ފަލަސްޠީނުގެ ކުޑަކުދިންނަށް ދިރިހުރުމުގެ ޙައްޤުވެސް މިއަދު ނެތެވެ.

މި މައުޞޫމު ކުދިންނާ މެދު ވިސްނާލަބަލާށެވެ. އެ ކުދިންގެ ޙަޔާތާ މެދު ފިކުރުކޮށްލަބަލާށެވެ. އެއީ ކިހާ މައުޞޫމު ކުދިންތަކެއް ހެއްޔެވެ. އެ ކުދިންގެ ވެސް ހުވަފެންތަކެއް އޮންނާނެއެވެ. އުންމީދުތަކެއް ކުރާނެއެވެ. އިޙުސާސްތަކެއް ހުންނާނެއެވެ. މާދަމާއަށް އެދޭ ކަންތައްތަކެއް އޮންނާނެކަން ކަށަވަރެވެ. އަހަރެންގެ ހިތަށް އަރައެވެ. އެކުދިންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެކުދިންގެ ފުށުން ބަޔަކަށް ލިބުނީ ކޮން އަނިޔާއެއް ހެއްޔެވެ؟ ދިނީ ކޮންގެއްލުމެއް ހެއްޔެވެ؟

ފަލަސްޠީނުގެ މައްސަލައާމެދު ފިކުރުހިންގާލަބަލާށެވެ. އަހަރެންގެ ހިތުން މި މައްސަލާގައި ކަންބޮޑުނުވާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. މުސްލިމުންނަށް ވީތީއެވެ. އެތަށް ހާސް ކުޑަކުދިންނެއް ދިރިހުރުމުގެ ޙައްޤުން މަހުރޫމުކޮށްފިއެވެ. ހަތަރު އުދަރެސް ފެނުޖެހި އެކުދިން އެތިބީ އެހީއެއްވާނެ މީހެއްގެ އިންތިޒާރުގައެވެ. މަދަދު ދޭނެ ވެރިއެއް ފެންނާނެކަމުގެ އުއްމީދުގައެވެ. އިއްޔެއާއި މިއަދުވެސް އެކުދިން ތަހައްމަލުކުރަމުން އެދަނީ ހިތްދަތިކަމާއި ރުއިމެވެ. ﷲގެ ރަޙުމަތަށް އެދި އުއްމީދާއެކު ދުޢާކުރުން ނޫންގޮތެއް މިއަދު އެކުދިންނަކަށް ނެތެވެ. އެ މައުޞޫމު ކުދިންނަށް ރައްކާތެރިކަމެއް ލިބޭނެ އިތުރުމަގެއް ފެންނާކަށް އަދިއެއް ނެތެވެ. އަނިޔާވެރި އިޒުރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދަނީ ޤަތުލުއާންމެކެވެ. ނަސްލެއް ނައްތާލުމުގެ ޖަރީމާއެކެވެ. އެއީ އަނިޔާވެރި ޖައްބާރު ބައެކެވެ.

މި މައުސޫމު ކުދިންގެ ކުށަކީ ކޮބައިތޯއެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި މި ނޮވެންބަރު މަހުގެ 7 ވަނަ ދުވަހަށް މަހެއްވީއެވެ. މިއަދާހަމައަށް މި ހަނގުރާމައިގައި ފަލަސްޠީނުގެ 4237 ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ. މިއީ ރަސްމީ ހިސާބުތަކުން ފެންނަ އަދަދެވެ. އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ކުދިންނާއި މަރުވެފައިވާ ކުދިންގެ ފުރިހަމަ ޢަދަދެއް ނޭނގެއެވެ. މި ދެންނެވި ތާރީޚާ ހަމައަށް ފަލަސްޠީނުން ޝަހީދުވީ ޖުމުލަ އަދަދަކީ 10,328 މީހުންނެވެ. މި ޢަދަދުތަކުން އެކަނިވެސް ހާމަވެ، ސާފުވާ އެއްކަމެއް އެބައޮތެވެ. މި ހަނގުރާމައިގައި ކުޑަކުދިން މެރުމަށް އަނިޔާވެރި އިޒުރޭލުން އިސްކަން ދީފައިވާކަމެވެ.

