މިހާރަކަށް އައިސް، ދިވެހިން ''ގެންދާ'' މިންވަރު މާގިނައީއެވެ.

ގަބޫލުކުރަމެވެ. ދިވެހިބަހަކީ ބަދަލުވާންޖެހޭނެ އެއްޗެކެވެ. ޒަމާނާ އެއްގޮތަށް ބަދަލުވާންޖެހޭނެއެވެ. ދުނިޔެއަށް އަންނަ ތަހުޒީބާއެކު ދިވެހިބަސް ވެސް ތަހުޒީބުވާން ޖެހޭނެއެވެ. އެކަމަކު އޭގެ މާނައަކީ، ދިވެހިބަހުގެ ހަމަތަކާއި މާނަ ފުށުއެރުން ހުރި ލަފުޒުތައް ތިމާ ހިތުހުރިގޮތަކަށް ބޭނުންކުރުމެއް ނޫނެވެ. އިހު އުސްތާޒުން ދެއްކެވި ރީތި ހަމަތަކާއި އުސޫލުތައް ދޫކޮށް ތިމާގެ ބުއްދިއަށް އަންނަ ކޮންމެ ބަދަލެއް ބަހަށް ގެނައުމަކީ، ބަލައިގަންނަން ދަތިކަމެކެވެ. އަޅުގަނޑު އެކަންޏަކަށް ނޫނެވެ. ބަހުގެ ހަމަތަކަށް ލޯބިކުރާ ކޮންމެ މީހަކުވެސް އަޅުގަނޑުގެ މި ވާހަކައާ އެއްބަސްވާކަމަށް އުއްމީދުކުރަމެވެ.

މިހާރު މިއޮތީ ކޮންމެ ރަށަކުން، ކޮންމެ އަތޮޅަކުން އަދި ކޮންމެ ސަރަހައްދަކުން ވެސް ލިޔުންތައް ނެރެ ޝާއިޢު ކުރެވޭ ޒަމާން އައިއްސައެވެ. ބައެއް މީހުން ސަމާސާ ރާގެއްގައި، ސިފަކޮށްލުމަށް ބުނެއުޅޭ ފަދައިން، "ކޮންމެ ދެމަފިރިއަކަށް މިހާރު ނޫހެއް" ނުކުމެއެވެ. ޝަހާދަ އިނގިލީގެ ކުރިއަށް ދުނިޔެ ކުޑަވެފައިވާ މި ދުވަސްވަރުގައި، އޮންލައިންކޮށް ނެރޭ ނޫސްތައް އެހައި ގިނައެވެ. އެހެންވީމާ، އެއިން ކޮންމެ ނޫހަކަށް ލިޔުންތައް ލިޔާނެ "ލިޔުންތެރިން" ވެސް ތިބޭނެތާއެވެ. އޭގެ ތެރެއިން ގިނަ ލިޔުންތެރިންނަކީ ވަރަށް ޅަކުދީންނެވެ. އެކަމަކު ނޫސްވެރިކަމަށާއި ލިޔުންތެރިކަމަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން އެ ފަންނުގައި ހަރަކާތްތެރިވަނީއެވެ. ޅަލިޔުންތެރީން އާރުލާ ލިޔުންތެރީންނަށް ވެވޭނީ، ޅަކޮށް ތިއްބައި ލިޔުނީމައެވެ. ތަޖުރިބާ ލިބޭނީ މިހާރު ފެށީމައެވެ. މިއީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ކުރިމަގު އުޖާލާވާނެ ކަމުގެ ހެއްކެކެވެ.

މިހާރަކަށް އައިސް ލިޔާލިޔުންތަކުގައި އާއި އަޅުގަނޑުމެންގެ ވާހަކަދެއްކުމުގައި ބޭނުންކުރަމުން އަންނަ ލަފުޒަކާމެދު ވާހަކަދައްކައިލާނަމެވެ. ތިޔަ ލިޔުންތެރީންގެ ބުރަ މަސައްކަތަށް ހިތްވަރު ދިނުމާއެކު، މި ވާހަކައާމެދު ވިސްނައިލުމަށެވެ. ފަހަރެއްގައި ކަމުދާ ވާހަކައަކަށް ވެސް ވެދާނެއެވެ. ކަމުދާނަމަ، ބަލައިގަންނާނީއެވެ. ކަމުނުދާނަމަ، ދޫކޮށްލާނީއެވެ.

