ފްލެޓުތައް ހަވާލުކުރުން ހުއްޓާލަން އަނެއްކާވެސް އޭސީސީން އަންގައިފި

ފްލެޓް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން އިއްޔެ އާއްމުން ޕްލޭނިން މިނިސްޓްރީއަށް އެއްވި ވަގުތު-- ސަން ފޮޓޯ: އަބްދުﷲ ޝާތިއު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަނެއްކާވެސް އަންގައިފިއެވެ.

އޭސީސީން މިގޮތަށް އެންގީ، ހައުސިން މިނިސްޓްރީން ފްލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު، އަލުން ދާއިމީ ލިސްޓު އާންމުކުރި ފަހުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، އޭސީސީން ވަކި ގޮތެއް އަންގަންދެން، ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް އަންގައި އެ ކޮމިޝަނުން ވަނީ މިރޭ ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަަމަށް އޭސީސީން އެ ސިޓީގައި ބުނެފައިވެއެވެ.

އޭސީސީން އެގޮތަށް އެންގިއިރު، ފްލެޓު ލިބޭ ފުރަތަމަ 4،000 މީހުންގެ މެދުގައި ގުރުނެގުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ވަނީ ރޭ ކުރިއަށްގެންގޮސްފައެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިމަހުގެ ހަތަރެއްގައެވެ. އެ ލިސްޓާއެކު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނެވެ.

އެ ލިސްޓާ މެދު ގިނަ ބަޔަކު ނުރުހުންވެ، ޕްލޭނިން މިނިސްޓްރީގެ އޮފީހަށް އެއްވެ އިހުތިޖާޖު ކުރި ފަހުން، ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން މިމަހުގެ ފަހެއްގައި އެންގިއެވެ. އެ ކޮމިޝަންގެ ތަހުގީގު ތެރެއިން، ޕްލޭނިން މިނިސްޓްރީއަށް ގޮސް ވެސް މަސައްކަތްތަކެއް ކުރިއެވެ.

https://sun.mv/184732

ޕްލޭނިން މިނިސްޓްރީން ދާއިމީ ފްލެޓު ލިސްޓު ނެރެ ރޭ ކުރި އިއުލާނުގައި ވަނީ، ތިން ކޮޓަރީގެ އެޕާޓްމެންޓު ފުރަތަމަ ލިބޭ މީހުންގެ ތެރޭގައި 75 ޕޮއިންޓު ލިބުނު ބައެއް މީހުން ވެސް ހިމެނޭނެ ކަމަށް ބުނެފައެވެ. އެގޮތުން 76އިން ފެށިގެން މަތީ ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ދިނުމަށް ފަހު ބާކީވާ ތިން ކޮޓަރީގެ ފްލެޓުތަކަށް، 75 ޕޮއިންޓު ލިބުނު މީހުންގެ މެދުގައި ގުރު ނަގައި ފްލެޓު ދޭނެ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް