"ވައްކަން، ވަގުން، ހިޔާނާތް، އިންސާފު، ޒީރޯ ޓޮލެރެންސް،"
މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ގިނައިން ބޭނުން ކުރެއްވި ބަސްފުޅުތަކެވެ. އެ އިންތިޚާބުގެ ކަވަރޭޖަށް އޭރުގެ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް ރައީސް ޞާލިހާ އެކު 47 ރަށަށް އަޅުގަނޑު ދިޔައީމެވެ. ރައްޔިތުންނަށް އެ މަނިކުފާނު ވެލެއްވި ވައުދުތައް ވަރަށް ކައިރިން އަޑުއިވުނެވެ.
އޭރު އޮތް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ވައްކަމާއި ފަސާދައިގެ ތުހުމަތުކޮށް މަލާމާތް ކުރެއްވިއެވެ. އަދި، އެކަން ބަދަލުކޮށް ގެއްލުނު ފައިސާ ހޯދައި ދެއްވާނެ ކަމަށް އެތައް ހާސް ފަހަރު ވައުދުވެވަޑައިގެންނެވިއެވެ. އެ އުއްމީދާ އެކު ރައްޔިތުން ކުރި އާދޭސް އަޅުގަނޑު ދުށީމެވެ.
ވެރިކަން ހޯއްދެވީ ޔާމީން ސަރުކާރުގައި ވައްކަމުގެ ހުތުރު އެތައް ލަގަބެއް އަޅުވައިގެންނެވެ. ދައުލަތުގެ މާލިއްޔާއިން މުށް ޖަހާފައި ވައްކަންކޮށްފި ކަމަށާއި އެ ފައިސާ ހޯދައިދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ދައުރު މިއަދަށް ހަމަވީއެވެ. ސުވާލަކީ އެކަން ވިތޯއެވެ؟
ޖަވާބު ސާފެވެ. ކީހާ ޅެންވީ ފަރިއްސަށެވެ. ހަރު އަޑުންވީ ވައުދާ އެއްގޮތަށް ގެއްލުނު ފައިސާއިން އެންމެ ސެންޓެއް ވެސް ހޯދައި ނުދެވުނެވެ. ފައިސާ ނުހޯދުނުތާ ހިޔާނާތް ރަނގަޅަށް ތަހުގީގެއް ވެސް ނުކުރެވުނެވެ. ފައިސާ ހޯދަން ކޮމިޝަން ހައްދަވައި ކުރެއްވި ހޭދަ ވީ ގައުމަށް ބުރައަކަށްވި އިސްރާފަކަށެވެ. ފައިސާ ނުހޯދުނުތާ ދިވެހި ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއަކަށް ހިޔާނާތްވި ކަމަށް ޝަރީއަތާއި ލައިވް ޓީވީގައި އެއްބަސްވި ބޭފުޅުންނަށް ފަހު ވަގުތު އެ ދެއްވީ މައާފެވެ. ގައުމަށްވި ގެއްލުން ފޫބެއްދުމަށާއި ގައުމުގެ މުސްތަގުބަލު އިސް ކުރުމަށް ވުރެން އިސް އެ ކުރެއްވީ އަމިއްލަ މަސްލަހަތެވެ. ހަމަ ގައިމު ވެސް މިއީ 2018 ވަނަ އަހަރު ވައުދުވެ ވަޑައިގެންނެވި ގޮތެއް ނޫނެވެ.
ހިޔާނާތުން ސިޔާސީ ވެރިން "ބަނޑު އަޅައިލި" ފައިސާ ހޯދަން ކަމަށް ބުނެ މިލިއަނުން އިސްރާފުކޮށްފައި ފަހު ނޭވާގައި ރައްޔިތުންނަށްވީ ހިޔާނާތެވެ.
ވެރިކަން ފެށުނީއްސުރެ އަދީބަށް ލުއިގޮތް
ރައީސް ޞާލިޙަށް ވެރިކަން ލިބުމާ އެކު ވެސް ބޮޑު ގޯހެއް ހެއްދެވިއެވެ. ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ އެކްޓިވިސްޓް އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންވަންކޮށް ޖަލުން ދޫކޮށްލީ ވެރިކަމާ ހަވާލުވެ މަހެއް ވެސް ނުވަނީހެވެ.
