ނޮވެމްބަރު 3، 1988: ބާޣީންގެ މައްޗަށް ދިވެހި ސިފައިން ނަސްރު ހޯދިއިރު، 19 ދިވެހިން ވަނީ ޝަހީދުވެފައި.

ތާރީޚަކީ މާޒީ ކިޔައިދޭ އެކުވެރިއެކެވެ. ފަސްދީދިޔަ ދުވަސްތައް ސިފަކޮށްދޭ ތަސްވީރެކެވެ. އެއިން ތަފާތު މަންޒަރުތަކާއި ކުލަތައް ފެންނާނެއެވެ. ހިތްއެދޭ މަންޒަރުތަކާއި ހިތްނޭދޭ މަންޒަރުތަކެވެ. ފަޚުރުވެރިވާންޖެހޭ ފަދަ ޚިދުމަތްތެރިންނާއި ގައްދާރުންނެވެ. ޤައުމަށްޓަކައި ޤައުމީ ލޯބި އިސްކުޅަ ހީރޯއިންނާއި އަޅުވެތިކަމުގެ ހިތިރަހަ ފަރުދުންގެ އަރުގައި ލެއްވި ޒީރޯއިންނެވެ. ޤައުމީ މަސްލަހަތު ފަސްކޮށް، ތިމާގެ މަސްލަހަތު އިސްކުރި "ލީޑަރުން" ނެވެ. އަމިއްލައެދުމުން ފޯވެފައިވާ ޚިޔާނަތްތެރިންނާއި ޤައުމަށްޓަކައި ފުރާނަ ދުއްވާލި ޝަހީދުންނެވެ.

މިއީ ތާރީޚުގެ ފަތްފުށްތަކުން ދައްކާ ޙަޤީޤަތްތަކެވެ. ފެންނަ މަންޒަރުތަކެވެ. ކޮންމެ ޤައުމެއްގެ ތާރީޚަށް ބެއްޔަސް މިކުލަތައް ފެންނާނެއެވެ. މި މަންޒަރުތައް ސިފަވާނެއެވެ. އެއީ ތާރީޚެވެ. އެއީ މާޒީއެވެ. ބަދަލުކުރެވެން ނެތް ހަޤީޤަތްތަކެވެ.

އެނގޭހެއްޔެވެ. ޤައުމީ ވާޖިބާއި ޤައުމީ މަސްލަޙަތަކީ އަގުބޮޑު ޖަވާހިރެއްފަދަ އެއްޗެކެވެ. އޭގެ ދިފާއުގައި ކޮންމެ ފަރުދެއްވެސް ތެދުވަންޖެހޭނެއެވެ. ކޮންމެ ފަރުދެއްގެ ޒިންމާއާއި މަސްއޫލިޔަތުވެސް އެކަމުގައި އެބައޮތެވެ. ޤައުމުގެ ޤައުމިއްޔަތު ދެމެހެއްޓޭނީ އޭރުންނެވެ. ޤައުމުގެ ޤައުމީ ވަންތަކަން ދެމިއޮންނާނީވެސް އޭރުންނެވެ. މާޒީން އަޅުގަނޑުމެންނަށް ކިޔައިދިނީ އެ ވާހަކަތަކެވެ. ބުނެދީފައިވަނީ އެ ޙަޤީޤަތްތަކެވެ. ދައްކައިދީފައިވަނީ އެ މަންޒަރުތަކެވެ.

