މީހަކު މަރައިލުމުގެ ކުށް ސާބިތުވެ 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މީހަކަށް ގޭ ބަންދުގެ ލުއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވައިފިއެވެ.
އޭނާ ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަނީ 2016ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކ. ކާށިދޫ، ރަންފަރު، އުމުރުން 14 އަހަރުގެ އަޙްމަދު އިރުޝާން ހިލްމީ މަރާލި މައްސަަލައިގައެވެ.
އޭނާ މަރާލިކަން ސާބިތުވީ އެ ކުށް ކުރިއިރު 18 އަހަރު ނުފުރޭ މީހަކަށެވެ. އެހެންވުމުން އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެވެއެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ މީހާއަށް ލުއިދޭން ރައީސް ނިންމެވިކަން "ސަން"އަށްވަނީ ކަށަވަރުވެފައެވެ. އެގޮތުން އޭނާ ވަނީ ގޭބަންދަށް ބަދަލު ކޮށްފައެވެ.
އެ މާރާމާރީ ހިންގާފައި ވަނީ އެ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 5:30 އެހައިކަންހާއިރު، މ. މަދަންގެއާ ދިމާލަށްވާ ގޮތަށް މަޖީދީމަގުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައެވެ. އިރުޝާން މަރުވެފައި ވަނީ ލިބުނު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް އައިޖީއެމްއެޗުގައެވެ.
މަރުގެ އެ މައްސަލާގައި ތިން ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އޭރު އެ ކުދިންގެ އުމުރަކީ 14 އަހަރާއި 15 އަހަރާއި 17 އަހަރެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމެން 48 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވާއިރު އިއްޔެ އެ މަނިކުފާނު ވަނީ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ކުށް ސާބިތުވެ، 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުއްޖާއަށް ވެސް އަދަބު ލުއިކޮށްދެއްވައިފިއެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށާއި އަބްދުﷲ ޒިޔަތަށް ވެސް ވަނީ މައާފުދެއްވައިފައެވެ.
އެއާއެކު ގިނަ ރައްޔިތުންނާއި، ސިޔާސީ ފަރާތްތަކުން އަންނަނީ އެ މަނިކުފާނު ފަހު ވަގުތު އެ ކުރައްވާ އަމަލުފުޅުތަކަށް ފާޑު ކިޔަމުންނެވެ.