ކުޑަކުދިންގެ ޙައްޤުތަށް ހޯދައިދިނުމުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަންއިން ހާމަކޮށްފައިވާ ހިސާބުތަކުން އެކަނިވެސް އެކަން ކަށަވަރުވެއެވެ. އެމެރިކާގެ މަދަދާއެކު ޓެރަރިސްޓް އިޒުރޭލުން ފަށާފައިވާ މި ހަނގުރާމައަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެތަން މިތާނގައި ހިންގާފައިވާ ހަނގުރާމަތަކުގައި މަރާފައި ނުވާހާ ގިނަ ކުޑަކުދިން ފަލަސްޠީނުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ޝަހީދު ކޮށްފިއެވެ. އެވްރެޖްކޮށް ކޮންމެ 10 މިނެޓަކުން ކުއްޖެކެވެ. މިއަދާ ހަމައަށް ފަލަސްޠީނުން ޝަހީދުކޮށްފައިވާ ޖުމުލަ ޢަދަދަށް ބެލިއަސް ދެ ބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އދ އަކީ ދުނިޔޭގެ ޞުލުޙައިގެ މައި ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ ތެރޭގައި އޮންނަ ޔުނިސެފަކީ ކުޑަކުދިންގެ ޙައްޤުގައި ވަކާލާތު ކުރާ އެކުދިންގެ ޙައްޤު ހޯދަދޭން ކެނޑިނޭޅި މަސައްކަތް ކުރާ ބައެކެވެ. އެހެންނަމަވެސް މި މަންޒަރާއި މި އަނިޔާވެރިކަމަށް އެބައިމީހުންގެ ކަނުލޮލަށް ފެނޭ ބާއޭ އަހަރެންގެ ހިތަށް އަރައެވެ.

ފަލަސްޠީނުގެ ކުޑަކުދިންގެ ބޮލަށް ރެއާ ދުވާލު އޮހެމުންދަނީ ބޮމުގެ ވާރެއެވެ. ހަނގުރާމައިގެ ތެރޭގައި ކުރުން މަނާ ހުރިހާ ޖަރީމާއެއް ޓެރަރިސްޓް އިޒުރޭލުން މިއަދު ހިންގަފިއެވެ. މިސްކިތްތަކާއި ހޮސްޕިޓަލްތަކަށް ބޮން އަޅަނީއެވެ. ސުލޫކުތަކާއި ރެފިއުޖީ ކޭންޕްތައް ގަސްދުގައި ގޮއްވަނީއެވެ. ކުޑަކުދިން މެރުމުގައި އެއްވަނަ ހޯދައިފިއެވެ. އެހީތެރިވާން އޮތީ އެމެރިކާއެވެ. މި ހައްސާސީ ދަނޑިވަޅުގައި އެހީލިބެން އޮތް ހުރިހާ މަގެއް ޓެރަރިސްޓް އިޒުރޭލުން ވަނީ ބަންދުކޮށްފައެވެ. އެހީގެ ގާފިލާތަކަށް އޮތް ފުރުސަތުވެސް ބަންދުކޮށް، ނުވިތާކަށް އެއަށް ހަމަލާވެސް ދެނީއެވެ. އެކުދިންނަށް ކާންބޯން ލިބޭނެ މަގުވެސް އެވަނީ ބަންދުކޮށްފައެވެ.

ޙައްޤުގެ ވާހަކަ ދައްކާ ފަރާތްތަކަށް މި މަންޒަރުތަށް ނުފެންނަނީ ބާވައެވެ.