ޤައުމުގެ ޤައުމީ ވާޖިބުފަހަތަށް ސޮއްސާލައި، ނަފުސުގެ އެދުންތަކާއެކު ދަތުރުފެށި ކޮންމެ މީހެއްގެ ފުށުންވެސް ޤައުމަށް ފެނިފައިއޮތީ މި ޙަޤީޤަތެވެ. ޤައުމަށް ގައްދާރުވުމާއި ޚިޔާނާތެވެ. ޕޯޗުގީޒުން ރާއްޖެއައީ އެގޮތުންނެވެ. ހޮޅިންނާއި މަލަބާރީންގެ އަނިޔާވެރިކަން ތަހައްމަލް ކުރަންޖެހުނީވެސް އެހެންވެގެންނެވެ. މިނިވަންކަން ގެއްލި އިނގިރޭސީންގެ "ހިމާޔަތުގެ" އެއްބަސްވުން އެކުލަވާން މަޖުބޫރުވީ ހަމަ އެފަދަ ސަބަބަކަށްޓަކައެވެ. ނޮވެންބަރު 3 ގެ ހިތްދަތި ދަނޑިވަޅާ ކުރިމަތިލީވެސް ހަމަ މިފަދައިންނެވެ. ދިރާސާކޮށް ބެލުމުން ފެންނަ ތަސްވީރަކީ މިއީއެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ އެފަދަ ދުވަހެކެވެ. ނަޞްރުގެ ދުވަހެވެ. އެ ހިތާމަވެރި ހާދިޘާއަށް 35 އަހަރު ވެގެން ދިއައީއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި ދިވެހިން ދުށް އެންމެ ހިތާމަވެރި އެއްދުވަހެވެ. ޤައުމުގެ މިނިވަންކަމާމެދު ސުވާލެއްގެ ތެރެއަށް ޤައުމު ހުއްޓިގެންދިޔަ ހިނދުކޮޅެއްގެ ހާދިޘާއެކެވެ. 19 ދިވެހީން ޝަހީދުވެގެން ދިއަ ހިތާމަވެރި ހާދިޘާއެކެވެ. ދިވެހި ޤައުމުގެ ޙައްޤުގައި ދިވެހި ފަސްގަނޑަށް ދިވެހިން ލޭ އޮހޮރުވާން ޖެހުނު ހިތްދަތި ހާދިޘާއެކެވެ. އެ ދުވަހުގެ ޣައްދާރުންނަށް މި ޤައުމު ދެމި އޮތްހާ ދުވަހަކު ހަޤީޤީ މާފެއް ނުލިބޭނެއެވެ.

އެ ދުވަހުގެ ވާހަކަ ދައްކަން ޖެހެއެވެ. ބައެއްގެ ހިތުގައިޖެހުނު ނަމަވެސް އެ ވާހަކަ ކިޔަވައިދޭން ޖެހެއެވެ. ސުކޫލުތަކާއި ކޮލެޖުތަކުގައި އެ ފިލާވަޅު ނަގައިދޭން ޖެހެއެވެ. ޤައުމީ ޓީވީއާއި ނޫސްތަކުން އެ ދުވަހުގެ ހަދީޘާތައް މިއަދުގެ ޖީލަށް އަންގައިދޭން ޖެހެއެވެ. އެއީ ޤައުމީ ވާޖިބެކެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއާމެދު ވިސްނައިލުމުން، ލިއްބައިދޭ ފިލާވަޅުތަކެއް އެބަހުއްޓެވެ. މާޒީގައި ހިނގައިފައިވާ މިފަދަ އެހެންވެސް ހާދިޘާތަކާ އެއްގޮތް ކަންތައްކަކެއް އެބަހުއްޓެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ހިންގި ޖަރީމާއެއްކަން އެނގެން އެބައޮތެވެ. ޤައުމިއްޔަކުގެ ލޯބި ހިތުގައި ނެތުމުގެ ސަބަބުން އުފަންވި ހާދިޘާއެއްކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެ ގޮތެއްވިއަސް ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއަކީ ވެރިކަމާއި، އަމިއްލަ މަންފާ އިސްކުރުމުގެ ޢަމަލެކެވެ. ޤައުމަށް ގައްދާރު ވުމުގެ ހަނގުރާމައެކެވެ.

