އިސްލާމީ ޤައުމުތައް ނިޢުމަތުން ފުރިފައި، ނަމަވެސް ފަލަސްޠީނު ރުއިމުގައި

އިޒުރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ޤަޠުލުއާންމު

ދުނިޔޭގެ ތަނަވަސް ދިރިއުޅުން، އެބަޔަކަށް އެންމެ ފުރިހަމަ ނިޢުމަތްތަކާއެކު މާތްﷲ މިންވަރުކޮށް ދެއްވާފައިވާ ބަޔަކީ އަޅުގަނޑުމެން މުސްލިމުން ނޫންތޯއެވެ؟ ޤުރުދަތީ މުއްސަދިކަމެވެ. އައްސޭރިފަށުގެ ތަނަވަސް ނިޢުމަތްތަކެވެ. ކަނޑުތަކާއި ކަނޑުއޮޅިތަކާ ކޯރުތަކެވެ. ތެލާއި ގޭހާއި، ތަފާތު ޤުދުރަތީ މަޢުދަންތަކެވެ. މާމެލާމެއްޔާއި މޭވާގެ ބާވަތްތައް ހިމެނޭ ދަނޑުވެރި ތަނަވަސް ބިންތަކެވެ. މި ނޫނަސް ޤުދަރަތުގެ މަތިވެރި އެތައް ނިޢުމަތެއް މާތްﷲ ވަނީ މުސްލިމުންގެ މި ބިންތަކާއި ރަށްތަކުގައި ލައްވާފައެވެ.

سورة الأنفال ގެ 26 ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި މިވާ ފަދައިންނެވެ. "ބިމުގައި ތިޔަބައިމީހުން عدد މަދު، ނިކަމެތި ބަޔަކު ކަމުގައި ވީހިނދު، ހަނދުމަކުރާށެވެ! (އެހިނދު) ތިޔަބައިމީހުންތިބީ (عداوة ތެރި) މީހުން ތިޔަބައިމީހުން ޖަހައިގަނެގެން ގެންގޮސްފާނެކަމަށް ބިރުގެންފައެވެ. ދެން އެކަލާނގެ ތިޔަބައިމީހުންނަށް ހިޔާވަހިކަން ދެއްވިއެވެ. އަދި އެކަލާނގެ نصر ން ތިޔަބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި ރަނގަޅު ތަކެތިން ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ."

އިންސާނުންގެ ދިރިއުޅުން އުޖާލާކޮށް، ބޭނުންތައް ފުއްދުމައްޓަކައި އެކަލާނގެވަނީ އުޑުން ދަގަނޑު ބާވައި ލައްވާފައެވެ. سورة الحديد 25 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއް ވެއެވެ." ދަގަނޑު ނުވަތަ އަޔަންއަކީ ބިމުގައި އެންމެ ގިނައިން އެކުލެވޭ އެއް މަޢުދަނެވެ. މި މަތިވެރި ނިޢުމަތް މާތްﷲ އެންމެ ތަނަވަސްކަމާއެކު ލައްވާފައިވާ ބިންތަކަކީ މުސްލިމުންގެ ބިންތަކެވެ. މޮރިޓޭނިއާގެ ބިމަކީ މިގޮތުން ބަލާއިރު ދަނޑުގެ މުއްސަދިކަން އެންމެބޮޑަށް އެކުލެވޭ އެއް ބިމެކެވެ.

