ފަސާދަކުރުމަށް ބުނާ ތެދަށްވުރެ، ސުލްހަކުރުމަށް ހަދާ ދޮގު ވެސް މާ ރަނގަޅޭ

އެއްވުމެއްގެ ތެރެއިން

ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ޢިބުރަތްތެރި ވާހަކައެއްގައި ވެއެވެ. އެއް ދުވަހަކު ރަސްކަލެއްގެ ދަރުބާރަށް ޙާޟިރު ކުރެވުނު ބޮޑު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު ރަސްގެފާނު ނެރުއްވިއެވެ. މިކަން އެނގުމުން ކުށްވެރިޔާ ދިރިހުރުމަށް އޮތް އުއްމީދު ގެއްލުމުން، ރަސްގެފާނަށް ވަރަށް ނުބައި ބަސްތަކެއް ގޮވައިފިއެވެ. އޭނާގެ ބަހެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެހެންވުމުން ރަސްގެފާނު ވިދާޅުވިއެވެ. އޭނާ އެ ކިޔަނީ ކީކޭހެއްޔެވެ. އެ ތާނގައި ހުރި ވަޒީރަކު ދެންނެވިއެވެ. އޭނާ އެ ކިޔަނީ ރުޅިމަޑު ކުޅައުމާއި ޢަފޫ ކުޅައުމުގެ މައްޗަށްހުރި އިތުރު ޘަވާބުތަކުގެ ވާހަކައެވެ. ރަސްގެފާނު ވިދާޅުވެއްޖެއެވެ. ރުޅިމަޑުކޮށް ޢަފޫކޮށްފީމެވެ. އެކަލޭގެ ދޫކޮށްލާށެވެ. މި މަންޒަރު ފެނުމުން އެ ތަނުގައި ހުރި އެހެން ވަޒީރަކު ދަންނަވައިފިއެވެ. މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑަކަށް މަނިކުފާނުގެ އަރިހުގައި ދޮގުހެދުމެއް ނުފެނެއެވެ. އެ ކަލޭގެ އެ ގޮވީ މަނިކުފާނަށް ވަރަށް ނުބައި ބަސްތަކެކެވެ. އެ ވަޒީރު އެ ދެންނެވީ މަނިކުފާނުގެ ދަރުބާރުގައި ހުސް ދޮގެވެ. ރަސްގެފާނުން ހިތްޕުޅާ ހަމަ ނުކުރައްވާފައި ވިދާޅުވިއެވެ. އެ ވަޒީރުގެ ދޮގަށް ވުރެ ކަލޭގެ ތިޔަ ބުނި ތެދު މާ ނުބައިވެއްޖެއެވެ.

މަރުޙޫމު ޙުސައިން ޞަލާޙުއްދީންގެ މި އިބުރަތްތެރި ވާހަކައަކީ މިއަދުގެ ޙާލަތާ ވަރަށް ގުޅޭ ޢިބުރަތްތެރި ވާހަކައެކެވެ. މަތީ މަޤާމާ ކުރިއެރުމަށްޓަކައި މީހަކާ ގުޅޭގޮތުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަންވީއެވެ. ތިމާއަށް އެއިން ލިބިދާނެ މާއްދީ ފައިދާއަކަށް ޓަކައެވެ. މި ސަބަބަށްޓަކައި މުޖުތަމައުގެ މަސްލަޙަތާ އެކުވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ވުރެ ފަސާދައާއި ބައިބައި ކުރުމަށް ބާރުދޭ ކަންތައްތައް ވަނީ އާންމުވެފައެވެ. އެ ކަމަށް ކުރެވޭ ހޭދަވަނީ އިތުރުވެފައެވެ. މުޅި މުޖުތަމަޢަށް ނަޒަރު ހިންގާލުމުން ފެންނަނީ ފިތުނަ ފަސާދަ އާންމުވެ ޖަމާއަތުގެ ގުޅުންތެރިކަން ހަލާކުވާ މަންޒަރެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާ މަންޒަރެވެ. އެކުވެރިކޮށް އެއްބައިވަންތަ ކުރުމުގެ ބަދަލުގައި ބައިބައިވުމާއި ބައިބައިކުރުމަށް ކުރެވޭ އިންވެސްޓް އިތުރުވެފައިވާ ތަނެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

