ހިފަހައްޓަމުން އައިސްފައިވާ ބައެކެވެ. އެހެންނަމަވެސް ޒަމާނާއެކު ބަދަލުވަމުންދާ ދިރިއުޅުމުގެ ހަމަތަކުގެ ތެރެއިން އަމިއްލަ ވަންތަކަމާއި ޤައުމުގެ ޤައުމީ ވަންތަކަމަށް ފަނޑުކަމުގެ ކުލަވަރު އަރައި ވާނުވާ ނޭނގޭ ހިސާބަށް މިއަދުވަނީ ގޮސްފައެވެ. ޤައުމިއްޔަތުގެ ރުކުންތަކަކީ ކޮބައިކަން ވަކިކުރަން ދަތިވާ މިންވަރަށް ޤައުމީފޭރާންވަނީ ބާވެފައެވެ.

މިހާލަތު ބަދަލުކުރުމަށް ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުމާއި އަމާޒު ހުރިކަމަށް ފެނެއެވެ. ދިވެހި ޤައުމިއްޔަތު ދިރުވުމަށް ޚާއްޞަ ސަމާލުކަމެއް ދީފައި އޮތްކަން ހާމަވެއެވެ. ޤައުމިއްޔަތުގެ ބިނާ ވީރާނާވެ ފުޑުފުޑުވާން ދޫކޮށްލުމުގެ ބަދަލުގައި އަލުން އަބުރާ ގެނައުމަށް މަސައްކަތްތަކެއް ކުރާނެކަމަށް ޤަބޫލުކުރެވެއެވެ. ހަމައެކަނި ބުނުމަކުން ނޫނެވެ. ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ދެއްކި އަސަރުގަދަ ތަޤްރީރު ވެގެންދިއައީ ޤައުމިއްޔަތުގެ ވިންދު ހިތްތަކުގައި ޖެއްސުވި ތަޤްރީރަކަށެވެ. ޤައުމިއްޔަތުގެ ރުކުންތައް އޮޔާދާން ދޫކޮށްލުމުގެ ބަދަލުގައި ހޭރިޔާކޮށް އަބުރާ ގެނައުމަށް މަސައްކަތް ފެށި ވާހަކަފުޅަކަށެވެ. ދިވެހި ދިދަޔަށް އޭގެ ޙައްޤު ޝަރަފާ ގަދަރުވަނީ ފުރަތަމަ ދުވަހު ހޯދައި ދެއްވާފައެވެ. ދިވެހިދައުލަތުގެ ވުޒާރާތަކަށް ދެވިފައިވާ ނަންތައް ދިވެހިބަހުން ލިޔުއްވައި، ޤައުމިއްޔަތާ ބެހޭ ވަޒީރަކު އައްޔަންކުރުމަކީ މިކަމަށް ބާރު ލިބޭ ދަލީލެކެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދިވެހި ޤައުމިއްޔަތުގެ ބިންގާ އެޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހިންގެ އަމިއްލަވަންތަ ދިވެހި ބަހާއި، ދިވެހި އާދަކާދައާއި ކާބަފައިން ހޯދާ ދެއްވި މިނިވަންކަމާއި ޤައުމުގެ އަގުތަކުގެ މައްޗަށްކަމެވެ. މިއީ އެއްހަށިގަނޑެއްގައި އެއްވަރަކަށް ވިންދުޖަހާ ބައިތަކެކެވެ. މިއިން ބަޔަކަށް ކިތަންމެ ކުޑަނަމަވެސް ލޮޅުމެއް އަރާ ދުވަހަކީ މުޅި ދިވެހި ޤައުމުގެ ޤައުމިއްޔަތަށް އެކަމުގެ ރިހުން އިޙްސާސްވާނެ ދުވަހެކެވެ. އެކަމުގެ ތަދާއިވޭން އުފުލަންޖެހޭނެ ދުވަހެކެވެ.

އުތީމު ގަނޑުވަރު: ބޮޑުތަކުރުފާނަށް ޙައްޤު މަޤާމާ ގަދަރު ކުދިންގެ ހިތުން ހޯދައިދޭންޖެހޭ

މިއަދު މި ޤައުމުގެ ހާލަތަށް ބަލާއިރު، މިއިން ކޮންމެ ބަހާއެއްމެ ވަނީ ބަލިކަށިވެ ނިކަމެތި ވެފައެވެ. ޤައުމަށް ޚިދުމަތްކުރި ޚިދުމަތްތެރިން މިއަދުގެ ޖީލަކަށް ނޭނގެއެވެ. ޤައުމަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި އަބުޠާލުން މިއަދު ބުނެދޭކަން ނޭނގެއެވެ. މިނިވަންކަމުގެ ޙައްޤުގައި ފުރާނައިން އަގުދިން ފަހުރުވެރިން، ފަކުރަކަށްވެއްޖެއެވެ. ދިވެހިބަހުން ވާހަކަދެއްކުމަކީ ނިކަމެތި ކަމެއްކަމަށް ދެކެވެން ފަށައިފިއެވެ. އިސްލާމްދީނަކީ މި ޤައުމު ދެމިއޮތުމުގެ އަސްލުކަމަށް ޤަބޫލުކުރުމުގައި ފަސްޖެހެވެން ފަށައިފިއެވެ. އަމިއްލަ ތާރީޚާއި އާދަކާދަ އެއީ ނެތްއެއްޗަކަށް ވެއްޖެއެވެ.