ތިރީގައި މި ލިޔާ ޖުމުލަތަކަށް ވިސްނައިލާށެވެ.

1. މި މެޗުން ފެނިގެންދިޔައީ ރޮނާލްޑޯގެ މޮޅުކުޅުމެވެ.

2. ދެން އަޑު އިވިގެންދިޔައީ ރަފީޢުގެ ލަވައެކެވެ.

3. އެ ހާދިސާ ހިނގައިގެންދިޔައީ ސައިކަލު ދުއްވަން އިން މީހާގެ ފަރުވާކުޑަކަމުންނެވެ.

4. އެ ތަން ހުޅުވިގެންދިޔައީ ވަރަށް ގިނަ ބައެއްގެ ހާޒިރުގައެވެ.

5. މެޗުގެ ފަހު ހާފުގައި ހަތަރު ލަޑު ފެނިގެންދިޔައެވެ.

6. ޔަހޫދީންގެ ހަމަލާތައް ރޭގައި އަމާޒުވެގެންދިޔައީ އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ.

7. މި ދަރިވަރަށް ކާމިޔާބު ލިބިގެންދިޔައީ އޭނާގެ މައިންބަފައިންގެ ބުރަމަސައްކަތުންނެވެ.

8. މަގުމަތީން ކުނި މަދުވެގެންދިޔައީ ސިޓީ ކައުންސިލުން ކުރި މަސައްކަތުންނެވެ.

9. މި ވާހަކައިން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ ދިވެހީންނަކީ ހިތްހެޔޮ ބައެއް ކަމެވެ.

10. ދުނިޔޭގައި ކޮވިޑު ފެތުރިގެންދިޔައީ ހީވެސް ނުކާރާހާ ހަލުވި މިނެއްގައެވެ.

މި ދިހަ ޖުމުލައިގައި ވެސް ކަމެއް ފާހަގަކުރެވޭނެއެވެ. ކޮންމެ ޖުމުލައެއްގައި ވެސް މާޒީވި ކަމެއްގެ ގޮތުގައި "ކަމެއް" ބޭނުންކޮށްފައިވާނެއެވެ. އެއީ، ފެނިގެންދިއުމާއި، އިވިގެންދިއުމާއި ހިނގައިގެންދިއުމާއި ހުޅުވިގެންދިއުމާއި އަމާޒުވެގެންދިއުމާއި ލިބިގެންދިއުމާއި މަދުވެގެންދިއުމާއި އެނގިގެންދިއުމާއި ފެތުރިގެންދިއުމެވެ. މިއީ ހައްތާވެސް، ކަމެވެ. އެކަމަކު މި ޖުމަލަތައް ތަންކޮޅެއް އަޑުހަރުކޮށް ކިޔައިލީމާ، ކަންފަތަށް އުނދަގޫ ގޮތެއް ހުންނަކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އެއީ ކޮންމެ ކަމެއްގެ ފަހަތަށް "ގެންދިއުން" އަންނާތީއެވެ. ފެނިފައި ގެންދަނީއެވެ. އިވިފައި ގެންދަނީއެވެ. ހިނގައިފައި ވެސް ގެންދިޔައީއެވެ. ހުޅުވިފައި ވެސް ގެންދަނީއެވެ. ދިގުކުރަން ލިޔާނެކަމެއް ނެތެވެ. ހަމަ ކޮންމެ އެއްޗެއް ގެންދިޔައީއެވެ. މާގިނައިން ވެސް ގެންދިޔައީއެވެ.