ޖަމާއަތުގެ ގުޅުންތައް ބައިބައިވެ ހަސްފަސްވުމުގެ ނަތީޖާއަކީ ކޮބައިތޯއެވެ. މުޖުތަމަޢު ނިކަމެތި ވުމެވެ. ރަޙިމުގެ ގުޅުންތައްކެނޑި، ބައިބައި ވުމެވެ. އާއިލާތައް ބައިބައިވެ ޖަމާއަތުގެ ބަދަހިކަން ކެނޑިގެން ދިއުމެވެ. ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، ފަސާދަވެގެން ދިއުމެވެ. މިއީ އިސްލާމް ދީން ބާރު އަޅާ ގޮތްތޯއެވެ. ނުވަތަ ދީނުގެ އަސާސް ބިނާކޮށްފައިވާ ހަމަތޯއެވެ. ނޫންނަމަ މާތް ނަބިއްޔާ صلى الله عليه وسلم ދަސްކޮށްދެއްވި ސިޔާސަތު ތޯއެވެ.

ސޫރަތުލް މާއިދާގެ ދެވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَتَعَاوَنُوا عَلَى الْبِرِّ‌ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ މާނައީ “އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!" މިއީ އިސްލާމީ ޤައުމެއްގައި ކަން އޮންނަންވީ ގޮތެވެ. އަދި، އޮންނަން ޖެހޭނެ އުސޫލު ވެސް މެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ ޖަމާއަތުގެ ތެރޭގައި ފަސާދަ އުފެދި ބައިބައިވުމަށް ވާގިވެރިވުމެއް ނޫނެވެ. އާންމު މަސްލަޙަތު ގެއްލި ޖަމާއަތުގެ މެދުގައި ފަސާދަކުރުމަށް ބާރުދޭ ކަންކަމާ ދުރުހެލިވުމެވެ. އެއްބައިވަންތަކޮށް އެކުވެރި ބައެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މަގު އަމާންކޮށްދިނުމެވެ.

މި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ފެންނަންމުންދަނީ ފަސާދަކޮށް ބައިބައިކުރުމަކީ ބޮޑު ޚަދަރުކޮށްގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ސިޔާސީގޮތުން މިކަމަށް ހޭދަކުރެވޭ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައިވާތަނެވެ. ޓީވީ ޗެނަލްތައް ހަދައި، ނޫސްތަކަށް ފައިސާ ހޭދަކޮށް ކުރެވޭ އަގުބޮޑު މަސައްކަތެއްގެ ގޮތުގައި މިކަން ކުރަމުން ދާތަނެވެ. ފަހަރުގައި މިއީ ޒަމާނީ ޑިމޮކްރަސީގެ ރުކުނަކަށް ވެދާނެއެވެ. ނުވަތަ ޑިމޮކްރަސީގައި އޮންނަން ޖެހޭ އަސާސީ އުސޫލަކަށްވުން ވެސް އެކަށީގެންވެއެވެ. އެކަން ބޮޑަށް އެނގޭނީ ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކަށެވެ.

އަޅުގަނޑަށް ފެންނަ އެއްޗެއް އަޅުގަނޑު ދަންނަވައިލާނަމެވެ. ޓީވީތަކާއި ނޫސްތަކަށް މިއަދު އިތުރުބާރެއް ނޯވެއެވެ. ޕާޓީގެ ސިޔާސަތާއި ޕާޓީގެ ކުރިއެރުމަށްޓަކައި ކިތަންމެ ބޮޑު ދޮގެއް ވެސް ތެދަކަށް ހަދައިފާނެތީއެވެ. ދުވާލުގެ އަލިކަން ރޭގަނޑު ފާޅުވެފައިވާ އަލިކަމަށް ދައްކާނެތީއެވެ.

