ފުރަތަމަ 100 ދުވަސް: ބަންކަރިންގެ ޚިދުމަތާއެކު ގާދޫގައި ހަދާ ބަނދަރުގެ މަސައްކަތް ފަށާނެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފުތިތާހު ކުރެއްވުން --

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ބަންކަރިން ޚިދުމަތް ދެވޭ ގޮތަށް ލ. ގާދޫގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ މަަސައްކަތް ފަށާނެ ކަމަށް އިއުލާންކޮށްފިއެވެ.

އެމަނިކުފާނުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ރޭ އިފުތިތާހުކޮށްފައިވާއިރު އޭގެ ތެރޭގައި އެ މަނިކުފާނުގެ ގިނަ ރިޔާސީ ވައުދުތަކެއް ވެސް ހިމެނެއެވެ. އެގޮތުން، އެކި މަސައްކަތްތައް ކުރުމަށް 100 ދުވަހުގެ ތެރެއިން އެކި މުހުލަތުތައް ދީފައިވައިރު، ގާދޫގައި ބަނދަރުގެ މަސައްކަތް ފެށުމަށް ދީފައި ވަނީ 100 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ބަނދަރު ހެދުމަކީ އިންތިޚާބީ ރައީސް ރިޔާސީ ކެމްޕޭނުގެ ތެރެއިން ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެވަޑައިގަތް ވައުދެކެވެ.

ގާދޫގެ ވެލާއަރާ ގޮނޑުދޮށަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލ. އަތޮޅުގެ ހަ ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވިއިރު، އެ ލިސްޓުގައި ހިމެނުއްވި އެއް ތަނެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.

މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީގެ ރޮނގުން ކުރާނެ ކަމަށް އިއުލާންކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި:

  • ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ހާލަތު ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން
  • ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، ރާއްޖޭގެ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުން
  • ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުން

މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ މާދަމާ ހަވީރު، ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

comment ކޮމެންޓް