މިއަދު އެ މައުޞޫމް މޫނުތަކުން ވަނީ އަލިކަން ގެއްލިފައެވެ. ހިނިތުންވުމަކީ އެކުދިންނަށް އޮތް ޙައްޤެއް ނޫން ކަހަލައެވެ. އާދޭހާއެކު މުސްލިމު ވެރިންނާއި، ދުނިޔެއަށް އެކުދިން އެދިގޮވަނީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. އެކުދިންގެ ރައްކާތެރިކަމަށް ފިޔަވަޅެއް އަޅައި ދިނުމަށެވެ. ދުނިޔޭގެ ހަތަރު ބިތުން ޤައުމުތަކުގެ ރައްޔިތުން ނުކުމެ އެކަމަށް އެދި އާދޭސް ކުރަނީއެވެ. ވަކީން ޚާއްޞަކޮށް މުސްލިމު ޤައުމުތަކާއި މުސްލިމުންނެވެ. އެހެންނަމަވެސް ކުރާނެ ކަމެއްނެވެ. އިވޭނެ ކަންފަތެއް ނެތެވެ. ފެންނާނެ ލޮލެއް ނެތެވެ. އެންމެ "ޔަހޫދީ" އެމެރިކާގެ ކުރިމަތީގައި މިއަދުގެ ވެރިންނަން އިސްޖަހާލުން ނޫންގޮތެއް ނެތްކަހަލައެވެ. އެކުދިންގެ އާދޭހާ ރުއިމަށްވުރެ، އެމެރިކާއާއި އިޒުރޭލު ރުއްސުން އެވެރިންނަށް މާ މުހިންމެވެ.

ތެދެކެވެ. މިސްރުގެ ފިރުއައުނު އެ ޤައުމަށް އުފަންވި ހުރިހާ ފިރިހެން ކުދިން މެރުމަށް އަމުރު ކުރިއެވެ. މޫސާގެފާނުން އުފަންވެދާނެތީއެވެ. އޭނާގެ ވެރިކަން ގެއްލިދާނެތީއެވެ. މިއަދު އަނިޔާވެރި ޔަހޫދީންނަށް ވެގެން މިއުޅެނީ އެހެންކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެބައިމީހުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އިސްލާމްދީން މި ބިންމަތިން ފުހެއެއް ނުލެވޭނެއެވެ. އަދި ފަލަސްޠީނުގެ ބިމެއްވެސް ނުހޯދޭނެއެވެ.

ހިތާމައަކީ ދުނިޔޭގެ ބިމުގައި އާރާބާރު އޮވެމެ، މުސްލިމުން މިއަދު ނިކަމެތި ވެފައިވުމެވެ. މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. އެކަކަށް ލިބޭ ހިތާމައިގައި އަނެކާވެސް ބައިވެރިވާނެ އުއްމަތެކެވެ. އިސްލާމީ ތާރީޚުގެ ޞަފުޙާތައް ހުޅުވާލުން ފެންނާން އޮތީ މި ހަޤީޤަތެވެ. އޯގާތެރިކަމާއި ރަޙުމުވެރި ދީނެއްކަމެވެ. މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަޔާތްޕުޅުން ފެންނާން އޮތީ އެ ހަޤީޤަތެވެ.

އެކަލޭނގެފާނު ކުޑަކުދިން އުޅޭ ތަނަކަށް ވަޑައިގެންފިނަމަ އެތަނެއްގައި ތިބޭ ކުދިންނަށް އިސްވެ ސަލާމް ކުރައްވައެވެ. ބައެއް ފަހަރު އެކުދިންނާއެކު ކުޅިވަރު ކުޅުއްވައި ހައްދަވައެވެ. އެކަލޭގެފާނުގެ ކާފަދަރިދަރިކަލުންނަށް ބޮސްދެއްވައެވެ. މި މަންޒަރު އައުރާބީންގެ ބަޔަކަށް ފެނުމުން ހައިރާންކަމާއެކު ސުވާލުކުރިއެވެ. އެއީ އެކަލޭގެފާނު ކުރައްވާ ކަމެއްތޯއެވެ؟ އަދި އެބައިމީހުން ދުވަހަކު ވެސް އެކަން ނުކުރާކަމަށް ބުނުމުން، ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ''ތިޔަބައި މީހުންގެ ކިބައިން، ﷲ ރަޙްމަތް ނިގުޅުއްވައިގެންފި ނަމަ ތިމަންކަލޭގެފާނަށް ކުރެއްވޭނީ ކޮން ކަމެއް ހެއްޔެވެ؟''