މިހައި ހިސާބުން އުފެދޭ ސުވާލަކީ، މި ތަކެތި ނުގެންގޮސް ފަރުޖެއްސޭނެ ގޮތެއް ހަމަ ނެތް ބާވައެވެ؟ ގެންދާ ވާހަކަ ނުލިޔެ، ތިމާ ބުނަން ބޭނުންވި ވާހަކަ ބުނެވޭނެ ގޮތެއް ނެތް ބާވައެވެ؟ އިސްވެ ދެންނެވި ޖުމުލަތަކުގައިވާ "ގެންދިއުން" އުނިކޮށްލުމުން، ތިމާ އަނެކާއަށް ވިސްނައިދޭން ބޭނުންވި މާނަ ހަމަ އެގޮތުގައި ވިސްނައިދެވޭ ބާވައެވެ؟ ކުޑަކޮށް ބަލައިލަމާ ހިންގަވާށެވެ. ތިރީގައި ނަކަލު މި ކޮށްލަނީ، ހަމަ އެ ޖުމުލަތަކެވެ. އެހެންނަމަވެސް "ގެންދިއުން" އުނިކޮށްފައެވެ. ނުގެންދާ ގޮތަށް ބަދަލުކޮށްފައެވެ. ގެންދަން ހުރިތަކެތި މާ ގިނަވީމައެވެ.

1. މި މެޗުން ފެނުނީ ރޮނާލްޑޯގެ މޮޅުކުޅުމެވެ.

2. ދެން އަޑު އިވުނީ ރަފީޢުގެ ލަވައެކެވެ.

3. އެ ހާދިސާ ހިނގީ ސައިކަލު ދުއްވަން އިން މީހާގެ ފަރުވާކުޑަކަމުންނެވެ.

4. އެ ތަން ހުޅުވީ ވަރަށް ގިނަ ބައެއްގެ ހާޒިރުގައެވެ.

5. މެޗުގެ ފަހު ހާފުގައި ހަތަރު ލަޑު ފެނުނެވެ.

6. ޔަހޫދީންގެ ހަމަލާތައް ރޭގައި އަމާޒުވީ އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ.

7. މި ދަރިވަރަށް ކާމިޔާބު ލިބުނީ އޭނާގެ މައިންބަފައިންގެ ބުރަމަސައްކަތުންނެވެ.

8. މަގުމަތީން ކުނި މަދުވީ ސިޓީ ކައުންސިލުން ކުރި މަސައްކަތުންނެވެ.

9. މި ވާހަކައިން އަޅުގަނޑުމެންނަށް އެނގުނީ ދިވެހީންނަކީ ހިތްހެޔޮ ބައެއް ކަމެވެ.

10. ދުނިޔޭގައި ކޮވިޑު ފެތުރުނީ ހީވެސް ނުކާރާހާ ހަލުވި މިނެއްގައެވެ.

މި ޖުމުލަތައް އަޑުހަރުކޮށް ކިޔައިލީމާ، ކުރީގައި ހުރި، ކަންފަތަށް އުނދަގޫވުން އަޅުގަނޑަށް ފިލައިފިއެވެ. އަދި ހަމަ މާނައަށް ވެސް ބަދަލެއް އައިކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ހަމަ އެއް މާނައެކެވެ. އެކަމަކު ބައެއް އުނިކޮށްފީމެވެ. އަކުރުތަކެއް މަދުކޮށްފީމެވެ. ވަގުތުތަކެއް ވެސް ސަލާމަތްވެއްޖެއެވެ. ގަލަމަކުން ލިޔާނަމަ ދެލި ވެސް ސަލާމަތް ވެއްޖެއެވެ.

ވަގުތު ސަލާމަތްކޮށް، ލިޔަންޖެހޭ އަކުރުތައް މަދުވުމަކީ، ލިޔުންތެރީންނަށް ފަސޭހަވާނެކަމެއްކަން ކަށަވަރެވެ. ވާހަކަދެއްކުން ތެރީންނަށް ދުލުން ބޭރުކުރަންޖެހޭ އަޑުތައް ވެސް މަދުވާނެ ނޫންތޯއެވެ؟ އެހެންވީމާ މިއީ ނުކުރާވަރުގެ ކަމެއް ނޫނެއް ނޫންތޯއެވެ؟ ލިޔުމުންނާއި ވާހަކަދެއްކުމުން މާނައެއް ނެތް "ގެންދިއުން" ދޫކޮށްލަމާ ހިނގާށެވެ. ނުގެންގޮސް ފަރުޖެހޭ ނަމަ، ނުގެންދަމާ ހިނގާށެވެ. އާނއެކެވެ. އޭރުން ދިވެހި ލިޔުންތަކުންނާއި ދިވެހިންގެ ވާހަކަތަކުން "ގެންދާ" މިންވަރު ހަމަ ޔަގީނުން ވެސް މަދުވާނެއެވެ.

comment ކޮމެންޓް