އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް، މައާފުދޭން ސަރުކާރުން ނިންމި ނިންމުމަށް އަދާލަތު ޕާޓީން ފާޑު ކިޔައިފިއެވެ.
އަދީބާއި ޒިޔަތަށް މައާފުދޭން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ އިއްޔެއެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ވަނީ، ދައުލަތުގެ މުދަލަށް ބޮޑެތި ޚިޔާނާތްވީ ކަމަށް އަމިއްލައަށް އިއުތިރާފުވެ، އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
މިކަމާ ގުޅިގެން ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އަދާލަތު ޕާޓީގެ އެއްވެސް އިސް ބޭފުޅަކު ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.
އަދާލަތު ޕާޓީއަކީ މި ސަރުކާރާއެކު ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެމިއޮތް އެއް ޕާޓީއެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ މި ސަރުކާރުގައި ހޯމް މިނިސްޓަރެވެ. އަދި އަދާލަތު ޕާޓީގެ މެންބަރުން ސަރުކާރުގެ އެކި މަގާމުތައް ފުރާފައި ވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އަދާލަތު ޕާޓީން ވަނީ ރައީސް ޞާލިހާ އެކު ކޯލިޝަން ހައްދަވާފައެވެ. އަދި އެ ޕާޓީން ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ދުނިޔޭގެ ސަމާލުކަމަށް އައި މައްސަލައެކެވެ. އެ މައްސަލައާ ގުޅޭގޮތުން އަލް ޖަޒީރާ ނޫހުން ތަފްސީލީ ޑޮކިއުމެންޓްރީ އެއްވެސް ގެނެސް ދިނެވެ.
ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމެވެ. ނަމަވެސް އެކަން ނުވިއިރު ދައުރު މި ނިންމާލީ ހިޔާނާތުގެ މުގުލުގައި ތިއްބެވި ދެ ބޭފުޅުންނަށް މައާފު ދެއްވައިގެންނެވެ.