އެކަމަކު، ފަހުން 2019 ވަނަ އަހަރު ރައީސް ޞާލިޙް ވަނީ އެ ނިންމުން ނިންމެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވާ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.
ބޮޑު ހިޔާނާތާ ގުޅިގެން ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ދެން އެ ކަމުގައި އެންމެ އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުންނެވީ ގޭ ބަންދުގައެވެ. އެކަމަށް އެތައް ބަޔަކު ފާޑު އަމާޒުވި ނަމަވެސް މި ސަރުކާރުން އަމަލު ކުރެއްވީ އެގޮތަށެވެ. އެތައް އަހަރެއްގެ ޖަލު ހުކުމް އިއްވުމުން ވެސް އެ ދެ ބޭފުޅުން ތިއްބަވަނީ ގޭގައެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރެއްވީ ރައީސް ޔާމީނެވެ. ގިނަ ބަޔަކު މިކަން އޭރު ވެސް ސިފަ ކުރެއްވީ ނާއިންސާފުން އަދި ޒާތީކޮށް ކުރައްވާ ކަމެއްގެ ގޮތުގައެވެ.
ދައުލަތް ދަވާލި ބޮޑު ހިޔާނާތުގެ މުގުލުގައި ހުރި ކަމަށް އިއުތިރާފުވީ އަދީބާއި ޒިޔަތެވެ. އަދީބަކީ 800 އަހަރުގެ ހުކުމެއް އަންނަ ވަރަށް ހިޔާނާތްވެފައި ހުންނެވި ބޭފުޅެކެވެ. ހުރިހާ ޕާޓީތަކަށް އެކިއެކި ރޭޓުތަކުގައި ބަހައިގެން އެންމެން ލާމެހިގެން ހިންގި ހިޔާނާތުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަތީ ޔާމީން ގިނިކަންޏާއެވެ. އެއީ، މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިންސާފު ހޯދުމުގައި ހިޔާނާތްވި މިންވަރެވެ.
އެންމެ ފަހުން ރައީސް ޞާލިޙްގެ ދީލަތި މައާފުގެ ދަށުން އަދީބަށާއި ޒިޔަތަށް މިވަނީ މައާފު ދެއްވާފައެވެ. މިއީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އަމިއްލަ ޕާޓީގެ ގިނަ ބަޔަކަށް ވެސް މިކަން ބަލައެއް ނުގަނެވުނެވެ. އަދި ކުއްލިއަކަށް ނިންމެވި މި ނިންމުން ނިންމެވިކަން ރައީސާ އަރިސް ބައެއް ބޭފުޅުންނަށް ވެސް އެނގިވަޑައިގަތީ ނޫހަށް އެ ޚަބަރު އެރި ފަހުންނެވެ.
މިކަމުގެ ސަބަބުން އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގައި ޖެހޭނެ ލަށްގަނޑު ހަމަ ރަނގަޅަށް ވެސް ރައީސް ޞާލިޙަށް އެނގިވަޑައިގަންނަވާނެއެވެ. ސުވާލަކީ އެކަން އެނގިވަޑައިގެން ހުންނަވައި މިވަރުގެ ކަމެއް މި ކުރެއްވީ ކޮން މަޖުބޫރެއްގެ ސަބަބުން ތޯއެވެ؟
ރާއްޖޭގެ ސިޔާސީ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅަކު، ހުންނެވި މަގާމުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި މި އަމަލުން ސާފު ވަނީ ރައީސް ޞާލިޙް، އަދީބަށް ދަރާފައިވާ މިންވަރު ކަމަށެވެ. އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޞާލިޙް ކުރެއްވި ބޮޑު ހޭދައެވެ. މުށް ހުޅުވާލައްވައިގެން ވޯޓު ހޯއްދެއްވުމަށް އެތައް މިލިއަނެއް ހަރަދު ކުރެއްވިއިރު އިންތިޚާބުގެ ދުވަސްވަރު، ބޭސްފަރުވާއަށް އަދީބު ހުންނެވީ ސިންގަޕޫރުގައެވެ.