މިފަދަ އެހެން ހާދިސާއެކެވެ. ޞަހާބީ ބޭކަލެއްކަމަށްވާ އަޤްރަޢް ބިން ޙާބިސަށް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަސަންގެފާނަށް ބޮސްދެއްވާތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. އަހަރެންގެ ދިހަ ދަރިން ތިބޭއިރު، އެއިން އެއްވެސް ކުއްޖަކަށް އަހަރެން ބޮސްދީ ނަހަދަމެވެ. އެހިނދު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހާދިޘްކުރެއްވިއެވެ. ''ހަމަކަށަވަރުން ރަޙުމް ނުބަހައްޓާ މީހަކަށް، ﷲ ރަޙުމް، ނުލައްވާނެ އެވެ."

މިއީ އިސްލާމްދީނުގައި ކަންއޮތް ގޮތެވެ. އެހެންނަމަވެސް މިއަދު އިސްލާމީ އުއްމަތުގައި ހާލުގައި އުޅެދެމުންދާ ކުޑަކުދިން ބައިވަރެވެ. ކާނެއެއްޗެއް ނުލިބިފައެވެ. ލާނޭ ހެދުމެއް ނެތިފައެވެ. އަރާނެ ފައިވާނެއް ނުލިބިފައެވެ. ބައެއް ކުދިންނަކީ ޔަތީމުކުދިންނެވެ. އަނެއްބައި ކުދިންނަކީ އަޅާލާނެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތްކުދިންނެވެ. މަންމަ މަރުވެފައެވެ. ބައްޕަ މަރުވެފައެވެ. ތިމާގެ މީހަކު ވީތަނެއް ނޭނގިފައެވެ. އެކުގައި އުޅުނު ބޭބެ ޝަހީދުވެފައެވެ. އެކުގައި ކިޔެވި އެތައްކުދިން ޝަހީދުވެ ގޮސްފައެވެ. ކުރާނީ ކީއްތޯއެވެ. ހެދޭނީ ކޮންގޮތެއްތޯއެވެ. އެ މައުސޫމު މޫނުތަކުން ފާޅުވަނީ ހިތާމައާއި އާދޭހެވެ. އޮހެމުންދަނީ ކަރުނައެވެ. ހިތުންކުރަނީ ދުޢާއެވެ.

ތިބާ އަޅެބުނެބަލާށެވެ. އެކުދިންގެ ކުށަކީ ކޮބައިހެއްޔެވެ. ދުނިޔެއަށް އުފަންވުން ހެއްޔެވެ. ނުވަތަ މާތްވެގެންވާ ފަލަސްޠީނުގެ ބިމަށް ނިސްބަތްވުން ހެއްޔެވެ. އެއީ އެތަން ނަބީންނާއި ރަސޫލުންނެއް އުޅުއްވި އަހަރެމެންގެ މުގައްދަސް ބިމެކެވެ. މުސްލިމެއްގެ ޙަޔާތުގައި ދަތުރުކޮށްފައި އެ މިސްކިތަކަށް ދިއުމަށް އަންގަވާފައިވާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމެވެ. ހުރިހާ ގޮތަކުންވެސް މުޅި އިސްލާމީ އުއްމަތާ ގުޅިފައިވާ ތަނެކެވެ. މިއަދު އެ މާތްބިން އެވަނީ މުސްލިމުންގެ ލެއިން ފޯވެފައެވެ. އިމާރާތްތަކާއި ގެދޮރު ސުންނާފަތިކޮށް ފަޅުކޮށްފައެވެ. ހިތެއް އޮތްކޮންމެ މީހަކަށް އަސަރު ކުރާނެ މިންވަރަށެވެ.

comment ކޮމެންޓް