އިޖުތިމާއީ އެއްވުންތަކަކީ ފަސާދަކުރުމަށް ދެވޭ ފުރުސަތަކަށް ވެގެން ނުވާނެ ---

ޒަމާނާ އެކު ފަންނިއްޔާތުގެ ވަސީލަތްތައް ފުޅާވެދިއުމުން، ތަފާތު މަންސަތަކުގައި ލިޔެވޭ ލިޔުންތަކަކީ ވެސް މިފަދަ އެއްޗަކަށް މިއަދު ވެއްޖެއެވެ. ވަކިން ޚާއްސަކޮށް މީސްމީޑިއާގެ ވަސީލަތްތަކެވެ. މީހެއްގެ އަބުރު ކަތިލައި، އަގުވައްޓާލުމަށް ދެކެވޭ ވާހަކަތަކުގެ ހަޤީޤަތް ހާމަވާއިރު ގިނަ ފަހަރަށް އެ މީހަކަށް މަގުމައްޗަށް ނުކުމެ އުޅެވޭކަން ނޯވެއެވެ. ފަސާދަކުރުމަށް ފެތުރޭ ދޮގުތަކުގެ ދުވެލި ހަލުވިވެފައި ބާރުކަމުންނެވެ. ފޮލޯވާސް ގިނަވެފައި، ފެތުރުމަށް ކުރެވޭ ހޭދަ އިތުރުވުމުންނެވެ. އެކަމަށް ދެވޭ ވަގުތު ވެސް ގިނަވީމެވެ. ކޮންމެ ޓީވީ ޗެނަލަކީ މިއަދު ވަކި ފިކުރެއްގެ އެއްޗަކަށް ވެއްޖެއެވެ. ނޫސްތަކުގެ ހާލަތަކީ ވެސް މިއީއެވެ. މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކުވެރިކަމަށް ކުރެވޭ މާ ބޮޑު މަސައްކަތެއް ނެތެވެ. ތިމާގެ ފިކުރާއި ޕާޓީއަށްޓަކައި ކޮންމެ ފަދަ ވާހަކައެއް ވެސް ދެއްކިދާނެ ކަހަލައެވެ. އެކަމުގައި އިމެއް، މިނެއް ނޯވެއެވެ.

މިއީ ހަމައެކަނި ދިވެހި މުޖުތަމައަށް ވެރިވެފައިވާ ވަބާއެއް ނޫނެވެ. ހުޅަނގުގެ ދެފުއްދެގޮތް މީޑިއާތަކަށް ބެއްޔަސް މިކަން އޮތީ މިހެންނެވެ. އެންމެ ނުފޫޒުގަދަ ޓީވީ ޗެނަލްތަކަށް ބަލާލުމުން މިކަން ހާމަވެއެވެ. ހަމައެކަނި ފަލަސްޠީނުގެ މައްސަލައިގައި އެކަނި ވެސް ހުޅުނގުގެ މީޑިއާތަކުން މި ސިޔާސަތު ފެންނާނެއެވެ.

އަޅުގަނޑު ހިތަށް އަރައެވެ. ދިވެހިންގެ ތެރެއަށް މި ވަބާއެއް ތަޢާރަފުވެފައި މިވަނީ ކީއްވެންގެން ބާވައެވެ. އެންމެންނަކީ މުސްލިމުންނެވެ. މާޒީގައި ދިވެހިންނަކީ މިފަދަ ކަންކަމަށް ހިތްވަރުދީ އުޅުނު ބައެއްނޫނެވެ. އޭގެ ބަދަލުގައި ގުޅުންތެރިކަމާއި އެކުވެރިކަން އިސްކޮށްފައިވާ ބައެކެވެ. އިޖުތިމާއީ ގުޅުންތެރިކަމަކީ ދިވެހިންގެ ތެރޭގައި އިންތިހާއަށް އޮތްކަމެކެވެ. މުޖުތަމައުގެ ކުރިއެރުމާއި ތަރަށްޤީއަށްޓަކައި މަސައްކަތް ކުރުމުގައި ނިކަން ޖޯޝާއި ފޯރި ހުރި ބައެކެވެ. ފަހަރުގައި އޭރު މި ވަސީލަތްތަކާއި، ތަނަވަސްކަން ނެތީކަމަށް ވެދާނެއެވެ.