"ރައީސް ޔާމީން ވެސް ވިދާޅުވި ނޫންތޯ އަދީބުގެ ފައިސާ ހުރީ ސިންގަޕޫރުގައި ކަމަށް. އެހެންކަމުން ރައީސް ޞާލިޙަށް ފަންޑު ލިބިލެއްވީ އަދީބުގެ އެ ދަތުރުން ކަމަށް ވުން ކައިރި ނޫންތޯ؟ މިއީ މިފަދަ މާފެއް ދޭން ރައީސަށް މަޖުބޫރު ވާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ނިމިގެން މިދާ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލަތައް ނުބެލުނީ އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބުމުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސިޔާސީ ދާއިރާގައި އުޅުއްވާ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޒިޔަތު އާއި އަދީބު މިނިވަން ކުރުމަކީ މާދަމާ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ޑރ. މުޙައްމަދު މުއިއްޒަށް ރައީސް ޞާލިޙް ކުރެއްވި ޖެއްސުމެކެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސްގެ މަގުސަދަކަށް ވާނީ އުފެދޭ ސަރުކާރަށް އުނދަގޫ ކުރެއްވުމެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނި ގޮތުގައި ރިޔާސީ ދައުރު ނިމެން އެންމެ ތިން ދުވަހަށްވެފައިވަނިކޮށް، އަދީބާއި ޒިޔަތަށް މައާފުދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. އަދި، މިއީ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް ލިބުނު ހިތްވަރެއް ކަމަށް ޓްރާންސްޕޭރެންސީން ސިފަ ކުރެއެވެ. އަދި އެ ފަރާތްތަކަށް ސިޔާސީ ނަހަމަ ނުފޫޒުން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ވެސް ރައީސްގެ އެ ނިންމެވުމުން ހާމަވެއެވެ.
ޓްރާންސްޕޭރެންސީން ވެސް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ބައިވެރިންގެ ގޮތުގައި 281 މީހަކު ހިމެނޭއިރު މި ފަސް އަހަރު އެ މައްސަލައިގައި އެންމެ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފައިވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި، އެ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު ވެސް ހާމަކޮށްފައިނުވާއިރު، އެ ހޯދަން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ޞާލިހު 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެންމެ އިސްކަމެއް ދެއްވާނެ ކަމެއްގެ ގޮތުގައި ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމުގެ ސިޔާސަތެވެ. ނަމަވެސް ޓްރާންސްޕޭރެންސީން ބުނީ މި ނިމޭ ފަސް އަހަރުގެ ތެރޭގައި ވެސް ފެނުނީ ކޮރަޕްޝަނަށް ފެހި ސިގްނަލް ދީފައި އޮތް މަންޒަރުކަމަށާއި އެ ފަދަ އަމަލުތަކުގައި ޝާމިލުވާ މީހުންނަށް ހިމާޔަތްދޭ މަންޒަރު ކަމަށެވެ.
މި ބޮޑު ތުހުމަތަށް ވެސް އަދި ކުއްލި ގޮތަކަށް އަދީބާއި ޒިޔަތު މިނިވަން ކުރި ސަބަބު ހޯދުމަށް ވެސް ކުރި މަސައްކަތުން ސަރުކާރުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނުރަސްމީކޮށް ސަބަބު ހޯދާލުމަށް ރައީސްގެ ވަރަށް އަރިސް ބޭފުޅުންނާ ސުވާލު ކުރުމުން އެ ބޭފުޅުން ވެސް ވިދާޅުވީ މި ނިންމުން ރައީސް ނިންމެވީ އެ ބޭފުޅުންނާ އެއްވެސް މަޝްވަރާއެއް ކުރެއްވުމެއް ނެތި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ގެއްލުނީ ދިވެހި ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެކެވެ. އެއީ ރައީސް ޞާލިޙްގެ ފައިސާއެއް ނޫނެވެ. އެހެންކަމުން އެންމެ ބޭފުޅަކު ދެއްވާ މައާފަކުން އެކަމެއް ނުނިމޭނެއެވެ.
