ގެދޮރުވެރިޔާ ފްލެޓް ލިސްޓުތައް ބާތިލުކުރަން ގޮވައިލައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓު ބާތިލްކުރުމަށް ގޮވައިލައި އާންމު ރައްޔިތުން އިހުތިޖާޖުކުރުން -- ފޮޓޯ/ ސޯޝަލް މީޑިއާ

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް ބާތިލްކުރުމަށް ގޮވައިލައި އާންމު ރައްޔިތުން އިހުތިޖާޖުކޮށްފިއެވެ.

މިއަދު ހަވީރު ރަސްފަންނުން ފެށި އެ އިހުތިޖާޖުގައި ބައިވެރިންވަނީ ފްލެޓު ކޮމެޓީ ޗެއާކުރެއްވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ނިންމެވި ނިންމެވުންތައް ތަހުގީގުކުރުމަށް ގޮވައިލައިފައެވެ.

އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަވަސް އަރުވައިލައިގެން، ކުރު މުއްދަތެއްގައި އާންމުކުރި ފްލެޓް ލިސްޓުތައް ބާތިލްކުރުމަށްވަނީ ގޮވައިލައިފައެވެ.

އިހުތިޖާޖުގެ ބައިވެރިން ތުހުމަތުކުރި ގޮތުގައި އެ ފްލެޓުތައް ބަހައިފައިވަނީ މި ނިމުނު ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ފައިދާވާ ގޮތަށެވެ.

"އަޅުގަނޑުމެންނަކީ މާލޭގައި ކުޑައިރުއްސުރެ އުޅުނު މީހުން. އަޅުގަނޑަށް ލިބުނީ 72 ޕޮއިންޓު. ކޮބާ އިންސާފު،" އިހުތިޖާޖުގެ ބައިވެރިއަކު ޝުއޫރު ފާޅުކުރިއެވެ.

https://sun.mv/184749

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފައިވަނިކޮށް ވެސް ރޭ ދަންވަރު ހައުސިން މިނިސްޓްރީންވަނީ ވަނީ އެ މަސައްކަތް ކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، އޭސީސީން ވަކި ގޮތެއް އަންގަންދެން، ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް އަންގައި އެ ކޮމިޝަނުން ވަނީ ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިމަހުގެ ހަތަރެއްގައެވެ. އެ ލިސްޓާއެކު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނެވެ.

އެ ލިސްޓާ މެދު ގިނަ ބަޔަކު ނުރުހުންވެ، ޕްލޭނިން މިނިސްޓްރީގެ އޮފީހަށް އެއްވެ އިހުތިޖާޖު ކުރި ފަހުން، ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން މިމަހުގެ ފަހެއްގައި އެންގިއެވެ. އެ ކޮމިޝަންގެ ތަހުގީގު ތެރެއިން، ޕްލޭނިން މިނިސްޓްރީއަށް ގޮސް ވެސް މަސައްކަތްތަކެއް ކުރިއެވެ.

comment ކޮމެންޓް