ތެލާއި ގޭހާއި، ރަނާއި ރިއްސާއި ޖަހަވާހިރާއި، އަލިމަހާ ޔާގޫތަކީވެސް މާތްﷲ އަޅުގަނޑުމެންނަށްޓަކައި މި ބިމުގައި ލައްވާފައިވާ މަތިވެރި ނިޢުމަތްތަކެވެ. ތަނަވަސްކަމާއި އާރާބާރު ލިބިގަތުމަށް ދެއްވާފައިވާ މަތިވެރި އާލާތްތަކެކެވެ. މި ހުރިހާ ނިޢުމަތެއް އެންމެ ފުރިހަމަ ގޮތުގައި ލައްވާފައިވާ އެއްބިމަކީ ސަޢުދީގެ ތަނަވަސް ބިމެވެ. ގޭހުގެ ބާވަތްތަކަށް ބަލާނަމަ ޤަތަރާއި ސަޢުދީގެ ނަން ހިމަނަންޖެހެއެވެ. މިއަދުވެސް ނިއުކުލިއަ ހަތިޔާރާއި، ކަރަންޓް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ޔުރޭނިއަމް އެންމެ ގިނައަދަދަކަށް އެއްބިމަކުން ލިބެންއޮތީ އަފުޣާނިސްތާނާއި އިރާނުގެ ބިމުންނެވެ. އެއީވެސް މުސްލިމުގެ ބިމެވެ.

ބިމުގެ މި މަތިވެރި ނިޢުމަތްތައް ދެއްވާފައިވާ ފުރިހަމަކަން ކިތަންމެހާވެސް ތަނަވަހެވެ. ދުނިޔޭގެ ދަނޑުބިމަށް ބަލާއިރު، ސޫދާންގެ ހުސްބިންތަކުގައި ހަމައެކަނި ހަނޑޫ ހެއްދިކަމުގައިވީނަމަވެސް އެއީ މުޅި ދުނިޔެއަށް ސަޕްލައިކުރެވޭ ވަރުގެ ހަނޑޫހެއްދިދާނެ ތަނަވަސް ބިންތަކެކެވެ. ބިންގަނޑު ހެޔޮވެފައި ރަނގަޅެވެ. އެއީވެސް މުސްލިމުންގެ ތަނަވަސް ބިމެވެ. މޭބިސްކަދުރާއި މާމެލާމެލިން އުފާވެރިކަން ވެރިކޮށްފައިވާ އަލްޖީރިއާގެ ހިތްފަސޭހަ ބިންތަކުން ފުރާންސްގެ ވިޔަފާރިތައް ތަނަވަސްކަން ހޯދިނަމަވެސް މުސްލިމުން ތިބީ އެބިމުގައި ބަލާށެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ސެންޓާއި ސައިބޯންޏާއި އެނޫން މީރުވަސް ދުވާ އެތަކެއް އުފެއްދުންތަކެއް ފައްކާކޮށް މާކެޓަށް ނެރެވިއްކަނީ ފުރާންސުންނެވެ. އަލްޖީރިއާގެ ބިންތަކުން ހޯދާ ތަނަވަސްކަމުންނެވެ.

ދެންއޮތީ ކަނޑުތަކާއި ކަނޑުއޮޅިތަކާ ކޯރުތަކުގެ ވާހަކައެކެވެ. މި މަތިވެރި ނިޢުމަތްތައްވެސް މާތްﷲ އެންމެ ފުރިހަމައަށް ދެއްވާފައިވާފައިވަނީ މުސްލިމުންގެ ރަށްތަކާއި ބިންތަކަށެވެ. މިސްރުގެ ސުވޭސް ކެނަލަކީ މެދު އިރުމަތީގައި ދަތުރުފަތުރު ކުރުމުގައި މުހިންމު ހިއްސާއެއް އަދާކުރާ ތަނެކެވެ. ޔަމަނާއި ސޯމާލިޔާ ދެފަރާތުން ހިއްސާކުރާ ބާބުލް މަންދަބަކީ ރަތްކަނޑަށް ވަންނަން އޮންނަ މައިކަނޑު އޮޅިއެވެ. ޖަބަލުއް ޠާރިޤު (ޖިބްރޯލްޓާ) ކަނޑުއޮޅިއަކީ އެއްފަޅިން މޮރޮކޯ ހިއްސާކުރާ މުހިންމު ކަނޑުއޮޅިއެކެވެ. ހަމައެއާއެކު އަޅުގަނޑުމެންގެ މި ރާއްޖެއަށް ބެއްޔަސް، އިހަވަންދިއްޕޮޅުން ހުޅުވިފައިވާ ކަނޑުއޮޅިއަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ދަތުރުފަތުރުކުރާ އެއް ކަނޑުއޮޅިއެވެ. މީގެ އިތުރުން ހައްދުއްމައްޗާއި ހުވަދު އޮތޮޅު ބެދޭ ކަނޑުއޮޅިއަކީވެސް މިފަދަ މުހިންމު ކަނޑުއޮޅިއެކެވެ.