ދެން އޮތީ މީހުން މެރި މީހުންނަށް ދިން ލުޔެވެ. ރައީސް ޞާލިޙް ވަނީ 2017 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ވެސް އަދަބު ލުއިކޮށްދެއްވައިފިއެވެ. އެ ކުއްޖާގެ 18 އަހަރުގެ ހުކުމުން 10 އަހަރު މައާފުކޮށްދެއްވިއެވެ. އަދި، އިއްޔެ ފެންމަތިވި އަނެއް ކަމަކީ މީހަކު މަރައިލުމުގެ ކުށް ސާބިތުވެ 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހަކަށް ގޭ ބަންދުގެ ލުއި ރައީސް ދެއްވުމެވެ. މި ފަހަރު ލުއި ދެއްވީ 2016ވަނަ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކ. ކާށިދޫ، ރަންފަރު، އުމުރުން 14 އަހަރުގެ އަޙްމަދު އިރުޝާން ހިލްމީ މަރައިލި މައްސަލައިގައި ކުށް ސާބިތުވި މީހަކަށެވެ.
ވައުދާ ހިލާފުވެއްޖެ
މި ހުރިހާ މައާފަކީ ވެސް ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދުފުޅުތަކާ މުޅިން ހިލާފު ކަންކަމެވެ.
ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެލެއްވުމަށް ފަހު ރާއްޖެ ޓީވީއަށް 2019 ވަނަ އަހަރު ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ ހުކުމް ތަންފީޒު ކުރާ މީހުންނާ މެދު އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ލިޔެފައި އެބައޮތް ކަމަށާއި އެއްވެސް ޑީލެއްގެ ދަށުން އެއްވެސް ކުށްވެރިއަކަށް ލުއި ނުދެއްވާނެ ކަމަށެވެ.
"މިހާރު އޮންނަ ގޮތުން ވެއްޖެއަކާ ރައީސަކަށް ހުންނަ މީހަކަށް މައާފެއް ނުދެވޭ. ލުއި ކޮށްދެވެނީ. އަޅުގަނޑަށް އެ ހިސާބަށް ދެވޭނީ. ވެރިއަކަށް ހުންނަ މީހަކަށް އެ ހިސާބަށް ދެވޭނީ ހުރިހާ މަރުހަލާއެއް ނިމިގެން. އެހެންވީމާ އޭގެ ބޭރުން އަޅުގަނޑަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ." ރައިށް ވިދާޅުވިއެވެ.
"އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،"
އެ މަނިކުފާނުގެ އަމަލާއި ބަހާ ދިމާވި މިންވަރު މި ހަފުތާގައި ހިނގި ކަންކަމަށް އެކަނި ބެލި ނަމަވެސް ސާފު ވާނެއެވެ. އެނގޭހާ ވެސް އެއްޗަކީ މިފަދަ ނިންމެވުންތަކެއް އެ ނިންމެވީ ވަރަށް ބޮޑު މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަމެވެ. އެއީ މީހަކަށް ސިޔާސީ ޖެއްސުމެއް ކުރަން އަމިއްލަ ކަރަށް މަހާނެ މަޅިއަކަށް ވުރެ ލައްގަނޑު ހުތުރު މަޅިއެކެވެ.
އަރިސް މީހުންނަށް ފުލެޓު ބަހާލުން
މާލޭގެ ރައްޔިތުންނަށް ބިން ދޫކުރުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ނަމަވެސް ތަހުޒީބީ ގޮތަކީ ކަމެއް ކުރުމުގެ ކުރިން ޕްލޭނެއް ހަދައި ހިސާބުތައް ޖެހުމެވެ. އަދި، ކުރިން ހަދާފައިވާ ޕްލޭނެއް ބަދަލު ކުރާނަމަ ރަނގަޅު ދިރާސާއެއް ކުރުމެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްކޮޅު ރައީސް ޞާލިޙުގެ މި ނިމޭ ސަރުކާރުން ހުޅުމާލެއިންނާއި ގިރާވަރުފަޅުންނާއި ގުޅީފަޅުން ބިން ބަހައިލީ އެ އުސޫލަކުން ނޫނެވެ.