އެހެންކަމުން ޤައުމިއްޔަތުގެ އޮށަކީ މިއަދު އަލުން މުޑުވަށްކޮށް އިންދަން ޖެހިފައިވާ އޮށެކެވެ. އެއަށް ފެންދީ އަލުން ހައްދަންޖެހިފައިވާ ގަހެކެވެ. ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ތަޤްރީރުގައި ދިވެހި ދިދައާ މުޚާތަބުކޮށް ވިދާޅުވި އަސަރުގަދަ ބަސްތަކުން ޤައުމިއްޔަތު މި ބިމުގައި އާލާކުރަންޖެހޭ މިންވަރުވަނީ ތަސައްވަރު ކޮށްދީފައެވެ. ދިވެހިރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު 2014 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ތަޤުރީރުގައި ވިދާޅުވެފައިވާ ފަދައިންނެވެ. ޤައުމީ ޣީރަތްތެރިކަމެއް އަށަގަންނާނީ ޤައުމީ ލޯތްބާއި ވަޒަނުގެ ކުލުނު ވަޒަން ކުރަން އެނގިގެންނެވެ. ޤައުމީ ލޯބީގެ އޮށަކީ ޝައްކެއްނެތް ގޮތުގައި ދިވެހި ޤައުމިއްޔަތެވެ. އެ ޤައުމިއްޔަތު އޮތްތަނަކުން ހޯދައިގެން ގެނެސް ދިވެހި ކޮންމެ ދަރިއެއްގެ ހިތުގައި މުޑުވައް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެވެ. މި މަސައްކަތް މިއަދު އެވަނީ ފައްޓަވާފައެވެ.

މި ވާޖިބު އަދާކުރަމަށްޓަކައި ކުރެވޭ މަސައްކަތުގައި ޤައުމިއްޔަތުގެ ރުކުންތައް އަންގައިދޭން ޖެހެއެވެ. އެއަށް ކިލަނބުކަމެއް އަތުވެދާނެ ކޮންމެކަމަކުން ޤައުމު ދުރުކުރަން ޖެހެއެވެ. ދިވެހިރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވާ ފަދައިންނެވެ. ޤައުމިއްޔަތަށް ލޯބިކުރާނަމަ، ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކެއް ނުކުރާނެއެވެ. ޤައުމުގެ އިޤްތިޞާދީ ބާރު އެހެން ބައެއްގެ މައްޗަށް ދޫކޮށެއް ނުލާނެއެވެ. ޤައުމުގެ އަބުރާއި ކަރާމަތަށް ބެލުމެއްނެތި، ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ ޝަޚުޞިއްޔަތު އެހެން ޤައުމުތަކުގައި ވިއްކައެއް ނުލާނެއެވެ. އަދި ޤައުމިއްޔަތަށް ބެލުމެއްނެތި، ކޮންމެ ކަމެއް ވަރިހަމަ ނުކުރާނެއެވެ. ޤައުމުގެ ކަންކަމުގައި އަމިއްލަ ބަސް ނުބުނެވޭ ހިސާބަށް ކަންތައްތައް ދޫކޮށެއް ނުލާނެއެވެ. ޤައުމިއްޔަތަކީ އަމިއްލަ ބަސް ބުނުމާއި، އަމިއްލައަށް ޤައުމުގެ ކަންކަން ނިންމުމުގެ ބާރު ހިފެހެއްޓުމެވެ. މިއީ ވަރަށްވެސް ބޮޑު ތެދެކެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.

ޙަޤީޤީ ޤައުމިއްޔަތެއް ބިނާވެފައި އޮންނާނޭ ގޮތް ބަޔާންކޮށްދެއްވަމުން އަލްމަރުޙޫމު އިބްރާހީމް ޝިހާބު ވިދާޅުވެފައިވެއެވެ. ޤައުމުގެ ޤައުމިއްޔަތުގެ ބާރު އެންމެ ގަދަ ކުރާ އަސާސަކީ ދީނާއި ނަސްލުގެ އިއްތިޙާދެވެ. އެކަމުގެ އެހީތެރިންނަކީ، ބަހާއި އަދަބެވެ. އަދި އެ އިއްތިޙާދުގެ މަޢާޝިރުތަކަކީ ދިރިއުޅުމާއި އާދަކާދައިގެ އެއް ގޮތްކަމެވެ. އެހެންކަމަށްވާއިރު މިޤައުމިއްޔަތުގެ ރުކުންތައް ވަރުގަދަކޮށް ހިފެހެއްޓުމަށް ކުރެވޭނީ ކޮންކަމެއް ތޯއެވެ. އެއީ މިއަދު ކުރަންޖެހޭ ސުވާލެކެވެ. އުފައްދަން ޖެހޭ ޚިޔާލެކެވެ.