ހަމައެއާއެކު ޤަބޫލުކުރަން ޖެހޭ އަނެއް ހަޤީޤަތަކީ ނޮވެންބަރު 3 ގެ އުދުވާނުން ޤައުމު ބިނާކުރުމަށް ކިޔަވައިދޭންޖެހޭ ފިލާވަޅުތަކެއް ލިއްބައި ދިންކަމެވެ. އެ ދުވަހުގެ ހާދީޘާއާމެދު ފުންކޮށް ވިސްނާ ކޮންމެ ފަރުދަކަށް އެކަން ކަށަވަރު ވާނެއެވެ. މިފަދަ އެއް ހަޤީޤަތަކީ އެ ދުވަހުގެ ޝަރަފުވެރި ބަޠަލު ޝަހީދު ޙުސައިން އާދަމުގެ ހިތްވަރާއި ޖޯޝުން ފުރިގެންވާ ޖިހާދެވެ. ޤައުމާއި ދީނުގެ ޙައްޤުގައި ދައްކައިދިން ފުރިހަމަ ނަމޫނާއެވެ. އެއީ އަމިއްލަ ފުރާނައިން ޤައުމު ހިމާޔަތްކުރުމަށް ޤުރުބާންވުމުގެ ރިވެތި ނަމޫނާއެވެ.

ޝަހީދު ޙުސައިން އާދަމް

ޝަހީދު ޙުސައިން އާދަމެވެ. ތިޔައީ މި ޖީލުދުށް ފަހުލަވާނެކެވެ. ޤައުމީ ރޫހު ހިތުގައި ފޯދިފައިވާ އަޅުގަނޑުންގެ ޝަރަފެކެވެ. ތިބާ، ތިބާގެ ވާޖިބާއި މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކޮށްދީފީމުއެވެ. މިއަދުގެ ޒުވާނުންނާއި ދިރިތިބީންނަށް ލެއިން ޤުރުބާންވެ މި ޤައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދީފީމުއެވެ. އަންނަން އޮތް ޖީލުތަކަށްޓަކައި މި ލޮބުވެތި ފަސްގަނޑު ހިމާޔަތް ކޮށްދީފިއެވެ. ތިބާއަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. ތިއީ ޤައުމު އެދޭ ފަދަ ހީރޯއެކެވެ. ނަމޫނާއެކެވެ.

ޝަހީދު ޙުސައިން އާދަމްގެ މަސައްކަތަށް ތަޢުރީފު ޙައްޤެވެ. އެއީ އެންމެ 60 ވަޒަނުން ޤައުމުގެ ސަލާމަތުގެ ދޮރޯށި ހިފަހައްޓައިދިން މުޖާހިދެކެވެ. އޭނާގެ ވިސްނުމާއި ޖިހާދުން، ދިވެހި ސިފައިންނަށް ސިފައިންގެ ތެރެއިން ހަނގުރާމައަށް ސަފުތައް ރުކުރުވާލަން ވަގުތު ހޯދައިދިން ފަހުލަވާނެކެވެ. ތިބާގެ އަތުގައި އޮތް އެ 60 ވަޒަން ވިސްނުންތެރިކަމާއެކު ބޭނުން ނުހިފިނަމަ އެ ދުވަހު ދިވެހި ސިފައިންނަށް ދިފާޢުގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ދަތިވީހެވެ. ދުޝްމަނުންނަށް ހަމަލާދޭނެ ފުރުޞަތު ހޯދަން އުނދަގޫވީހެވެ. ތިއީ އެދުވަހުގެ އުނދުވާން ނާކާމިޔާބު ކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރި އަޅުގަނޑުމެން ފަޚުރުވެރިވާ ޤައުމީ ބަޠަލެކެވެ. އެދުވަހު ޤައުމަށްޓަކައި ޝަހީދު ޙުސައިން އާދަމާއި އެނޫން ސިފައިންވެސް އަދާކުރީ ޤައުމީ ވާޖިބެވެ. އިސްކުރީ ޤައުމީ މަޞްލަޙަތެވެ.