އެތައް މިލިއަނެއް ހަރަދުކޮށްގެން ހަދާފައިވާ ހުޅުމާލޭގެ މާސްޓާ ޕްލޭން ބަދަލުކޮށްލީ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ގިރާވަރާއި ގުޅީފަޅުން ބިމުގެ ރަޖިސްޓްރީ ދޫކުރިއިރު ބައެއް ހިސާބުތައް ހިއްކާ ވެސް ނުނިމެއެވެ. އަވަސް އަރުވާލައިގެން ސިޔާސީ ބޭނުމަށް ކުރި ކަމެއްކަން ދޭހަވާ ގޮތަށް އެކަން ކޮށް ނިންމާލީއެވެ.
މި ސަރުކާރުން އަޅަން ފަށާފައިވާ 4000 ފުލެޓު ލިބޭ ފަރާތްތަކުގެ ލިސްޓް ނެރުނުއިރު ވެސް މިފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ރައީސް ޔާމީންގެ ސަރުކާރުން ޕާޓީ މީހުންނަށް ފުލެޓު ދިން ކަމަށް ބުނެ ވެރިކަމަށް އައި މި ސަރުކާރުން ވެސް ފަހު ވަގުތު ކަން މި ކުރީ ހަމަ އެ އުސޫލުންނެވެ. ޕޮއިންޓް ދީފައި ހުރިގޮތުން އެތައް ޝަކުވާއެއް އުފެދުނެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންގެ އާއިލާ އާއި އަރިސް މީހުންގެ ލިސްޓަށް ބަލައިލީމާ ފުލެޓު ލިސްޓުގެ ކަންކަން ހިނގައި ދިޔަ ގޮތް ސާފުވާނެއެވެ.
ފުލެޓު ދިނުމުގައި ނާއިންސާފުން އެތައް ކަމެއް ކުރި ކަމަށް ބެލެވޭ އަނެއް ސަބަބަކީ އަވަސް އަރުވާލައިގެން ރަޖިސްޓްރީ ދޫކުރަން އުޅުމުން އެ މައްސަލަ ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެކަން ދެ ފަހަރު މަތިން ހުއްޓުވަން ޖެހުމެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މިގޮތަށް ފުލެޓު ލިސްޓް އާއްމު ކުރުމަކީ ވެސް ޕާޓީގެ މީހުންނަށް ފުލެޓު ދިނުމުގެ އިތުރުން ދެން އުފެދޭ ސަރުކާރަށް ދަތި ކުރުމުގެ ގޮތުން މި ސަރުކާރުން ކުރާ ކަމެކެވެ. ފުލެޓު ލިބޭނެ މީހުންގެ ލިސްޓުގައި ތިބި މީހުން އުފެދޭ ސަރުކާރަށް ޕްރެޝަރު ކުރާނެތީއެވެ.
ކޮންމެ އަކަސް ހިތްތިރި، އޯގާތެރި، އިންސާފުވެރި، މަޝްވަރާގެ މަތިން ކަންކަން ނިންމަވާ ބޭފުޅެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދުށް ރައީސް ޞާލިޙް މި ވަނީ ފަހު ވަގުތު ވަރަށް ބޮޑެތި ގޯސްތަކެއް ހައްދަވައިފައެވެ. އެ މަނިކުފާނުގެ މުޅި ލެގަސީ އަމިއްލަފުޅަށް ޚަރާބުކޮށްލައިފައެވެ. މުޅި ސިޔާސީ ހަޔާތް ކިލަނބުވާނެކަން ޔަގީންވާ މަޅިއެއް އަމިއްލަފުޅަށް ކަރަށް މަހައިލާނީ އޮތް މަޖުބޫރުކަމާއި ދެން ވެދާނެ ގޮތް އަދި މާ ހުތުރު ވީމައެވެ.