ޤައުމީ ޔުނިވަރސިޓީ: ތަޢުލީމީ މަންހައްޖަށް ޤައުމިއްޔަތު ވަންދައްޖެހޭ

މިއަދު އަޅުގަނޑު މެނަށް މި ތިބެވުނީ ކޮން ހިސާބެއްގައި ތޯއެވެ. ޙަޤީޤަތް ބަލައިގަންނަން ޖެހެއެވެ. ދިވެހި ޤައުމިއްޔަތުގެ ހެދުން މިއަދު ބާވެއްޖެއެވެ. ބާ ހެދި އެއިން ހައިއަޅަން ފަށައިފިއެވެ. ފޮތިއަޅާ ބައްދަން އުނދަގޫވާ މިންވަރަށެވެ.

މިހާލަތުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނައެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ. އެއީ ސިޔާސަތު ކަނޑައަޅާ މަރުހަލާގައި މި ކަމަށް މަގުފަހި ކޮށްދެއްވުމެވެ. ޤައުމިއްޔަތާ ބެހޭ ވަކި ވުޒާރާއެއް އުފައްދަވައި ވަޒީރަކު އައްޔަންކުރުމަކީ ފުރަތަމަ ފިޔަވަޅެވެ. އެކަން މިވަނީ ކުރައްވާފައެވެ.

ދެންއޮތީ ދޫކޮށްލާފައިވާ ޤައުމީ ރުކުންތައް ނެގެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމެވެ. އެކަން ކުރެވޭނީ ސްކޫލުތަކުގެ ދައުރު ފުޅާކޮށްގެންނެވެ. ތަޢުލީމީ މުޤައްރަރުގެ ތެރެއިން އެއަށް ޖާގައެއް ދީގެންނެވެ. ދިވެހިތާރީޚާ ޘަޤާފަތް އެއީ ކިޔަވައިދެވޭ އެއްޗަކަށް ހަދައިގެންނެވެ. ޤައުމީ މަންހަޖުގައި އިސްލާމްދީން އުގަންނައިދިނުމަށް ދީފައިވާ އިން ފުޅާކޮށްގެންނެވެ. ދީނުގެ ހަމަތަކާއި ދީނީ އަޤީދާ ފަށާތަޢުލީމާއެކު ވަރުގަދަ ކޮށްގެންނެވެ. ކުދިންގެ ކިޔެވުން ފަށާ މަރުޚަލާއަކީ އިސްލާމީ ރިވެތި އާދަތަކާއި އުޞޫލުތައް ދަސްކޮށްދީ އިސްލާމީ އަޤީދާގެ މުޑުވަށް ކުރަންޖެހޭ ވަގުތެވެ. ހަމައެއާއެކު ދިވެހި ބަހަކީ ފަށާތަޢުލީމާއެކު ކުދިން ލޯބިކުރާ ބަހަކަށް ހަދަންޖެހެއެވެ. މި ދެ އަސާސަކީ ދިވެހިންގެ މިނިވަންކަމާއި ބައިބައިވުމަށް ފުރުޞަތު ނުދޭ ދެ އަސާސެވެ. ދީނާ ބަހަކީ ދިވެހިން އެކަތިގަނޑަކަށް ހަދާދީފައިވާ މައި ދެ ތަނބެވެ. އެކަން މިއަދުވެސް ޤަބޫލުކުރަން ޖެހެއެވެ.

އުއްމީދަކީ ޤައުމުގެ މާލިމީކަމާ އަލަށް ހަވާލުވި ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި އެކަން ޢަމަލީގޮތުން ފެނިގެން ދިއުމެވެ. ޤައުމިއްޔަތުގެ ވުޒާރާއާ ހަވާލުވެލެއްވި ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ހިންގުންތެރިކަމާއެކު އެކަން ފެނިގެންދިއުމެވެ. ދިވެހި ކާބަފައިން ކޮށްދިން އަގުހުރި ޚިދުމަތްތައް އެއީ ބަލައިގަންނަ އެއްޗަކަށް ހެދުމެވެ. ދިވެހި ތާރީޚަކީ ސުކޫލުތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީގައި ކިޔަވައިދެވޭ މާއްދާއަކަށް ވުމެވެ. ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނަކީ ހަމައެކަނި ލިޔެފައިވާ ޤާނޫނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ތަންފީޒުވާ ޤާނޫނަކަށް ވެގެންދިއުމެވެ. ދިވެހިބަހަކީ ދިވެހިން ފަޚުވެރިވާ ފަކުރުނުގަންނަ އެއްޗަކަށް ވުމެވެ. އަމިއްލަ ބަހުން ވާހަކަދެއްކުމަކީ ނިކަމެތި ކަމެއްކަމަށް ދެކޭ ދެކުން ބަދަލުވުމެވެ. ދަޢުލަތުގެ އޮފީސްތަކުގެ މެދުގައި ދައުރުވާ ރަސްމީ ލިޔެކިޔުންތަކަކީ ދިވެހިބަހުން ލިޔެވިގެން ދައުރުވާ އެއްޗަކަށް ފުރިހަމަ މާނައިގައި ވުމެވެ.

comment ކޮމެންޓް