ދެންއޮތީ ފެނުގެ ނިޢުމަތެވެ. މިސްރުގެ ނީލަކޯރާއި، އިރާޤުގެ ފުރާތުކޯރާއި ޕާކިސްތާނުގެ ސިންދުކޯރަށާއި، މަޝްހޫރު ޖިލްދަތު ކޯރަށް ބެއްޔަސް މިވާހަކައަށް ފުދި އިތުރުވެއެވެ. ހައްތަހާވެސް މުސްލިމުންގެ ބިންތަކަކާއި ރަށްތަކެވެ. މިހުރިހާ ނިޢުމަތްތަކެއް ލިބިފައިވީނަމަވެސް މިއަދުގެ ދުނިޔޭގައި މުސްލިމުންނަކީ އާރެއް ބާރެއް ނެތްބައެކެވެ.

ފަލަސްޠީނުގެ މުސްލިމުން ތަޅާ ސުންނާފަތި ކުރަނީ އަނިޔާވެރި ޓެރަރިސްޓް އިޒުރޭލުންނެވެ. ކުޑަކުދިންނާއި އަންހެނުން މަރާ ހުސްކުރަނީއެވެ. ޑޮކްޓަރުންނާއި އެނޫންވެސް ޢިލްމީ މީހުންނަށް ޚާއްޞަކޮށް ދެވޭ ހަމަލާތަށް ފާޅުގައިދަނި ދެމުންނެވެ. ގެދޮރާއި ސުކޫލުތަކާއި ހޮސްޕިޓަލްތަކަށް މަތިން ވާރޭ ވެހޭ ފަދައިން ބޮންއަޅާ ސުންނާފަތި ކުރަނީއެވެ. ފެނެއް ކަރަންޓެއް ނެތެވެ. ކާނެ އެއްޗެއް ލިބޭ ގޮތެއް ނެތެވެ. އެތެކުރެވޭނެ މަގެއްވެސް ނެތެވެ. އެ ހުރިހާ މަގުތަކާއި ކަނޑުއޮޅިތަކަކީ މުސްލިމުންގެ މިލްކުވެރި ތަންތަން ނަމަވެސް މުސްލިމުންގެ ބާރެއް ނެރެވެ. ކުރާނީ ކީއްތޯއެވެ. މިއަދު މުސްލިމުންނަކީ އިސްލާމްދީނުގެ އަދާވަތްތެރިންގެ ކުރިމަތީގައި ނިކަމެތި، ބަލިކަށި ބައެކެވެ. ޔަހޫދީނާ އެނޫންވެސް އިސްލާމް ދީނުގެ އަދާވާތް ތެރިންގެ "ރުހުމާ" ނުލައި އެއްކަމެއްވެސް ކުރުމުގެ ބާރު ލިބިފައި ވާ ބައެއްނޫނެވެ. އިސްލާމީ ޤައުމުތަކުން "ސަލާންޖެހުމަށް" އަތްދިކޮށްލައިގެން ތިބީ "އެވެރިންނާ" ދިމާއަށެވެ. މަދަދަށް އެދި ގޮވަނީ އެވެރިންގެ އެހީތެރިކަމަށެވެ. މިވަނީ ކީއްބާވައެވެ؟ މިއަދު މި ޙާލަތަށް އަޅުގަނޑުމެން ވެއްޓެންޖެހުނީ ކީއްވެތޯއެވެ؟ ކޮންކަމެއް، ކޮން އެއްޗެއް މަދުވެގެންތޯއެވެ؟