މިއީ އެންމެ ހާދިޘާއެކެވެ. ލިއްބައިދިން ފިލާވަޅަކީ ޤައުމީ މަޞްލަޙަތު އެހެން ހުރިހާ ކަމަކަށްވުރެ ބޮޑު ކަމެކެވެ. ޤައުމުގެ ދިރިއޮތުމާއި މަރުވުމުގައި ޤައުމިއްޔަތެއްގެ މުހިމުކަން ބޮޑުކަމެވެ. ޤައުމީ ވިންދު ޖަހާ ހިތެއް އޮތް ކޮންމެ މީހަކު ޤައުމާއި ދީނުގެ ދިފާޢުގައި ފަސްޖެހުމެއްނެތި ޤައުމުގެ ޙައްޤުގައި ނުކުންނާނެކަމެވެ. އެހެންނަމަވެސް އެއީ ހިތުގައި އާލާކުރަންޖެހޭ ލޯތްބެކެވެ. އިންދާ މުޑުވައްކުރަންޖެހޭ އޮއްޓަރެކެވެ.

ޤައުމީ މަޞްލަޙަތު ބޮޑުވަނީ އެހެންވީމައެވެ. ދީނުގައި ޙުކުމް ކަނޑައެޅުމުގައި މަޞްލަޙަތަށް ރިއާޔަތްކުރުން އޮންނަނީވެސް އެހެންވެގެންނެވެ. މިއަދު ޤަބޫލުކުރަން އެބަޖެހެއެވެ. ޤައުމީ މަޞްލަޙަތަކީ ތިމާގެ އެދުންތަކުގެ ކުރިމައްޗަށް އިސްކުރަންޖެހޭ އެއްޗެއް ކަމެވެ. ތިމާ ބޭނުންވާ ކޮންމެ ކަމެއް ބޭނުންވީގޮތަށް ނުކުރެވިދާނެއެވެ. ހިތް އެދޭ ހުރިހާ ކަމެއް ހިތް އެދުނުގޮތަށް ކުރުމަށް ހުރަސްތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް އެއީ ތިމާގެ އަމިއްލަ އެދުންތައް އިސްކޮށް ޤައުމީ މަޞްލަޙަތު ފަސްކުރަންވީ ސަބަބެއްނޫނެވެ. ބޭނުންވާ މަޤުޞަދު ޙާސިލްކުރުމަށް ޤައުމުގެ ރުކުންތައް ފުޑުފުޑުކޮއްލަންވީ ދަނޑިވަޅެއްވެސް ނޫނެވެ. ތިމާގެ މުޙުތާދުތައް ފުއްދުމަށްޓަކައި "އެވެރިންނަށް" އަތްދިއްކޮށްލަން ވީ ސަބަބެއްވެސް ނޫނެވެ. މިއީ އަހަރެމެން އެންމެންގެ ޤައުމެވެ. ޤައުމު ތިބާއަށްވުރެ ބޮޑެވެ. ތިބާއަށްވުރެ އިހެވެ.

ޤައުމަށްޓަކައި ވާންޖެހޭ ޤުރުބާނީ ވަރަށް ބޮޑެވެ. ކޮންމެ ޤައުމަކީވެސް އެ ޤައުމެއްގެ އަމިއްލަ އައިޑެންޓީޓީއެއް އޮންނާނެ ޤައުމެކެވެ. ޤައުމެއްގެ މިންގަނޑުން ހުއްދަކުރެވިފައިވާ ކަންތައްތަކާއި ހުއްދަނުވާ ކަންތައްތަކެއް ހުންނާނެއެވެ. މި މިންގަނޑު ހުރިހާ ޤައުމެއްގައި އެއްގޮތަކަށް އޮތުމަކީ ލާޒިމުކަމެއް ނޫނެވެ. ޤާނޫނުތަކާއި ޤަވާއިދުތައް ހަދަނީ އެހެންވެގެންނެވެ. ޤައުމުގައި ހިމާޔަތްކުރެވިފައިވާ ތަކެތި ބޭރުކަރަތަކަށް ވިއްކަން ނުލިބުމަކީ ޚާއިނުންނަށް ދަޢުވަތު ދޭންޖެހޭ ކަމެއްނޫނެވެ. ވެރިކަމުގެ ތަޚްތުގެ ހިތްހަމަޖެހުން ހޯދުމަށް ފުރުޞަތު ގެއްލުމަކީ ދީނައި ޤައުމު އެއްލައިލާ، ތިމާގެ އަމިއްލަ އެދުން އިސްކުރަންޖެހޭ ސަބަބެއްވެސް ނޫނެވެ. އެކަންވަނީ މާޒީން ކަށަވަރުވެ ހާމަވެފައެވެ. ނޮވެންބަރު 3 ގެ ހާދިޘާއާ ގުޅިފައިވާ އެއް ހަޤީޤަތަކީވެސް މިއީ އެވެ. އަމިއްލަ އަންބޮނޑި ބޮޑުކުރުމަށް ޤާނޫނާ ޚިލާފަށް ކުރަން އުޅުނު ވިޔަފާރިއެވެ. މިއީ ހައްތަހާވެސް ފިލާވަޅެވެ. މާޒީ ކިޔައިދިން ވާހަކަތަކެވެ. މިވާހަކަ ދައްކަން ޖެހެއެވެ. މިއަދުގެ ޖީލަށް އަންގައިދީ ބުނެދޭން ޖެހެއެވެ.

