މި ސަރުކާރުގެ ސިޔާސީ މަގާމު ދޫކުރައްވައި، ބައެއް ބޭފުޅުން އެމްޑީޕީން ވެސް ވަކިވެއްޖެ

އެމްޑީޕީން ވަކިވުމަށް އިސްތިއުފާދެއްވި ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑް އާމިނަތު ޝަތުފާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ --

މި ނިމޭ އެމްޑީޕީގެ ސަރުކާރުގައި، ސިޔާސީ މަގާމުތައް ފުރުއްވި އެމްޑީޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުން ފުރުއްވި މަގާމުން އިސްތިއުފާ ދެެއްވުމާއެކު، ޕާޓީން ވެސް ވަކިވުމަށް ސިޓީ ހުށަހަޅުއްވައިފިއެވެ.

އެ ޕާޓީން ވަކިވުމަށް ސިޓީ ހުށަހެޅުއްވި ބައެއް ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައި، ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ހެޑް އާމިނަތު ޝަތުފާއާއި އެ ނޫން ބައެއް ބޭފުޅުން ހިމެނެއެވެ.

ޝަތުފާ ވަނީ ޕާޓީން ވަކިވުމަށް ސިޓީ ހުށަހަޅުއްވައި، އެ ސަބަބު އެކްސްގައި ހިއްސާ ވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އޭނާ ވަކިވީ އެހެން ޕާޓީއަކާ ގުޅުމުގެ ނިޔަތުގައެއް ނޫނެވެ.

އޭނާ ޕާޓީން ވަކިވުމަށް ނިންމެވީ، މިނިވަންކަމާއެކު ޚިޔާލު ފާޅުކޮށް، އޭނާ ގަބޫލުކުރާ ހަމަތަކަކީ ކޮބައިކަން ދެނެގަނެ އިތުރަށް ކުރިއަށް ދިއުމަށް ކަމަށް ވިދާޅުވިއެވެ.

އެއާއެކު އެމްޑީޕީއަށާއި، އެ ޕާޓީގެ ލީޑާޝިޕަށް އޭނާ ޝުކުރު އަދައިކުރެއްވިއެވެ.

މީގެ އިތުރުން ޕާޓީން ވަކިވުމަށް ނިންމަވައި އެ ކަން ހުށަހެޅުއްވި އެއް ބޭފުޅަކީ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީއެވެ.

އޭނާވަނީ އެމްޑީޕީއަށް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުކުރައްވައިފައެވެ.

އެ ފަދަ މައްސަލަތައް ހެއްކާއެކު ހުށަހެޅުމުން ވެސް ވެރިން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައިނުވާ ކަމަށެވެ. އެ ކަންކަން ހާމަކޮށް އިދާރާތަކަށް ހުށަހަޅައި ނިޒާމާ އެއްގޮތަށް މަސައްކަތްކުރަން އުޅުމުން މަސައްކަތުން އެކަހެރިކުރީ އޭނާކަމަށް ވެސް ހަމަދު ވިދާޅުވިއެވެ.

"މިއީ ކޮރަޕްޝަނާއި ފަސާދަ ނެތިކުރުމަށް މި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ފެށުނީއްސުރެ އަޅުގަނޑު ކުރަމުން އައި އުއްމީދަށް ހީނަރުކަމެއް ގެނައި ކަންކަމެވެ،" އެ ސިޓީގައި ހަމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަން ހިންގުމަށް ފުރުސަތު އޮތުމަކީ އޭނާ ޕާޓީއާ ގުޅިވަޑައިގަތް މަގްސަދާ ޚިލާފުވާ ކަމެއް ކަމަށެވެ. އެހެންވެ އިސްތިއުފާ ދެއްވީކަމަށް ވިދާޅުވިއެވެ.

ހަމަދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މި އަހަރުގެ ރިޔާސީ އިންތިޚާބާ ކައިރިކޮށް އޯގަސްޓު މަހުގެ ތެރޭގައެވެ. މީގެ އިތުރުން ވެސް ބައެއް މެމްބަރުން އަންނަނީ އެމްޑީޕީން ވަކިވުމަށް އެދެމުންނެވެ.

މީގެ އިތުރުން ތައިލެންޑް އެމްބަސީގެ ސެކަންޑް ސެކެޓްރީއަކަށް ހުންނެވި، ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ވެސް ވަނީ އެމްޑީޕީން ވަކިވެފައެވެ. އޭނާ ވެސް އެމްޑީޕީން ވަކިވުމަށް ނިންމެވީ ކޮރަޕްޝަނާ ދެކޮޅަށް އޭނާ ގަބޫލުކުރައްވާ ހަމަތަކާ ޚިލާފު ކަންތައްތަކެއް އެ ޕާޓީން ކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައެވެ.

އޭގެ ތެރޭގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަަލައިގައި ސަރުކާރުން އަމަލުކުރި ގޮތާ ގުޅިގެން އޭނާ ނުރުހުން ފާޅުކުރައްވައިފައިވެއެވެ.

ހާޝިމް އެމްޑީޕީން ވަކިވެލެއްވީ އެ ޕާޓީގައި 17 އަހަރު އުޅުއްވުމަށްފަހުގައެވެ.

comment ކޮމެންޓް