އާރާއި ބާރު އޮތްނަމަވެސް މުސްލިމުން ނިކަމެތިވެފައި

މާތްﷲ سورة النحل ގެ 112 ވަނަ އާޔަތުގައި ވަޙީކުރެއްވި ބަސްފުޅުގައި މިސާލެއްފަދައިން ބަޔާންކޮށްދީފައިވާ މި ވާހަކަ ކިޔާލަމާތޯއެވެ؟ "އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّه ގެ نعمة ތަކަށް އެ ރަށުގެ މީހުން كافر ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ." ހަޤީޤަތަކީ މިއީ ނޫންތޯއެވެ؟ އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތައް ކިތަންމެ ގިނަ ނަމަވެސް އެ ނިޢުމަތްތައް ދެއްވި ފަރާތުގެ މަތިން މިއަދު އަޅުގަނޑުމެން ހަނދާން ނައްތާލީއެވެ. ނިޢުމަތްތަކަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ކުފުރުވެރި ވެވުނީއެވެ. އަމިއްލަ އެދުމާއި، ތިމާގެ "އަންބޮނޑި" ބޮޑުކުރުމުގެ ސިޔާސަތުތައް އިސްކުރެވުނީއެވެ. ވެރިކަމުގެ ޖާހާ ބާރަށް ނަފުސު އަޅުވެތި ކުރެވުނީއެވެ. އެހީތެރިންނާ މަދަދުގާރުންގެ ގޮތުގައި އިޚްތިޔާރުކުރީ، އަދުއްވުންނާއި، ޔަހޫދީންނެވެ. މުސްލިމުންގެ ވެރިންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ގުޅުމެއް ނެތެވެ. މުސްލިމުންނަކީ އަޚުންތަކެއް ކަމުގައި އޮތް ބަސްފުޅު ހަނދާން ނައްތާލީއެވެ.

އަދިވެސް ފުރުޞަތު އެބައޮތެވެ. މުސްލިމުންނަށް ލިބިފައިވާ އާރާބާރު ބޭނުންކުރަންވީއެވެ. އެކުގައި ގުޅިގެން މަސައްކަތްކުރަންވީއެވެ. ސަޢުދީ އަރަބިއްޔާގެ ތިންވަނަ ރަސްގެފާނު ކިންގް ފައިސަލް ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމުގައި ދެއްކެވިފަދަ ހިތްވަރެއް ދައްކަންވީއެވެ. އެދުވަހު ކިންގް ފައިސަލްގެ ބަހަކަށްވީ “އަހަރެމެންނަކީ ސަހަރާތެރޭ ކިރާއި ކަދުރު ކައިގެން ދިރިއުޅުން އާރާސްތުކުރި ބައެކެވެ. އަދިވެސް އެގޮތަށް އަހަރެމެންގެ ދިރިއުޅުން ކުރިއަށް ގެންދެވިދާނެއެވެ. އެހެންނަމަވެސް ކަލޭމެންނަކަށް ތެލާނުލައި އެންމެ ހިނދުކޮޅަކަށްވެސް ނޫޅެވޭއެވެ.” މިބަސްފުޅާއެކު ފަލަސްތީނަށް ދެމުންދިއަ ހަމަލާތައް ހުއްޓާލަންދެން އެމެރިކާއާ އިނގިރޭސިންނަށް ތެޔޮދިނުން މުޅިން ހުއްޓާލިއެވެ. ނަތީޖާއަކަށްވީ ފަލަސްތީނާ ދެކޮޅަށް ކުރަމުންދިއަ ހަނގުރާމަ ހުއްޓާލަން އެވެރިންނަށް މަޖުބޫރުވުމެވެ. ޕޯޗުގީޒުން އެމީހުންގެ އަނިޔާވެރިކަމުގައި ދިވެހިން އަޅުވެތިކުރި އަޅުވެތިކަން ނައްތާލުމަށް ބޮޑުތަކުފާނުން ކުރި ހިތްވަރަކީވެސް ހަމައެފަދަ ކަމެކެވެ. މާތްﷲ ދިވެހިންނަށް ދެއްވާފައިވާ ކަނޑުފަޅުގެ މަތިވެރި ނިޢުމަތް ހެޔޮގޮތުގައި ބޭނުން ހިފީއެވެ. ޕޯޗުގީޒުންގެ މައްޗަށް ގަދަކަން ހޯދީ، ހިތްވަރާއެކު އިސްލާމްދީނުގެ މަތިވެރި އަޤީދާގައި ސާބިތުކަމާއެކު ތިބެ ކުރި ހަނގުރާމައިންނެވެ. ލިބިފައިވާ ނިޢުމަތްތައް ހެޔޮގޮތުގައި ބޭނުން ކޮށްގެންނެވެ.