ނަޞްރުގެ ދުވަސް މިއަދު އަޅުގަނޑުމެންނާ ބައްދަލުކުރިނަމަވެސް މި ދުވަސް މިއަދުގެ ޖީލަށް އެނގެނީ ކިހާ ވަރަކަށް ތޯއެވެ. ތަޢުލީމީ މުޤައްރަރުގެ ތެރެއިން މިވާހަކަ ކިޔައިދެވޭތޯއެވެ. ޤައުމިއްޔަތެއް ބިނާކުރުމަށް މި ހާދިޘާ ބުނެދެވޭތޯއެވެ. އެކަން ނުކުރެވޭނަމަ ދުވަހުގެ ހަޤީޤީ މަޤުޞަދު ހާސިލެއް ނުވެއެވެ. މިއީވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން އަންނަ "ޗުއްޓީ" ދުވަހަކަށް ވެ ނިމިދާނެއެވެ. މިއަދުގެ ތުއްތު ހިތްތަކުގައި ޤައުމު އިސްކުރުމުގެ މުހިންމުކަން ނެތިދާނެއެވެ. ޤައުމީ ވިންދު ޖަހާ ހިތްތަކެއް އާލާ ނުވެދާނެއެވެ.

މިއީ ތިބާގެ އުފަން ފަސްގަނޑެވެ. ތިބާގެ ލޯބިވާ މައިންބަފައިންގެ ބިމެވެ. ތިބާ އުޅެބޮޑުވި ޤައުމެވެ. ތިބާގެ އެކުވެރި މިތުރުންނާއެކު ކުޅެ، މަޖާކުރި ތިބާގެ އަމިއްލަ ބިމެވެ. އެހެންކަމަށްވާއިރު އެއްވެސް ފަރުދެއްގެ އަމިއްލަ އެދުންތަކަށްވުރެ މި ޤައުމުގެ އެދުން ބޮޑުވާން ޖެހެއެވެ. ޤައުމުގެ މަޞްލަޙަތު އިސްވާން ޖެހެއެވެ. މި ބިން މާ މުހިންމު ވާންޖެހެއެވެ. އެއީ ތިބާވެސް އަދި އަހަރެންވެސް ދަސްކުރަންވީ ފިލާވަޅެކެވެ. ޤައުމަށްޓަކައި ތިމާ ބޭނުންވާ ބައެއްކަންކަން ފަސްކޮށްލަން ޖެހިދާނެއެވެ. އަނެއްބައި ހާލަތުގައި ތިމާ ބޭނުންވާ ކަންކަން ޤައުމަށްޓަކައި ދޫކޮށްލަންވެސް ޖެހިދާނެއެވެ. ހިތުގެ އެދުންތައް އެއްފަރާތް ކޮށްފައެވެ. ނަފުސުގެ އެދުންތައް ދުރުކޮށްފައެވެ.

comment ކޮމެންޓް