އަޅުގަނޑަށް ފާހަގަވާގޮތުގައި މި ވަބާއެއް ދިވެހީންގެ ތެރެއަށް ތަޢާރަފުވެފައި މިވަނީ ޒަމާނީ ޑިމޮކްރަސީގެ އޮއިވަރާ އެކުގައެވެ. ހައްދެއްނެތް މިނިވަންކަން ދޭން ޖެހުނީމައެވެ. އިމެއްނެތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވައިލަން ޖެހުނީމައެވެ. ދިވެހި ރީތި އުސޫލުތަކާއި ގޮތްފޮތް ފަސްއަޅާ ފޮރުވުމަށް ފަހު "ތަހުޒީބު" ވާން ޖެހުނީމައެވެ. އެހެނަސް މިއީ އިސްލާމީ ރިވެތި އުސޫލުތަކާއި ހަމަތަކާ އަރާރުންވެ، ފުށުއަރާ ކަމެއް ނޫންތޯއެވެ.

ޑިމޮކްރަސީގެ ހަލުވި ދުވެލީގައި އަޅުގަނޑުމެންގެ ވެއްޓަށް ވެސް ވެރިވެފައިވަނީ ވަބާއެކެވެ. ހަމަޖެހުމާއި ސުލްހަވެރިކަމަށްވުރެ ހަސަދަވެރިކަން ބޮޑުވުމުގެ ބަލިމަޑުކަމެވެ. ވެރިކަމުގެ ޖާހާއި ބާރުތައް ހޯދުމަށް ކުރެވޭ ހޭދައާއި ހަކަތަ އިތުރުވުމުގެ ބަލިމަޑުކަމެވެ. ފައިސާގެ ނުފޫޒާއި މާއްދީއަތަށް ލެބެވޭ މިންވަރު އިތުރުވުމެވެ. މި ސަބަބުތަކަށްޓަކައި ފަސާދައަށް ދެވޭ ޖާގަ އިތުރުވީއެވެ. ވަކީން ޚާއްސަކޮށް ސިޔާސީ ވެރިންނާއި ޕާޓީތަކަށެވެ. ތިމާގެ ޕާޓީއާއި، ޕާޓީއަށް ވެރިކަން ހޯދުމާއި، ޕާޓީއަށް މަންފާވާނެގޮތެއް އޮތްނަމަ މިއަދު ހުރިހާ ކަމެއް ވެސް "އޯކޭ" އެވެ. ތެދެން ހެދެން އޮތް ނަމަވެސް ދޮގެއް ހެދުމަކީ އައުލާކަން ބޮޑުކަމެއް ކަމަށް ވެއްޖެއެވެ.

މިއީ މިއަދުގެ ހަޤީޤަތެވެ. ޤަބޫލުކުރަން ހިތް ނޭދުނަސް ހާލަތާއި ކަންހިގަމުން ދާގޮތެވެ. ސުލުހަވެރިކަމާއި އާންމު މަސްލަޙަތު ރައްކާކުރުމަށް ވުރެ، ޕާޓީއާއި ޕާޓީ ފިކުރުގެ އަޅުންނަށް އަޅުގަނޑުމެން ވެއްޖެއެވެ. ބާއްޖަވެރިކަމާއި ފަލާޙަށް ކުރެވޭ އިންވެސްޓަށްވުރެ ދުނިޔޭގެ މާއްދީ އެދުމަށް ކުރެވޭ ހޭދަ ބޮޑުވީއެވެ. މިއީ ބަދަލުކުރަން ޖެހިފައިވާ ސިޔާސަތެކެވެ. ދުނިޔޭގެ ދިރިއުޅުމުގައި އަޅުގަނޑުމެންނާ ހަވާލުވެފައިވާ ވާޖިބާއި މަސްއޫލިއްޔަތު މާ ބޮޑެވެ. އަދާކުރަންޖެހޭ ޙައްޤުތަކާއި ޒިންމާތަށް މާ ގިނައެވެ. މިއީ މާއްދީ ޢާލަމެކެވެ. މިއަދު އޮތީ ތިމާގެ ފަތަށް ލުއިކުރުމެވެ. ބާއްޖަވެރިކަމަށް މަގުކޮށުމެވެ. ފަހަރެއްގައި ވެސް ފާސަދައާއި ބައިބައިކުރުމަކުން ތަންދިނުމެއް ނޫނެވެ.

މަރުޙޫމް ޞަލާހުއްދީން ލިޔުއްވާފައިވާފަދައިން ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ ޞުލްޙަކުރުމަށް ހަދާ ދޮގު ވެސް ބައެއް ހާލަތުގައި މާ ރަނގަޅެވެ.

ގުޅޭ ޓެގު
comment ކޮމެންޓް