މިއަދު ޞަލާހުއްދީނުލް އައްޔޫބީ އެއް ނެތެވެ. ކިންގު ފައިސަލެއްވެސް ނެތެވެ. ރައީސް ސައްދާމް ހުސައިނެއްވެސް ނެތެވެ. އެހެންނަމަވެސް އިސްލާމީ ޤައުމުތަކާއި ވެރިން އެބަތިއްބެވެ. ފަލަސްޠީންގެ ރައްޔިތުންނަށް ތެޔޮ ފޮދެއް ނުލިބި އެންމެ ފަހުގެ އަލިކަން ގެއްލި ދާ ހިސާބަށް އެތަނުގެ ހާލަތު ހިގައްޖެއެވެ. ހޮސްޕިޓަލްތައް ހުއްޓުމަކަށް އަތުވެއްޖެއެވެ. ތެލާއި، ރަނާއި، ފައިސާއިން ތަނަވަސްކަން ލިބިފައިވާ މުސްލިމު ގައުމުތަކުގެ ވެރިންނަށް އެ ޚަބަރުތައް ނީވެނީ ބާވައެވެ. ނުފެންނަނީ ބާވައެވެ. ޓެރަރިސްޓް އިޒްރޭލުން ބޭނުން ގޮތެއް ފަލަސްޠީނުގެ މުސްލިމުންނަށް ހަދަމުންދާއިރު، ކުރެވޭނެ އެއްކަމެއްވެސް ހަމަ ނެތީތޯއެވެ. މާތްﷲ މުސްލިމުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކާއި ބާރުވެރިކަން ފަލަސްތީނަށްޓަކައި ހޭދަކުރާނީ ކޮން އިރަކުން ބާވައެވެ. މުޅި ދުނިޔޭގައި އިސްރާއީލްގެ އަނިޔާއާ ދެކޮޅަށް އާންމު ރައްޔިތުން އަޑުއުފުލަނީއެވެ. މުސްލިމުންނާއި ޣައިރުމުސްލިމުންގެ ތެރެއިންވެސް ހަމަ ޤަބޫލުކުރާ އެންމެންނެވެ. މުސްލިމު "ލީޑަރުން" މިއަދު ކޮބައިތޯއެވެ؟ މިއަދުވެސް ހަމަ އެ މުސްލިމުންނެވެ. އެއްބަޔަކާއި، އެއް ހަށިގަނޑެއް ފަދަ ބައެއްކަމަށް ދީނުގައި ކަނޑައަޅާފައިވާ މިއްލަތުގެ މީހުންނެވެ. އެކަލާނގެ ދެއްވާފައިވާ އެ ނިޢުމަތްތަކެވެ. އެ ބާރުވެރިކަމެވެ. ތަފާތަކީ ކޮބައިތޯއެވެ؟ މަދުވީ ކޮން އެއްޗެއްތޯއެވެ؟ އުނިވީ ކޮން ނިޢުމަތެއްތޯއެވެ؟

comment ކޮމެންޓް